އުތުރު އެމެރިކާގައި ބާއްވާ އެންމެބޮޑު ސީފުޑް އެކްސްޕޯ، 17 މާރިޗް 2019 ވީ އާދީއްތަ ދުވަހު އެމެރިކާގެ ބޮސްޓަންގައި ފެށިއްޖެއެވެ.

ބޮސްޓަންގައި ފެށުނު މިއެކްސްޕޯގައި ދުނިޔޭގެ ސީފުޑްގެ ވިޔަފާރީގައި ހަރަކާތްތެރިވާ 1,300 އަށްވުރެ ގިނަ ކުންފުނިތަކަކުން ބައިވެރިވެފައިވެއެވެ. މިއެކްސްޕޯގައި 47 ޤައުމު ބައިވެރިވެއެވެ. މިފެއަރ ޙާއްސަ ކުރެވިފައިވަނީ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ބޭނުންވާ ވަޞީލަތްތައް އިސްތިހާރުކުރުމަށެވެ.

މިއެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ، މޯލްޑިވްސް ސީފުޑް ޕްރޯސެސަސް އެންޑް އެކްސްޕޯޓްސް އެސޯސިއޭޝަންގެ ބައެއް މެމްބަރު ކުންފުނިތަކެވެ. މިގޮތުން މިއެކްސްޕޯގައި ބައިވެރިވި ކުންފުނިތަކަކީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، އަދި ސީޕްރިއާ މެރިން ފުޑްސް ޕްރައިވެޓް ލިމިޓެޑް އެވެ. މިއެކްސްޕޯގައި ބައިވެރިވުމުގެ އެންމެހާ ޚަރަދުތަކެއް ކޮށްފައިވަނީ މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މޯލްޑިވްސް ސީފުޑް ޕްރޯސެސަސް އެންޑް އެކްސްޕޯޓްސް އެސޯސިއޭޝަންގެ މެމްބަރު ކުންފުނިތަކުންނެވެ.

މިފަދަ އެކްސްޕޯތަކުގައި ރާއްޖެ ބައިވެރިވެ، ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓްކުރުމުގެ ފުރުޞަތު ތަނަވަސްވެގެން މިދަނީ ދިވެހިމަސްވެރިން ބާނާ މަހަށް އެވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ލިއްބައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައެވެ. މިއެކްސްޕޯގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް އިތުރު ފުރުޞަތުތަކެއް ލިބި ދިވެހިރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާވެގެންދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

މި އެކްސްޕޯގައި މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މަސްވެރިކުންފުނިތައް ދާއިމީކޮށް ބައިވެރިވާތާ މިއީ 6 ވަނަ ފަހަރެވެ. މިފެއަރގައި ބައިވެރިވާން ފެށިފަހުން ރާއްޖެއިން އެމެރިކާ މާކެޓަށް އެކްސްޕޯޓްކުރަމުންދާ މަހުގެ އުފެއްދުންތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހާމަކުރައްވައެވެ.

ސީފުޑް އެކްސްޕޯ ސީފުޑް ޕްރޮސެސިންގ އެކްސްޕޯ ކުރިޔަށް ދާނީ މިމަހުގެ 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.