އެކްޓަރ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ޕްރޮޑަކްޝަން ހައުސް ‘އެމްއީ’ އިން މި އަހަރު ދިވެހި ސިނަމާ އަށް ގެންނަން ނިންމާފައިވާ ބިރުވެރި ފިލްމު “ކާކު؟” ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އަށް ލިބިއްޖެ އެވެ.
ފިލްމުގެ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު ބުނީ “ކާކު؟” ފިލްމާއި އެމްއީ ޕްރޮޑަކްޝަންސް ގެ ކުރިއަށްހުރި އުފެއްދުންތަކުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މުނިއަވަސް އިން މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާކަމަށެވެ.
ބިރުވެރި ފިލްމު “ކާކު؟” ރިލީޒް ކުރާނެ ސީދާ ތާރީހެއް އަދި ނިންމާފައިއެއް ނުވެއެވެ. މިއީ މަޝްހޫރު ސްކްރީން ރައިޓަރ މަހުދީ އަޙްމަދުގެ ސްކްރީންޕްލޭއަކަށް، މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

“ކާކު؟” އުފެއްދުމުގެ މަސައްކަތުގައި ޑައިރެކްޓަރ މުޙައްމަދު ޢަބޫބަކުރު
“ކާކު؟” ގެ ލީޑް ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފީޗާ ފިލްމުތަކަށް އެހާ އާއްމު މޫނު ތަކެއް ނޫން ނަމަވެސް އުއްމީދީ ތަރިންތަކެކެވެ. ފިރިހެން ލީޑްގައި ފެނިގެންދާނީ ވީޑިއޯ ލަވަތަކުން، ވަކިން ޚާއްޞަކޮށް ވަރުގަދައަށް ނަށާ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އެވެ. އަންހެން ލީޑުން ފެނިގެންދާނީ މިމަހުގެ 05 ގައި ރިލީޒްކުރެވުނު “ފޯޓީ ޕްލަސް” އިން އަލަށް ފިލްމީ ދާއިރާއަށް ނުކުތް އިރުފާނާ އިބްރާހީމް (އިރޫ) އެވެ. އިރޫގެ އަލަތު ފިލްމަކީ “ފޯޓީ ޕްލަސް” ނަމަވެސް، ބައެއް ފިލްމުތަކުން މީގެ ކުރިން އިރޫ ފެންނަން ފަށާފއިވެއެވެ. އެގޮތުން މިހާރު ބައިސްކޯފްގައި ދައްކަމުންދާ “ހުވާ” ސީރީޒްގައިވެސް އިރޫ ހަރަކާތްތެރިވެއެވެ. ފިލްމު “ކާކު؟” އިން ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ އައިޝަތު ޔާސިރާ ވެސް ފެނިގެންދާނެ އެވެ.
ފިލްމު “ކާކު؟” ގައި މަޤްބޫލު އެކްޓަރު ހާމިދު އަލީ ގެ ތަފާތު ކެރެކްޓަރ އެއް ފެނިގެންދާނެ އެވެ. މީގެ އިތުރުން މާއެނބޫގެ ބައެއް ފިިލްމުތަކާއި ޑްރާމާތައް ކުޅެފައިވާ ޝާފިއު މުހައްމަދު ވެސް މި ފިލްމުން ފެންނާނެ އެވެ.
https://www.facebook.com/kaakuthemovie/videos/2204188229636062/
މި ވަގުތު ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރިއަށްދާ “ކާކު؟” ޝޫޓްކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.
މުނިއަވަސް އިން މީގެ ކުރިން ފިލްމު “ދެވަންސޫރަ” ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާއިރު، މިހާރު އޮލިމްޕަހުގައި ދައްކަމުންގެންދާ “ފޯޓީ ޕްލަސް”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީވެސް މުނިއަވަސް އެވެ. މީގެ އިތުރުން ރާއްޖޭގައި މިއުޒިކް ދިރުވައި އާލާކުރުމަށް މަސައްކަތްފަށާފައިވާ ޒުވާން ދެ ސްޓޫޑިއޯ ކަމަށްވާ ‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ’ އާއި ‘ބަޒި ރިކޯޑްސް’ގެ މީޑިއާ ޕާޓްނަރުކަން ކުރަމުން ގެންދަނީވެސް މުނިއަވަސް އިންނެވެ.
މުނިއަވަސް ގެ އަމާޒަކީ ދިވެހި ފިލްމީ އަދި މިއުޒިކީ ދާއިރާގެ ޚަބަރާއި މަޢުލޫމާތުތައް ގެނެސްދިނުމުގައި ލީޑްކުރުމެވެ. މުނިއަވަސް އިން ގެނެސްދިނުމަށް އަހައްމިއްޔަތުކަން ދެނީ ދާއިރާގެ ފަންނުވެރީންގެ މަސައްކަތްތަކެވެ. ގޮސިޕްސް އާއި ޒާތީ ދިރިއުޅުން ގެނެސްދިނުމަކީ މުނިއަވަސް ހިންގަމުންގެންދާ މަޤްޞަދާއި ޚިލާފުކަމެއް ކަމުން އެކަމަށް އަހައްމިއްޔަތުކަން ދިނުމަކީ މުނިއަވަސްގެ މަސައްކަތުގެ ވައްޓަފާޅީގައި ހިމެނޭނެކަމެއް ނޫނެވެ.
