އައު ލަފުޒެކެވެ. އިނގިރޭސި ބަހުގައި ބޭނުންކުރާ ‘ވިސްލް ބްލޯ whistle blow’ އަށް ބޭނުންކުރާނެ ދިވެހި ލަފުޒެއް އުފައްދައި، ދިވެހިބަހުގެ އެކެޑަމީން ވަނީ ފާސްކޮށް، އާއްމުކޮށްފައެވެ.
ފާށާކުރުމަކީ ތަނެއްގައި ހިނގާ ޤާނޫނާ ނުވަތަ ޤަވާޢިދާ ޚިލާފު ކަމެއް ފާޅުކުރުމެވެ.
މިސާލު: ތަނުގެ މާލިއްޔަތުގައި ހިނގަމުން ދިޔަ ނޭދެވޭ ކަންތައްތަކެއް ފާށާކޮށް ރިޕޯޓްކުރީ އަލަށް ލެއްވި ކާތިބެވެ.
ކިޔައިލަން ފަސޭހަ، ވައިގައި ހިފާނެހެން ހީވާ، ރީތި ލަފުޒެކެވެ. ދިވެހިބަހުގެ އެކެޑަމީން މި ބަސް އާއްމުކުރުމަށް ކޮށްފައިވާ ޓްވީޓަށް މީހަކު ދީފައިވާ ރައްދެއް މިތަނުގައި ފާހަގަކޮށްލާނަމެވެ.
Mee @GasimAbdulKare1 ah hadhiya kuranjehey baheh.
— Shahid🇲🇻 (@alishahid979) February 26, 2019
ޓްވީޓްކުރެއްވި އަލީ ޝާހިދު ފާޅުކުރެއްވި ޚިޔާލުގައި އެ އިޝާރާތްކުރި ޤާސިމް ޢަބްދުލް ކަރީމްގެ މަތިން ހަނދުމަފުޅު ހުރި ބޭފުޅުންނަށް، ޢަލީ ޝާހިދު ފާޅުކުރެއްވި ޚިޔާލުގައި އޮއްޓަރުހުރިވަރު އެނގިލައްވާނެއެވެ. ނަމަވެސް، އަލަށް އުފައްދާ ލަފުޒުތައް ވަކި މީހަކަށް ނުވަތަ ބަޔަކަށް ހަދިޔާކުރާ އުސޫލަކީ އޮންނަ އުސޫލެއް ނޫންކަންވެސް ފާހަގަކޮށްލެވެއެވެ.
ވިސްލް ބްލޯ އަށް “ފާށާކުރުން” ކިޔާފައިވާއިރު ވިސްލް ބްލޯވަރ އަށް ކިޔަނީ “ފާށާރު” އެވެ.

