ބިހަކީ ހަށިގަނޑަށް ފައިދާހުރި ނާސްތާއެއް ތައްޔާރުކޮށްލުމަށް ދުނިޔޭގެ ހުރިހައި ހިސާބެއްގައިވެސް ބޭނުންކުރާ އެއްޗެކެވެ. ބިހުގެ މީރުކަމާއި އެއްވަރަށް، އެހާމެ ފައިދާވެސް ބިހުން ލިއްބައިދެއެވެ. އާއްމުގޮތެއްގައި ބިހުގެ ބޭނުން ދިވެހިން ކުރަނީ ބިސްގަނޑު އެޅުމަށް، ބިސްރިހަ ކެއްކުމަށް ނުވަތަ ކޭކް ފަދަ ފޮނިކާތަކެތި ތައްޔާރުކުރުމަށެވެ.

މިއަދުގެ މުނިއަވަސް ރަހަފަތުގައި މި ގެނެސްދެނީ ބިހުގެ ހަލުވާ ތައްޔާރުކުރާނެ ގޮތެވެ. ރޯދަ ވީއްލާ ގަޑިއަށް ސުފުރާމައްޗަށް އިތުރުކޮށްލަން މިއީ މީރު ކާނާއަކަށް ވާނެކަމަށް އުއްމީދުކުރަމެވެ.

ބޭނުންވާނެ ތަކެތި:

– 6 ބިސް

– ¼ ޖޯޑު ގިތެޔޮ

– 8 މޭޒުމަތީ ސަމުސާ ހަކުރު

– 2 ޖޯޑު ކިރު

– ¼ ސައިސަމުސާ ކާކުލަ (ރީނދޫ ކުލަ)

– ½ ސައިސަމުސާ ކާފުރުތޮޅި މުގުރާފައި

– ބޭނުންވާ ވަރަށް ބަދަނުގެ ބާވަތްތަކާއި ހިކި މޭވާ (ހިކި މޭބިސްކަދުރު، ކަނަމަދު، އާމަންޑް، ކަޖޭނަޓް)

– 1 ސައިސަމުސާ ފިނިފެން

ތައްޔާރުކުރާނެ ގޮތް:

– ބްލެންޑަރ/މިކްސަރެއްގެ ތެރެއަށް ބިސް، ގިތެޔޮ، ހަކުރު އަދި ކިރު އެޅުމަށްފަހު ރަނގަޅަށް ބްލެންޑްކޮށް އެއްކޮށްލާށެވެ. ބޭނުންނަމަ، ބްލެންޑަރުގެ ބަދަލުގައި އަތުން ކޭކު ގިރަން ބޭނުންކުރާ އެއްޗަކުން ނުވަތަ އުލަކުންވެސް އެއްކޮށްލެވިދާނެއެވެ.

– ތާހެއްގެ ތެރެއަށް މި ތަކެތި އަޅައި މަޑު ގިނީގައި މަޑުމަޑުން ހަލުވަމުން ކައްކާށެވެ. އޮލަ އަދި ފުހުރުކަމެއް ހުންނަވަރު ވާންދެން ކައްކާށެވެ.

– ކާކުލަ، ކާފޫރުތޮޅި އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

– ކިރާއި ހަކުރުން ނިކުންނަ ދިޔަ ހިނދެންދެން ކައްކާށެވެ.

– ހިކި މޭވާއާއި ބަދަނުގެ ބާވަތްތައް އެއްކޮށްލުމަށްފަހު މަޑުގިނީގައި ކައްކާށެވެ.

– ފިނިފެން ފޮދު އެއްކޮށްލައި އިރުކޮޅަކު ކައްކާށެވެ.

  • ބިސް ހަލްވާ އެހުރީ ތައްޔާރުކުރެވިފައެވެ.
https://www.youtube.com/watch?time_continue=31&v=iPG5EDN0Efw

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.