މިއަދަކީ ދުނިޔޭގެ ކުރެހުމުގެ ދުވަހެވެ. މިދުވަހަކީ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އާޓް (އައި.އޭ.އޭ) ގެ 17 ވަނަ ޖެނެރަލް އެސެމްބްލީން ފާސްކޮށްގެން ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެކެވެ. 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އެޕްރީލް 15 ވަނަ ދުވަހަކީ ދުނިޔޭގެ ކުރެހުމުގެ ދުވަސް ކަމުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ދުނިޔޭގެ ކުރެހުމުގެ ދުވަސް ނިސްބަތް ވަނީ މަޝްހޫރު ކެރެހުންތެރިޔާ ލިއޮނާޑޯ ޑާ ވިންޗީގެ އުފަންދުހަށެވެ. އައި.އޭ.އޭ އިން ޑާ ވިންޗީ ޚިޔާރުކޮށްފައިވާ އެންމެ މުހިންމު އެއް ސަބަބަކީ އޭނާގެ ކުރެހުންތަކުން އެހެން ދާއިރާތަކަށް ގެނެސްދީފައިވާ ކުރިއެރުންތަކެވެ. ފަންނުވެރީންނަކީ ތަފާތު ފަންނީ ދާއިރާތަކުން އެމީހުންގެ ވިސްނުމާއި ބިނާކުރަނިވި ޚިޔާލުތައް ހުނަރުވެރިކަމާއެކު މީހުން ޝައުޤުވެރިވާނޭ ގޮތަށް ހުށަހަޅައިދޭ ބައެކެވެ.

ދުނިޔޭގެ ކުރެހުމުގެ ދުވަހަކީ ކުރެހުމުގެ އިތުރުން އެހެނިހެން ފަންނީ ދާއިރާތަކުގެ ފަންނާނުންގެ ތަފާތު ފަންނީ އުފެއްދުންތައްވެސް އާންމުކޮށް ހިއްސާކުރެވޭ ދުވަހެކެވެ. މިދުވަސް ފާހަގަކުރުމުގެ މުހިންމުކަމަކީ މި ފަންނުގެ މުހިންމުކަން ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް އަންގައިދިނުމެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ދެއެވެ. އެގޮތުން، ރާއްޖެގައިވެސް މިދުވަސް ފާހަގަކުރުމަށްޓަކައި ހަރަކާތްތަކެއް 2019 އެޕްރީލް 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން މަޢުލޫމާތު ދެއްވައެވެ.

ދުނިޔޭގެ ކުރެހުމުގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހައި ކުރެހުންތެރީންނަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫނާއި، މިނިސްޓްރީ އަދި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ މުވައްޒަފުންގެ ފަރާތުން އަރިސްކުރައްވައެވެ.

“އާޓިސްޓުންނަކީ ޤައުމުގެ ތަރައްޤީގެ ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ ބައެއް. އެއީ، ބައިނަލްއަޤުވާމީ އަދި ޤައުމީ މައްސަލަތަކަށް އާންމުންގެ ލޯ ހުޅުވައިދީ، މިކަންކަމާ ބަހުސްތައް ފެށުމަށް ލޯ ހުޅުވައިދޭ ބައެއް”

-މިނިސްޓަރ ޔުމްނާ މައުމޫން-

ދުނިޔޭގެ ތަރިކައިގެ ދުވަހާއި ދުނިޔޭގެ ފަންނުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2019 އެޕްރީލް 20 ވާ ހޮނިހިރު ދުވަހު 16:00 ން 18:00އަށް އަދި 20:00 ން 22:00އަށް ސަލްޓަން ޕާކުގައި ޚާއްސަ ހަރަކާތްތަކެއް އޮންނާނެ ކަމަށް ވެސް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން މަޢުލޫމާތު ދެއްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.