ކޮންމެ ބަހަކީވެސް ބަދަލުވާނެ އެއްޗެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ އާބަސްތަކެއް ވުޖޫދަށް އުފަންވުމާއި ބައެއް ބަސްތައް އުވިގެންދިއުން ހިމެނޭ އެއްޗެކެވެ. އަޅުގަނޑު ހިތުން ބަހަކީ ދިރޭ އެއްޗެކޭ ބުނަނީ އެހެންވެގެންނެވެ.

ވަހުމެއް ނެތެވެ. ބަސް ނުވަތަ ބަހުރުވަ ބަދަލުވުމުގައި ޒަމާން އިސްދައުރެއް އަދާކުރެއެވެ. ޒަމާނަށް އަންނަ ބަދަލާއި ތަރައްޤީއަށް އަންނަ އިންޤިލާބު ނުވަތަ އެޤައުމެއްގެ އުފެއްދުންތެރިކަމަކީ ބަސް އުފެދުމަށް މަގުފަހިވެގެންދާ ސަބަބުތަކެވެ.

އާދޭހެވެ. ބަވަނަވެފައިވާ މިދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ތަފާތު އެތައް ބަހަކުން މޮށިއުޅޭ މީހުން މަދެކޭ ނުދެންނެވޭނެއެވެ. މިގޮތުން އަަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އެތަކެއް ޤައުމެއްގެ އެތަކެއް ހާސް ބިދޭސީން އުޅެމުން އެބަދެއެވެ. މިގޮތުން އަޅުގަނޑުމެން ދޭސީންނާއި ބިދޭސީން މަސްހުނިވެ އުޅުމުގެ ނަތީޖާއަކަށްވަނީ ބޭރުބަސްތައް މި ރީތި ރީތި ދިވެހިބަހަށް ނުފޫޒު ފޯރުވަމުންދާ ދިއުމެވެ. މި ނަލަ ނަލަ ދިވެހިބަހުގައި ބޭރުގެ ބަސްތައް ވަކިހިއްޕާލާފައިވުމެވެ. އާދެ! ވަކިން ޚާއްސަގޮތެއްގައި އިނގިރޭސި ބަހެވެ.

ޒަމާން ދައުރުވަމުންދާހެން އަޅުގަނޑުމެންގެ މާދަރީބަހަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބައެއް ބަސް ބަހަކީ ތަދުބަސްތަކެއް ކަމުގައިވެއްޖެއެވެ. އަދި ހަމައެހެންމެ ބަހުގެ ހަމަތަކާއި ޤަވާއިދުތަކަށް ފަސްއެޅި ފޮރުވެންފަށައިފިއެވެ. މުނާސަބުނޫން ގޮތެއްގައި ބަސް ބޭނުންކުރެވެން ފަށައިފިއެވެ.

އާދެ! މި ވަޠަނުގެ ބައެއް ދަރީންގެ ބަހުރުވަ ހުންނަގޮތަކީ ކޮބައިތޯއެވެ؟ މި ޤައުމުގެ ބައެއް އަފުރާދުން ބަސް ބޭނުންކުރަނީ ކިހިނެއްތޯއެވެ؟ މިހާހިސާބުން ފަހަކަށްއައިސް ބަސް މޮށިއުޅޭ ބައެއް އައު ގޮތްތަކަށް ކަޅިއެއް އެއްލަމާ ހިންގަވާށެވެ. އެންމެ ފުރަތަމަ “ޖެއްސުން” މި ލަފުޒުގެ މާނަ ބައްލަވާލަމާ ހިންގަވާށެވެ.

ޖެއްސުން” މި ލަފުޒުގެ މާނަ ބައްލަވާލަމާ ހިންގަވާށެވެ.
1.ޖެއްސުން:[ ހ] ދޭތެރެ ޖެއްސުން
[ށ] ލޮލަށް ލިބޭ ގެއްލުމުގެ ސަބަބުން ނުވަތަ ލޮލަށް ކުނިކޮޅެއްފަދަ އެއްޗެއް ވެއްޓުމުގެ ސަބަބުން ލޮލުގައި އެއްޗެއް ޖެހޭހެން ހީވުން.
[ނ] މަދު އެތި އެތިކޮޅުން ބޯންދިނުން. މިސާލު: ބުއްޖެއްސުން.
[ރ] ބަނދަރުކުރުން.
[ބ] އުދުހޭ ބައެއް ތަކެތި ތިރިކުރުން.
[ޅ] ޖެހުން މި ބަސް ބޭނުންކުރުމުގެ މާނައިގާ ބޭނުންކުރާގޮތް.

އާދޭހެވެ. ޖެއްސުން މި ލަފުޒުގެ މާނަ ސާފުވެއްޖެނޫންތޯއެވެ. އެހެންނަމަވެސް މިހާރު ބޭނުންކުރެވެނީ ކިހިނަކުންތޯއެވެ.
މިއުޒިކު ޖެއްސުން، ބިޓު ކައިރިއަށް ޖެއްސުން މިއީ ޢާންމުވެފައިވާ ގޮތްގޮތެވެ.

2.ކަޑަ:

[ހ] އެކިއެކި ބޭނުމުގައި ބިމަށްޖަހާ ކުރު ދަނޑިބުރި.
[ށ] އަންހެނުންގައި ހުންނާންވީ ބަނިޔާދަންކަމުގެ އިދިކޮޅު.
[ނ] އޮޑިދޯނިފަހަރު ފައްސިޔަ ބޮޑުވެގެންގޮސް ދެފުށުވައިއެޅޭގޮތްވުމަށް ކިޔާނަން.

ކަޑަ މިލަފުޒު މިހާރު ބޭނުން ކުރެވެނީ ކިހިނަކުންތޯއެވެ. އާދެ! ކަޑަ ގޮތެއް، ކަޑަ މީހެއް މިއީ މަޝްހޫރުވެފައިވާ ގޮތްގޮތެވެ.

މިނޫނަސް މިފަދަ ކިތަންމެ ބަހެއް ބޭނުންކުރެވެމުން އެބަދެއެވެ. ތަންތަނުގައި “ހުންނަ” އެއްޗެހި އެ ތަންތަނުގައި “އޮންނަ” އެއްޗަކަށް ބަދަލުވެއްޖެއެވެ. ފެންފޮދު “ފެންކޮޅަކަށް” ބަދަލުވެއްޖެއެވެ. ޖިންސުފަދަ ތަކެތި ލުމުގެ ބަދަލުގައި ޖިންސު ވައްޓާލަނީއެވެ. މުންޑު ވެސް އަނުމުގެ ބަދަލު މުންޑު ލަނީ އެވެ. އިސްޓާކީން ލުމުގެ ބަދަލު އިސްޓާކީނަށް އަރަނީއެވެ. ދިވެހިބަހުގެ އުސްތާޛު ޢަބްދުﷲ ޞާދިޤް ވިދާޅުވިފަދައިން މިއީ އިސްޓާކީން ބިންމަތީގައި ބާއްވާފައި އޭގެ މައްޗަށް އެރުންކަހަލަ ކަމެކެވެ.

ދަންނަވަންތޯއެވެ. އަޅުގަނޑު އިސްވެ ފާހަގަކުރި ކަންތައްތަކުގެ އިތުރުންވެސް މިފަދަ ކިތަންމެ ކަމެއް ފާހަގަކުރެވެއެވެ. ހިތާމައިގެ ކޮޅެއްވެސްްނެތެވެ. އަޅުގަނޑު މިދެންނެވި ދިވެހި ބަހުގެ ޤަވާއިދާއި ޚިލާފަށް ބަސް ބޭނުންކުރެވުމަކީ އެބަހެއް ހަލާކުވެ ދިއުމަށް ހުޅުވައިލެވޭ އެންމެ ބޮޑު ފުރުޞަތެވެ.

އަޅެފަހެ މީހަކު ހައިރާން ނުވާވަރެއްތޯއެވެ. އަދިވެސް ބަހަށް އަންނަ ކޮންމެ ބަދަލަކީ ހެޔޮބަދަލެކޭ ބުނަންވީތޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.