ޖުލައި މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކޮމެޑީ ފިލްމު ”މާމުއިގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ޔޫޓިއުބާއި ފޭސްބްކް ގައި ރިލީޒްކޮށްފި އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނީ މި ލަވައިގެ މިއުޒިކް އެރޭންޖްކޮށްފައި ވަނީ ޙުސައިން ތަޢުފީޤް ކަމަށެވެ. މީރާ މުޙައްމަދު މާޖިދު ލަވަ ކިޔާފައިވާއިރު ލަވަ ރެޕްކޮށްފައިވަނީ ޓޯއީ އެވެ. މުޙައްމަދު ޢަލީ (މޮގާ) އާއި އާއިޝަތު ފުއާދު ތަޢުފީޤް ޕްރޮޑިއުސްކޮށްފައިވާ ލަވައިގެ އޯޑިއޯ، ލަވަފޮށި މެދުވެރިކޮށް އަޑުއަހައިލެވެން ހުރިއިރު، ޕްރޮމޯ ލަވައަކީ މިހާރު އާއްމުވެފައިވާ ލަވައިގެ ރިމިކްސް ވާރޝަން އެއް ކަމަށް މޮގާ މައުލޫމާތު ދެއްވައެވެ.

އަންނަ ހޯމަ ދުވަހު ހެނދުނު 10:00 ން ފެށިގެން ފިލްމުގެ ޓިކެޓް ވިއްކަން ފަށާނެ ކަމަށްވެސް ޑާކްރެއިން އެންޓަޓެއިންމެންޓުން މަޢުލޫމާތު ދެއެވެ. އޮލިމްޕަސް ސިނަމާގެ ޓިކެޓް ކައުންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 ން ފެށިގެން ރޭގަނޑު 11:30 އާއި ހަމައަށެވެ. ޕްރިމިއާ ނައިޓްގެ ޓިކެޓް 150 ރުފިޔާ އަށް ވިއްކާއިރު، އެހެން ޝޯ ތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށެވެ.

ޕްރިމިއާ ނައިޓްގެ ރަތްދޫލަ ހަފުލާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:30 ގައެވެ. ފިލްމު ދައްކަން ފަށާނީ 09:00 ގައިކަމަށް ޑާކްރެއިން އެންޓައިޓެއިންމެންޓުން މަޢުލޫމާތު ދެއެވެ.

ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ކޮމެޑީ ފިލްމު ”މާމުއިގައި ބޮޑު ކާސްޓެއް ހަރަކާތްތެރިވެއެވެ.

އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް ސްކްރީން ޕްލޭ ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ ”މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން ”މާމުއި ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ މުހިންމު ރޯލެއް ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.