ޕިއްޒާއަކީ އެކި ހަފުލާތަކަށް ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗަކަށްވާއިރު ޕިއްޒާ ހެދުމަށް ބޭނުންވާ ސޯސް ގޭގައި އަމިއްލަޔަށް ތައްޔާރުކޮށްލެވުމަކީ ޕިއްޒާއަށް އިތުރު މީރު ކަމެއް ގެނެސްދޭނެ ކަމެއްކަމަަށް ދެކެމެވެ. މިފަހަރު މިގެނެސްދެނީ ޕިއްޒާ ސޯސް ގޭގައި ތައްޔާރު ކޮށްލެވޭނެ ތަފާތު ގޮތެކެވެ.

ބޭނުންވާ ތަކެތި:
– 1 ކިލޯ ޓޮމާޓޯ
– 1 ލީޓަރ ފެން (ޓޮމާޓޯ ކެއްކުމަށް)
– 1 ސައިސަމުސާ މުގުރި މިރުސް
– 1/2 ސައިސަމުސާ އަސޭމިރުސް
– 1 ސައިސަމުސާ ޗިލީ ފްލޭކްސް
– ރަހަލާވަރަށް ލޮނު
– ½1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
– 2 ސަމުސާ އޮލިވް އޮއިލް
– 1 ސައިސަމުސާ ލޮނުމެދު ހިމުންކޮށް ކޮށާފައި
– 1 ފިޔާ ހިމުންކޮށް ކޮށާފައި

ތައްޔާރުކުރާނެގޮތް:
– ޓޮމާޓޯތަކުގެ މަތި ކެނޑުމަށްފަހު އަރިމަތިން ވަޅިން ރޮނގެއް ދަމާލާށެވެ.
– ތެއްޔަކަށް ފެން އެޅުމަށްފަހު ކައްކަން އުދާށެވެ. ފެން ކެކެން ފެށެމުން ޓޮމާޓޯތައް އަޅަލާށެވެ. އަދި 3 މިނިޓް ވަންދެން ތެލީގެ މަތި ޖެހުމަށްފަހު ކައްކާލާށެވެ.
– އެއަށްފަހު ތެލިން ޓޮމާޓޯތައް ނަގާށެވެ.
– ތަށްޓަކަށް އައިސްފެން އެޅުމަށްފަހު ޓޮމާޓޯތައް ތަށްޓަށް އަޅާލާށެވެ. ޓޮމާޓޮތައް ހިހޫވަންދެން މަޑުކޮށްލުމަށްފަހު ޓޮމާޓޯތައް ނަގައި އޭގެ ތޮށި ދެލާލާށެވެ.
– ޓޮމާޓޯތައް ކުދިކޮށް ކޮށާލުމަށްފަހު މިކްސްޗަރަށް އަޅާ މިކްސް ކޮށްލާށެވެ. އެހާހިމުން ވަންދެނެއްނޫނެވެ.

– އެއަށްފަހު ތަވަޔަށް އޮލިވް އޮއިލް (ޒައިތޫނި ތެޔޮ) ފޮދެއް އަޅައިލުމަށްފަހު ލޮނުމެދާއި ފިޔާކޮޅު އަޅައިލުމަށްފަހު މޯޅިވެލުމުން ފުޑާފައިހުރި (މިކުސްކުރި) ޓޮމާޓޯ ކޮޅު ތަވަޔަށް އަޅައިލާ ރަހަލާ ވަރަށް ލޮނު އެޅުމަށްފަހު މަޑުގިނީގައި 8-10 މިނިޓް ކައްކާލާށެވެ.

– ​މުގުރި މިރުސް، އަސޭމިރުސް، ޗިލީ ފްލޭކްސް އަދި ޓޮމާޓޯ ޕޭސްޓް ތަވަޔަށް އަޅައި އެއްކޮށްލުމަށްފަހު މަޑުގިނީގައި 2-3 މިނިޓް ކައްކާލާށެވެ.

– މިހާރު އެހެރީ ​ޕިއްޒާ ސޯސް ތައްޔާރު ކުރެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.