އީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އެއާކޮންޑިޝަން ކުރުމުގެ ވައުދުގެ ދަށުން އިޢާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތައް އޭސީ ކުރަން ފަށައިފި އެވެ.

މި ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ގޮތުން ފ. ދަރަބޫދޫ މަސްޖިދުއް ތަޤްވާ ގައި ސޯލާ ޕެނަލް ހަރުކޮށް އިޢާދަ ކުރަނިވި ހަކަތަ ލިބޭ ގޮތް ހަދައި މިސްކިތް އެއާކޮންޑިޝަންކުރުމާއި އެކުގައެވެ.

ފ. ދަރަބޫދޫ މަސްޖިދުއް ތަޤްވާގައި މިމަސައްކަތް ކޮށް ނިންމާފައިވާ ކަމަށް ފެނަކަ ކޯޕޮރޭޝަނުން ބުނެއެވެ.

މިޕްރޮގްރާމުގެ ދަށުން މިއަދު އޭސީކޮށްފައިވަނީ ފ. ދަރަނބޫދޫ މަސްޖިދުއް ތަޤްވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އެ މިނިސްޓްރީން ވިދާޅުވީ ތިން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން މި ޕްރޮގްރާމުގެ ދަށުން 553 މިސްކިތް އޭސީ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިދިޔަ ޑިސެމްބަރު މަސް ތެރޭގައި އޭސީ ނުކޮށްހުރި މިސްކިތްތައް ދެނެގަނެ، އެ މިސްކިތްތަކުގައި އޭސީ ހަރުކުރާނެ ގޮތްތައް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މަސައްކަތް ފަށައިފައެވެ.

ދެ ރަށެއްގެ މިސްކިތުގައި ސޯލާޕެނަލް ހަރުކުރުމާއި މިސްކިތްް އޭސީ ކުރުމުގެ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނުން ސޮއިކުރީ މިމަހު 21 ވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.