މިއީ މުނިއަވަސް ނޫހުގެ ނޫސްވެރިންނާއި، އެޑިޓަރުން އަދި އެހެނިހެން މުވައްޒަފުންގެ އަޚުލާޤީ މިންގަނޑު، ވަޒީފާ އަދާކުރުމުގައާއި އާންމު ދިރިއުޅުމުގައި ގެންގުޅެން ޖެހޭ ގޮތް ބަޔާންކުރާ ސުލޫކީ އަދި އެޑިޓޯރިއަލް މިންގަނޑެވެ. މުނިއަވަސް އަށް ކިޔުންތެރިން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، މިނޫހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް މި އުސޫލުތަކަށް އަމަލުކުރަން ވާނެއެވެ.
ތެދުވެރިކަން
މަސައްކަތުގައި ހުރިހާ މުވައްޒަފުންވެސް ތެދުވެރިވާން ވާނެއެވެ. ނުހިނގާ ކަމެއްގެ ޚަބަރެއް، ނުވަތަ ހިނގި ކަމެއްގެ މައުލޫމާތު އޮޅޭގޮތަށް ނުވަތަ ނުބައިކޮށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދީގެން ނުވާނެއެވެ. އަދި މީހަކު ނުދައްކާ ވާހަކައެއް ދެއްކި ކަމަށް ހަދައިގެން، ނުވަތަ ދެއްކި ވާހަކައެއްގެ ހަގީގަތް އޮޅޭގޮތަށް ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދީގެން ވެސް ނުވާނެއެވެ. މިފަދަ އަމަލެއް ހިންގައިފިނަމަ އެ މުވައްޒަފެއް، ވަޒިފާއާއި ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެއެވެ.
އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އެހެން ނޫސްތަކުގެ ނޫސްވެރިންނާއި، މައުލޫމާތު ދޭ އެންމެންނާއި، އާއްމުކޮށް ހުރިހާ ފަރާތްތަކާއެކުވެސް މުއާމަލާތުކުރަން ވާނީ އަދަބު އިޙްތިރާމާއެކުގައެވެ. ބިރު ދެއްކުމާއި، ތަފާތުކުރުމާއި، ޒުވާބުކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
މުވައްޒަފުންގެ އުފެއްދުންތަކަކީ އަމިއްލަ އުފެއްދުންތަކަކަށް ވާން ޖެހޭނެއެވެ. އެހެން މީހެއްގެ މަސައްކަތް، މުވައްޒަފުގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެއްކުމަކީ (އެހެން މީހެއްގެ ލިޔުމެއް، ޚިޔާލެއް، ކުރެހުމެއް، ފޮޓޯ/ވީޑީއޯއެއް ތިމާގެ އުފެއްދުމެއްގެ ގޮތުގައި ދެއްކުން) ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މަޞްލަޙަތު ފުށުއެރުން
ނޫސްވެރިކަމުގައި ވަކި ފަރާތަކަށް ބުރަ ނުވުމުގެ ހަމައަށް އަސަރުކުރާ އަދި ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ބެލެވޭނެ އަމިއްލަ، މާލީ އަދި ރަސްމީ މަޞްލަޙަތު ފުށުއަރާ އެއްވެސް އަމަލެއް އެއްވެސް މުވައްޒަފަކު ކޮށްގެން ނުވާނެއެވެ. މަޞްލަޙަތު ފުށުއަރާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނޫހުގެ ވެރިންނަށް އަންގަންވާނެއެވެ.
ޚަބަރާއި މައުލޫމާތު ފެތުރުމަށް ހުރަސް އެޅިދާނެ، ނުވަތަ ވަކި ފަރާތެއްގެ ނުފޫޒު ދަށުވެދާނެ އެއްވެސް ހަދިޔާއެއް އެއްވެސް މުވައްޒަފަކު ޤަބޫލުކޮށްގެން ނުވާނެއެވެ. މީގެ ތެރޭގައި ފައިސާއާއި، ހިލޭ ދަތުރުތަކާއި، ހިލޭ ޚިދުމަތްތައް އަދި އެހެނިހެން ހަދިޔާތައް ހިމެނެއެވެ. ކުންފުންޏަކުން ނުވަތަ އިދާރާއަކުން ޕްރޮމޯޝަނަލް މެޓީރިއަލެއްގެ ގޮތުގައިދޭ ބްރޭންޑެޑް ގަލަމެއް ފަދަ އެއްޗެހި މީގެ ތެރެއަކު ނުހިމެނެއެވެ.
މުނިއަވަސް ނޫހުގެ އެއްވެސް މުވައްޒަފަކު އެހެން އިތުރު ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވޮލަންޓިއަރ ކުރާނަމަ އެކަން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް އަންގަންވާނެއެވެ. އަދި އެ މުވައްޒަފަކު އަދާކުރާ ވަޒީފާއަކުން ނުވަތަ ކުރާ އެހެން މަސައްކަތެއްގެ ސަބަބުން މަޞްލަހަތު ފުށުނާރާކަން ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ކަށަވަރުކުރަން ވާނެއެވެ.
ޕްރައިވެސީ
މީހުންގެ އަމިއްލަ ދިރިއުޅުމާއި ޒާތީ މައްސަލަތައް ރިޕޯޓް ކުރާއިރު އެމީހުންގެ ޒާތީ ދިރިއުޅުމުގެ ހައްޤަށް އިހްތިރާމްކޮށް އާންމު މަޞްލަހަތަށް ރިޢާޔަތްކުރަން ވާނެއެވެ.
އެއްވެސް މީހެއްގެ ފަރާތުން މައުލޫމާތު ހޯދާއިރު، މައުލޫމާތު ހޯދާނެ އިތުރު ގޮތެއް ނެތިގެން މެނުވީ، މައުލޫމާތު ހޯދާ ބޭނުން ސިއްރުކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެއެވެ.
ކާރިސާތައް، ޙާދިސާތައް އަދި ޖިނާޢީ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނާ ބެހޭ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އޯގާތެރިކަމާއި ވަގުތުގެ ހައްސާސްކަމަށް ރިޢާޔަތްކުރަން ވާނެއެވެ. ހިތާމަވެރި ދަނޑިވަޅުތަކުގައި ހިތާމަ ލިބޭ ފަރާތްތަކުގެ ފަރާތުން މައުލޫމާތު ހޯދުމުގައާއި މައުލޫމާތު ފެތުރުމުގައި އެމީހުންގެ ހިތާމަ އިތުރަށް ބޮޑުވެދާނެކަމެއް ނުކުރުމަށް ސަމާލުކަން ދޭން ވާނެއެވެ.
ޚާއްސަ ހާލަތްތަކުގައި ތިބޭ މީހުންނާއި، އަނިޔާ ލިބޭ މީހުން އަދި ކުޑަކުދިންނާ ގުޅޭ ވާހަކަތައް ގެނެސްދިނުމުގައި، އެއީ ކާކުކަން ނުވަތަ ކޮން ބައެއްކަން ދެނެގަނެވޭނެ އެފަރާތްތަކުގެ ޒާތީ މައުލޫމާތު ސިއްރުކުރަން ޖެހޭނެވެ. އަދި މިފަދަ ކަންކަން ރިޕޯޓްކުރުމުގައި އެޑިޓޯރިއަލް ޕޮލިސީގައި ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަބާވާން ޖެހޭނެއެވެ.
މީސްމީޑިއާ ބޭނުންކުރުން
މުވައްޒަފުން މީސްމީޑިއާގެ ހުރިހާ ވަޞީލަތެއްގައިވެސް ހަރަކާތްތެރިވާންވާނީ އާންމު އިޖުތިމާޢީ މިންގަނޑުން ބޭރުނުވެ، އަދަބު އަޚުލާޤު ހިފަހައްޓައިގެންނެވެ. މީސްމީޑިއާގައި މުވައްޒަފުގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދިދާނެ އެއްވެސް ކޮންޓެންޓެއް ޕޯސްޓްކޮށްގެން ނުވާނެއެވެ. އަދި މީސްމީޑިއާގައި ކުރާ ޕޯސްޓަކުން ނުވަތަ ކޮމެންޓަކުން، އެއީ މުނިއަވަސް ނޫހުގެ ވިސްނުމާއި ޚިޔާލު ކަމަށް ދޭހަވާފަދަ ޕޯސްޓެއް ނުވަތަ ކޮމެންޓެއް ކޮށްގެން ނުވާނެއެވެ.
ކޮންމެ މުވައްޒަފަކީވެސް އަމިއްލަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ މުވައްޒަފެއް ނަމަވެސް، މީސްމީޑިއާގައި މުވައްޒަފު ޕޯސްޓްކުރާ ކޮންޓެންޓްގެ ސަބަބުން ކުންފުނީގެ އަގު ވެއްޓޭފަދަ ކޮންޓެންޓެއް ޕޯސްޓްކޮށްގެން ނުވާނެއެވެ. އަދި އަމިއްލަ މަސްލަހަތު ނުވަތަ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ކުރިއަރުވަން ސޯޝަލް މީޑިއާގައި ކުންފުނީގެ ނަން ބޭނުންކޮށްގެން ނުވާނެއެވެ.
ނޫހުގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، އެތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމުގައި ގެންގުޅޭ މިންގަނޑު، މީސްމީޑިއާގައި ވެސް ގެންގުޅެން ވާނެއެވެ.
މަޞްދަރު ޙިމާޔަތްކުރުން
ނޫހަށް މަޢުލޫމާތެއް ދޭ އެއްވެސް ފަރާތެއްގެ އެއްވެސް މަޢުލޫމާތެއް (ނަން، އެޑްރެސް، އަދި އެހެނިހެން މައުލޫމާތު) އެއްވެސް މުވައްޒަފަކު ހާމަކުރަން ވާނީ އެ މައުލޫމާތެއް ދޭ ފަރާތެއްގެ ހުއްދައާއެކު، ނުވަތަ ކޯޓު އަމުރަކާއެކު ނުވަތަ އާއްމު މަޞްލަޙަތު އިސްކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަންޏެވެ. އަދި ނަން ހާމަނުކޮށް މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ވާނެއެވެ.
ނޫހުގެ މަސައްކަތުގެ ދާއިރާއިން ލިބޭ މަޢުލޫމާތުތަކުގެ ތެރެއިން ޝާއިޢުކުރާ މަޢުލޫމާތު ފިޔަވައި އެހެން މަޢުލޫމާތުތައް ރައްކާތެރިކުރަން ވާނެއެވެ.
ޒިންމާ ނެގުން
އެއްވެސް ސަބަބަކާހުރެ އެއްވެސް ޙާލަތެއްގައި ނޫހުގައި ނުވަތަ ނުވަތަ ނޫހުގެ މީސްމީޑިއާ ވަޞީލަތެއްގައި ނުރަނގަޅު މައުލޫމާތެއް ޝާއިއުކުރެވިއްޖެކަން އެނގޭ ހިސާބުން، އެ މައުލޫމާތެއް ރަނގަޅުކުރިކަން އެނގޭ ގޮތަށް، ރަނގަޅު މައުލޫމާތު ހާމަކުރަން ވާނެއެވެ.
ނޫސްވެރިކަމުގެ މިންގަނޑުން ބޭރުން ނުވަތަ ޤަވާޢިދާއި ޚިލާފަށް އެއްވެސް މުވައްޒަފަކު ޢަމަލުކުރާނަމަ، އެކަމެއް އޮފީހުގެ އިސްވެރިންނަށް ނުވަތަ ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ވާނެއެވެ. އަދި އެފަދަ އަމަލެއް ރިޕޯޓްކުރާ މުވައްޒަފަކާ ދޭތެރޭ، އެކަން ރިޕޯޓުކުރީތީ އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.
މި އަޚުލާޤީ، ސުލޫކީ އަދި އެޑިޓޯރިއަލް މިންގަނޑަކީ، ވަގުތާއި ޙާލަތާއި ގުޅޭ ބަދަލުތައް ގެނެވޭ މިންގަނޑެކެވެ. މުނިއަވަސް ނޫހުގެ އެންމެހާ މުވައްޒަފުން މި އަޚުލާޤީ އަދި ސުލޫކީ މިންގަނޑު ކިޔައި، ފަހުމްވެ، ޤަބޫލުކޮށް، މިއާއި އެއްގޮތަށް ޢަމަލުކުރުން ލާޒިމެވެ.
