ދިވެހި ފިލްމުތައް ބަލަން ސިނަމާއަށް ދާ މީހުންނަކީ ފިލްމުތަކަށް އެންމެ ރަނގަޅަށް ޖަޖު ކުރެވޭނެ މީހުންނެވެ. ފިލްމު ބަލައި ނިމިގެން މާޔޫސްވެ ކަރުއެލުވައިލަން ޖެހޭ ފަހަރާއި، ފިލްމާމެދު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބި އެވަރުން ދެން ފުއްދާލާ ފަހަރުތަކާވެސް ބެލުންތެރީންނަށް ކުރިމަތިވާނެ އެވެ. ނަމަވެސް ފިލްމެއް ބަލާފައި ހަމަ އެންމެ އިދިކީލި ރައްދެއް (ނެގެޓިވް ކޮމެންޓެއް) ދޭން ނުޖެހޭ ވަރުގެ މޮޅު ދިވެހި ފިލްމަކާ ދިމާ ނުވެޔޭ ބުނެވެން އޮތް ތާރީޚް ބަދަލުކޮށްލާ ވަރުގެ ވަރުގަދަ ދިވެހި ފިލްމެއް މިހާރު މިއޮތީ ދިވެހިންނަށް ފެނުމުގެ ނަސީބު ލިބިފައެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސުޓޫޑިއޯ “ޑާކްރެއިން އެންޓަޓެއިންމަންޓް”ގެ މިއަހަރުގެ ފުރަތަމަ ފިލްމު “ގޮށްރާޅު” ބެލި ގިނަ ބައެއްގެ ފަރާތުން ތައުރީފުގެ ބަސްތައް އުތުރި އަރަމުންދާ މަންޒަރަކީ ނުފެންނަ ކަމަށް ހެދެން ނެތް މަންޒަރެކެވެ.
ޤަބޫލުކުރަން ޖެހޭ ބަޮޑު ޙަޤީޤަތެއް، “ގޮށްރާޅު” ފިލްމާއެކު ދިވެހި ފިލްމު އިންޑަސްޓްރީ އަށް ޑާކްރެއިން އެންޓަޓެއިންމަންޓް ސްޓޫޑިއޯ އިން މިވަނީ ވަރުގަދަ ރާޅެއްހެން ބިންދައިލާފަ އެވެ. ފިލްމު އިންޑަސްޓްރީގެ މަލަމަތި ބަދަކުކޮށްލާފަ އެވެ. ފެންވަރު ރަނގަޅު މޮޅު ފިލްމެއް ކޮންމެ ޖޮންރާއެއްގައި އުފެއްދިޔަސް ދިވެހީން ބަލައިގަންނާނެ ކަން މި ފިލްމުން ސާބިތުކޮށްދީފި އެވެ.
“ގޮށްރާޅު” ބެލި އެންމެންހެންވެސް އަންނަނީ މި ފިލްމަށް ހާސްފަށުން ތަޢުރީފް ކުރަމުންނެވެ. މިއީ މިހައިތަނަށް ރާއްޖޭގައި އުފެއްދި އެންމެ މޮޅު އެއް ފިލްމު ކަމަށް ގިނަބަޔަކު ބުނާއިރު ފިލްމުގެ މަންޒަރުތައް ގެނެސްދީފައިވާގޮތް ފުރިހަމަކަން ކޮންމެ ބެލުންތެރިއެއްވެސް ވަނީ ފާހަގަކޮށްފައެވެ.
ފިލްމާއިމެދު ބެލުންތެރީންގެ ތެރެއިން ބައެއް ފަރާތްތަކުން ކޮށްފައިވާ ކޮމެންޓްތައް ހިމަނާލާނަމެވެ.
“ގޮށްރާޅު” ފިލްމަކީ މުހައްމަދު އަލީ (މޮގާ) އަދި އަލީ ޝިފާއު (ޗިއްޕެ)ގެ ޕްރޮޑަކްޝަން ޓީމުން ތައްޔާރުކޮށް، ޒުވާން ޑައިރެކްޓަރު އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ސްކްރީން ޕްލޭ އަކީ މޫމިން ފުއާދުގެ މޮޅު މަސައްކަތެކެވެ.
















