އަހަރެން ދެވަނަ މަންމަ އަކީ އަހަރެންގެ ލޮބުވެތި މާމައެވެ. އެއީ އަަހަރެންގެ މަންމަގެ މަންމައެވެ. އަހަރެންގެ ނަމުން ނަމަ “ބޮޑު މަންމަ” އެވެ. އަހަރެންނަކީ މާމަގެ އެގާރަވަނަ މާމަދަރިއެވެ. 

އާނއެކެވެ. އަހަރެންގެ އެންމެ ތުއްތުއިރުއްސުރެ ޒުވާން އުމުރާއި ހަމައަށް ގިނަ ވަގުތުތައް ހޭދަކުރެވިފައިވާ އެކަކަކީ އަހަރެންގެ ލޮބުވެތި އެ މާމައެވެ. ބުނަން ހެއްޔެވެ. މާމަ އަބަދުވެސް އަރެންނަށް ހެޔޮ ނަސޭހަތް ދީ ހެދިއެވެ. މާމަ އަހަރެންނަށް މީރުހައި އެއްޗެހި ކައްކައިދީ ކާންދިނެވެ. އަހަރެންނަށް ޗާލު ނާނާތައް ކިޔައިދީ ނިންދަވައިދިނެވެ. އަހަރެންނަށް ރީތިހައި އެއްޗެއް ހޯދަައިދިނެވެ. އަހަރެން ނަށް ކިޔަވައިދީ ތަޢުލީމު ހޯދައިދިނުމަށް ބުރަ މަސައްކަތް ތަކެއް ކޮށްދިނެވެ. އަހަރެން ބަލިވުމުން ހޭހަންކޮށްދީ ހަދައިދިނެވެ. އަހަރެންނަށް ޅެމާއި ރައިވަރާއި ގައުމީ ލަވަތައް ކިޔައިދިނެވެ. އަދި ކިއެއް ހެއްޔެވެ. އަހަރެން ގެންގުޅެފައިވަނީ ވަރަށް ލޯބިން ވަރަށް އަރާމުގައެވެ. މާމަ މިހުރިހާކަމެއް އަހަރެންނަށް ކޮށްދިނީ އަހަރެންގެ މަންމަ ނެތުމުންނެއް ނޫނެވެ. އަދި މަންމައަށް ކަންތައްތައް ނުކޮށްދެވޭތީއެއްވެސް ނޫނެވެ. މާމަދަރިފުޅުދެކެ މާމަ ވާލޯބީގެ ބޮޑުކަމުންނެވެ. 

އާއެކެވެ. ކޮންމެދުވަހަކީވެސް މާމައާއި އެތައް ވާހަކައެއް ދައްކާ ދުވަހެކެވެ. ދީނީ ވާހަކަތައް ކިޔައިދެއެވެ. ދީނީގޮތުން މާމައަށް މައްސަލައެއް ސާފުނުވާކަަމަށްވާނަމަ ބުނެއެވެ. މިވެނި ޝެއިހެއްގެ ގާތު އަހައިގެން މިކަންތައް އޮޅުންފިލުވައިލަބަލާށެވެ. މީގެ އިތުރުން އިހުޒަމާނުގެ ވާހަކަތައް މާމަ ކިޔައިދެއެވެ. މާމަމެންގެ ޅައުމުރުގެ ވާހަކަތައް ކިޔައިދެއެވެ. އޭގެތެރޭގައި ދިވެހިރާއްޖެއަށް އައި ބޮޑުތަދުގެ ދުވަސްވަރުގެ ވާހަކަ ހިމެނެއެވެ. އަދި މާމަ ވަރަށް އުފާވެފައި އިނދެ ދައްކާ ވާހަކައެއް ބުނަންހެއްޔެވެ. ސުއްމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެެގެފާނު އާއި ބައްދަލުވި ވާހަކައެވެ. އަމީންގެ ދައުރުގައި ކުލަގަދަގޮތެއްގައި ފާހަގަކުރި މިނިވަންދުވަހަކަށް މާލެ ދިޔަވާހަކައެވެ. މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެފަހަރު ރާއްޖޭގެ ކޮންމެ ރަށަކުން މާލެއަށް ކުދިންގެންދެވުނެވެ. އޭގެ ތެރޭގައި މާމަވެސް ހިމެނުނީއެވެ. ހަމައެހެންމެ ޢާއިލާގެ ވާހަކައަކީ ވެސް މާމަ ނުހަނު ފޯރީގައި ދައްކާ ވާހަކައެކެވެ. މިވެނި އެވެނި މީހަކީ މާމަގެ ތިމާގެ މީހެކޭ ބުނެ އެކަން އޮޅުންފިލުވައިދީ ހަދައެވެ. 

މިހުރިހާ ވާހަކަތަކެއްގެ އިތުރުން މާމަ އަބަދުވެސް ދައްކާ ވާހަކައެއް އޮވެއެވެ. މާމައަށް ތަކުރާރުކޮށް އެއް ހުވަފެނެއް ފެންނަ ވާހަކައެވެ. “ހުވަފެނުގައި އަބަދުވެސް ފެންނަނީ ދަތުރު ކުރާ ތަނެވެ. އެ ދަތުރުގައި އެއްވެސް މަންޒިލަކަށް މަޑެއް ނުމެކުރޭމެއެވެ.”

މިހުވަފެން ފެންނާތީ ތަޢުބީރެއް ބޭނުން ވެގެން އެވާހަކަ އަހަރެން ކައިރިީ ބުނެއެވެ. އަހަރެން އެކިއެކި މީސްމީހުންގެ ގާތުގައި އަހައިގެން މި ހުވަފެނަށް ތަޢުބީރުތައް ހޯދައި މާމައަށް ކިޔައިދެމެވެ. އާއެކެވެ. 

އަހަރެން މާމައާއިއެކު  މާކަނޑުގައި އެތަކެއް ދަތުރެއް ކުރީމުއެވެ. އެހެންނަމަވެސް މާމަގެ އެންމެ ފަހު ދަތުރުގައި  އެދިޔައީ އަހަރެން ބަހައްޓާފައެވެ. ދުވަހަކުވެސް އެނބުރި ނާންނަ ގޮތަށެެވެ. 

މިއަދު އަހަރެން މާމައަށް ބައިވަރު ވާހަކަތައް ކިޔައިދޭން ބޭނުމެވެ. އަހަރެންގެ ދިރިއުޅުން މާމައާއި  ހިއްސާ ކުރަން ބޭނުމެވެ. މާމަ ދެރަވާކަމެއް ކުރެވިފައިވާނަމަ އެކަމަކަށް މަޢާފަށް އެދެން ބޭނުމެވެ. އެހެންނަމަވެސް……. އާހް! 

ކުރާނޭ ބޭހެއް ހަދާނޭ ފަންޑިތައެއް ބެލޭނޭ ފާލެއް އޮންނާނެ ހެއްޔެވެ. ކިތަންމެ ލޯބިވާމީހެއްވިޔަސް އަޖަލު ޖެހުމުން އެމީހަކު އެކަނިކޮށްފައި ދާނެކަން ކަށަވަރެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ.

ޔާﷲ! މި އަޅާގެ ލޯބިވާ މާމައަށް ހެޔޮ ރަޙްމަތް ލައްވައި ޖަންނަތުލް ފިރުދައުސް ދެއްވާނދޭވެ! އާމީން!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.