މަޝްހޫރު ފިލްމީތަރި، ސްކްރީން ރައިޓަރ އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އާ ފިލްމު “ނަފްރަތުވުމުން”ގެ ފަސްޓްލުކް އާއްމުކޮށްފިއެވެ. ފަސްޓްލުކް އާއްމުކޮށްފައިވަނީ ރޭ ވީމީޑިއާ، ޔޫއްޕެ ޕްރޮޑަކްޝަން އަދި ޝައި އެންޓަޓެއިންމެންޓުން ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން އިން އުފައްދާ “ނަފުރަތުވުމުން”ގެ ފަސްޓްލުކް ލޯންޗްކޮށްދިނީ ފިލްމީދާއިރާގެ އެންމެ ފުންނާބު އުސް ބަޠަލާ ނިޢުމާ މުޙައްމަދެއެވެ. ފަސްޓްލުކް ލޯންޗުކޮށްދެމުން ނިޢުމާ ބުނީ ޔޫއްޕެ އަކީ ވަރަށް ލޯބީގެ މީހެއް ކަމަށާއި އެހެންކަމުން މި ފިލްމު ރަނގަޅުވާނެ ކަމަށް ހީވާކަމަށެވެ.

“އަނެއްކާވެސް ސްކްރީނަށް ވަރަށް ގިނަ ދުވަސްތަކަކަށްފަހު ލޯބީގެ ފިލްމެއް ބަލައިލުމުގެ ފުރުޞަތު އަޅުގަނޑުމެން އެންމެންނަށްވެސް ލިބިގެން މިދަނީ. އަޅުގަނޑު އުއްމީދުކުރަނީ މި ފިލްމަކީވެސް ވަރަށް ކާމިޔާބު ފިލްމަކަށް ވެގެންދާނެކަމަށް.” ފިލްމީ ސްކްރީނުން އަލްވަދާޢު ކިޔާފައިވާ ނިޢުމާ ބުންޏެވެ.

މުނިއަވަސް އާ ވާހަކަދައްކަމުން މީގެ ކުރިން ޔޫއްޕެ ބުނީ މިއީ އަނެއްކާވެސް ޔޫއްޕެ ތައްޔާރުކުރާ ސަތޭކަ ޕަސެންޓް ލޯބީގެ ފިލްމެއް ކަމަށެވެ. މީގެ އިތުރުން މި ފިލްމުން އަހަރެމެންގެ މުޖުތަމަޢުގައި ހިނގާ މުހިންމު ކަމަކަށް އަލިއަޅުވާލާފައި ވާނެކަމަށްވެސް ޔޫއްޕެ ބުންޏެވެ.

”ދެމަފިރިންގެ ދެމެދުގަ އާއްމުކޮށް ހިނގާ، މީހުންނަށް ފޮރުވިފައި ހުންނަ ކުދިކުދި ކަންތައްތަކެއްގެ ސަބަބުންވެސް އެބަހުރި ދެމަފިރިން ވަކިވާން ޖެހިފަ. މި ފިލްމުން އަލިއަޅުވާލާފައިވާނީ އެފަދަ ކަމަކަށް.“

ފިލްމުގެ ލީޑު ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އާއި މަރިޔަމް އައްޒަ އެވެ. މީގެ އިތުރުން “ނަފްރަތުވުމުން”ގެ މުހިއްމު ރޯލަކުން އަހުމަދު އީސަ (އާނަންދު) ފެންނާނެ ކަމަށް ޔޫއްޕެ ބުނާއިރު މި ފިލްމުގައި ޔޫއްޕެ ވެސް ފެނިގެންދާނެ އެވެ.

މިއަހަރު މާރިޗް މަހުގައި އަޅުވަން އަމާޒުހިފާފައިވާ ”ނަފްރަތުވުމުން“ ޝޫޓްކޮށްފައިވަނީ ބ. ދަރަވަންދޫގައެވެ.

“ނަފްރަތުވުމުން” އަކީ އަސަރުގަދަ ލޯބީގެ ވާހަކަ އަކަށް ތައްޔާތުކުރާ ފިލްމެކެވެ. ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.