ހެލިކޮޕްޓަރުގެ އެހީގައި މިއަދު ހެނދުނު ބަލަމުން ގެންދަނީ ގާދޫ އާއި ދިމާ ބޭރުން ހުޅަނގު ދެކުނު ސަރަޙައްދެއް ކަމަށް ސިކްސް ސެންސަސް ގައި ހުރި މީހަކު މުނިއަވަސް އަށް ބުންޏެވެ.

ލ.ކައްދޫ އިން ލ.މާމެންދޫއަށް އަންހެނަކާއި ފިރިހެނަކު ދަތުރު ކުރަމުން ދިޔަ ޑިންގީ ބަންޑުން ޖަހައިލީ ލ.ގާދޫ އާއި ހިސާބުން ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ޑިންގީ ބަންޑުން ޖަހައިލުމާއެކު އަންހެން ކުއްޖާގެ އަތަށް ހަމެއް ދީފައި ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރީ އެހީތެރިކަން ހޯދުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ހަމަ ވަގުތުން އެ ރިސޯޓް މުވައްޒަފުންނާއި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން މަސައްކަތް ފެށިއެވެ. ނަމަވެސް އަދި މިހައިތަނަށް ގެއްލިފައިވާ ސިމާ ފެންނަގޮތެއް ނުވެއެވެ.

ބަންޑުން ޖަހައިލި ޑިންގީ ދުއްވަން އިނީ ލ. ގަމަށް ނިސްބަތްވާ މީހެކެވެ. މާމެންދޫ މީހަކު މުނިއަވަސް އަށް ރޭ ދަންވަރު ބުނީ، ގެއްލިގެން ހޯދަމުންދާ އަންކުއްޖާ އަކީ މާލޭގައި ހުރެފައި ރަށަށް ދިއުމަށް ވައިގެމަގުން ކައްދުއަށް ދިޔަ މީހެއް ކަމަށާއި، އެ އަންހެންމީހާ މާމެންދުއަށް ދިއުމަށް އެ ލޯންޗްގައި ދަތުރުކުރީ ގަމު ފިރިހެނަކާއި އެކުގައި ކަމަށެވެ.

ލޯންޗް ބަންޑުން ޖަހައިލުމުން ފިރިހެންމީހާ ފަތާފައި ސިކްސް ސެންސަސް ރިސޯޓަށް ދިޔައީ ޑިންގީގައި އޮތް ހަމެއް އަންހެންމީހާގެ އަތަށް ދިނުމަށްފަހު އެ ހަމުގެ އެހީގައި އޮތުމަށް ބުނެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.