މަޝްހޫރު ފިލްމީ ތަރި އާއިޝަތު ރިޝްމީގެ އާ ވީޑިއޯ ލަވަ “އޮއްސެމުން” އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެ ލަވަ ބަލައިފިން ހެއްޔެވެ؟ ތަފާތު، މަޖާ އަދި ރަނގަޅު މެސެޖެއްދޭ މި ލަވަ ކޮންމެހެންވެސް ބަލައިލަންވާނެ ދޯއެވެ.

“އޮއްސެމުން” އަކީ ރިޝްމީގެ ޙަޔާތުގައި ހަމަ ގައިމުވެސް ވަރަށް ޚާއްޞަ ލަވައަކަށް ވާނެކަމަށް ޤަބޫލުކުރެވެއެވެ. މިއީ ރިޝްމީ އާއި ރަވީގެ ކައިވެންޏަށްފަހުން ދެ ފަންނާނުން އެކުގައި ކޮށްފައިވާ މަސައްކަތެކެވެ. މީގެ އިތުރުން މި ލަވައިގައި ރިޝްމީގެ ދަރިފުޅު ޒެލް ފެނިގެންދަނީ އެހާމެ ތަފާތު ގޮތަކަށެވެ. ރިޝްމީގެ ބައްޕަގެ ރޯލުންނެވެ.

‘އާރް2ޒެޑް’ އިން އުފައްދައި ޔޫޓިއުބަށް ދޫކޮށްލާފައިވާ “އޮއްސެމުން” އަކީ ލަވަކިޔުންތެރިޔާ ‘މޯޑް’ ކިޔާފައިވާ ސޯލޯ ލަވައެކެވެ. ލަވައިގެ ވީޑިއޯ ޑައިރެކްޝަން ހެދީ ރަވީ ފާރޫޤް އެވެ. ލަވައިގެ ކާސްޓުންނަކީ ކުރިންވެސް ފާހަގަކުރެވު ފަދައިން އާއިޝަތު ރިޝްމީ އާއި ޒެއްލޫ އެވެ.

‘އާރް2ޒެޑް’ އިން ޔޫޓިއުބަށް ލަވަ ދޫކޮށްލަމުން ބުނެފައިވަނީ ‘ކޮންމެ ބެލެނިވެރިއެއްގެ ކިބައިގައިވެސް ފޮރުވިފައިވާ ކުޑަކުއްޖެއް ހުންނަކަމަށެވެ. ބެލެނިވެރިޔާގެ ރޯލު ދަރިފުޅަށް، ދަރިފުޅުގެ ރޯލު ބެލެނިވެރިޔާއަށް ބަދަލުކޮށްލައިފިނަމަ ދެންވާނީ ކިހިނެއްހޭ’ ބުނެ ސުވާލުކޮށްފައި ވެއެވެ. ހަމަ ގައިމުވެސް މި ސުވާލުގެ ޖަވާބު، “އޮއްސެމުން” ވީޑިއޯ ލަވައިން ފެނިގެންދެއެވެ.

ނެށުންތެރިޔާ، އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫޤަކީ ތަފާތު އުފެއްދުންތައް ފިލްމީ ދާއިރާއަށް ނެރެމުން އަންނަ ފަންނާނެކެވެ. ނެށުމަށް އެހާމެ މޮޅު ރިޝްމީ އަކީ 2017 ވަނަ އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގައި އެއްވަނަ ބަތަލާގެ މަޤާމު ހާސިލްކޮށްފައިވާ ހުނަރުވެރި އެކްޓްރެސްއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.