އާދޭހެވެ. އަޅުގަނޑުމެން މާދަރީބަހަށް އަހުލުވެރިވާން ވެއްޖެއެވެ. ބަސްދެކެ ލޯބިވާން ވެއްޖެއެވެ. ބަސްދެކެ އިންތިހާއަށް ލޯބިވެގެންނޫނީ، ބަސް ކުރިއަރައި ދިޔުމެއްނެތެވެ. ބަހަށް ޚިދުމަތްތަކެއް ކޮށްގެން މެނުވީ، ބަސް ކުރިއަރާނޭ ގޮތެއްނެތެވެ.

އެއްވެސް ޝައްކެއްނެތެވެ. ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ބަސްތައްވެސް ކުރިއަރައިފައިވަނީ، އެބަހެއްގެ އަހުލުވެރިން، އެބަހަކަށް ކޮށްފައިވާ ޚިދުމަތްތަކުގެ ސަބަބުންނެވެ. އަދި ކީއްތޯއެވެ. ބަސް އުވިގެންދަނީ، އެކަށީގެންވާވަރަށް ބަހަށް ޚިދުމަތްނުކުރެވުމުގެ ސަބަބުންނެވެ. އަޅައިނުލައި ދޫކޮށްލެވުމުގެ ސަބަބުންނެވެ. ވާނޭ ގޮތެއްވާން ބަލަހައްޓައިގެން ތިބުމުގެ ސަބަބުންނެވެ.

އަޅުގަނޑުމެންގެ އުސްތާޛުލް ޖީލް، ފަތްތޫރައަށް ލިޔުއްވި އެންމެ ފަހު ލިޔުއްވުމަށް ކަޅިއެއް އެއްލެވުން ކީއްތޯއެވެ. “ބަސް ހަރުދަނާ ކުރުމަށް އެހީތެރިވެދެއްވާށެވެ.” މި މައުޟޫޢުގެ ދަށުން ފަތްތޫރައިގެ 119 ވަނަ ޢަދަދަށް، އެމަނިކުފާނު ލިޔުއްވާފައިވެއެވެ. “އާދޭހެވެ. ބަހަކީ ހަމަ އެކެއްގެވެސް އަމިއްލަ އެއްޗެއްނޫނެވެ. އެއީ އެންމެންގެ އެއްޗެކެވެ. އެންމެންގެ ޙައްޤެކެވެ. އެކަކަށްވެސް އެ ހަލާކު ކުރުމުގެ ޙައްޤު ލިބިގެނެއް ނުވެއެވެ. ބަސް ރަނގަޅުގޮތުގައި، ހަމަތަކާ ގަވާއިދާ އެއްގޮތްވާގޮތަށް އުފެދި ބޮޑުވެ ފުޅާވެ ކުރިއެރުމަކީ ބަހުގެ އަހުލުވެރީންކުރެ ކޮންމެމީހަކުވެސް އުފާކުރަންޖެހޭނެ ކަމެކެވެ. ހަމަ އެހެންމެ ފަރުވާކުޑަރުކުމުންނާ، އަޅައިލުމެއް ނެތުމުންނާ ހަމައެއް އުސޫލެއް ގަވާއިދެއް ނެތުމުން ބަހަށް ލިބޭ ނިކަމެތިކަމަކީ އެކަމާ އެންމެންވެސް ހިތާމަކުރަން ޖެހޭނެކަމެކެވެ.”

އެއްވެސް ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ އުސްތާޛުލް ޖީލް، މަރުޙޫމް މުޙައްމަދު ޖަމީލްދީދީ ވިދާޅުވި ފަދައިން، މާދަރީ ބަހަށް ލިބޭ ކޮންމެ ކުރިއެރުމަކީ، މުޅި ޤައުމު އެކަން ހިއްސާކުރާނެކަމެކެވެ. އޭގެ މަންފާ މުޅި ޤައުމަށް ލިބިގެންދާނޭ ކަމެކެވެ. އަންނަން އޮތް ޖީލުތަކަށް އޭގެ ސަބަބުން ކުރިފަޅައި ހެދިގަތުމުގެ ރޫޙު ލިބިގެންދާނޭ ކަމެއްމެއެވެ.

އެހެންނަމަވެސް އެ ކުރިއެރުން ބިނާވެގެންވަނީ، ބަހުގެ ހަމަތަކާ އުޞޫލުތަކައި ގަވާއިދުތަކުގެ މައްޗަށް އިންސާނާ ބުރަވި މިންވަރެއްގެ މައްޗަށެވެ. އާދޭހެވެ. ބަސްދެކެ ލޯބިވީ މިންވަރެއްގެ މައްޗަށެވެ. ބަހާމެދު ފަރުވާތެރިވީ މިންވަރެއްގެ މައްޗަށެވެ. ބަސް މުއްސަނދިކުރާން މަސައްކަތް ކުރެވުނު މިންވަރެއްގެ މައްޗަށެވެ. އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވިފަދައިން، ބަހަކީ މުއްސަނދި ކުރީމާ މުއްސަނދިވާ އެއްޗެކެވެ. ތަރައްޤީ ކުރީމާ ތަރައްޤީވާ އެއްޗެކެވެ. މިހެން ދެންނެވުމުން ފަހަރެއްގައި ހިތަށް އަރާފާނެއެވެ. ދިވެހި ބަހަކީ ފަޤީރު ބަހެކެވެ.

ނޫނެކެވެ. ދިވެހިބަސް އޭގެ ޒާތުގައި، އެހެން ބަސްބަހާއި އަޅައިބަލާއިރު ފަޤީރެއްނޫނެވެ. ވަރަށްވެސް ތަނަވަހެވެ. އަދިކީއްތޯއެވެ. ދިވެހިބަހުން ފާޅުނުކުރެވޭނެ ޝުޢޫރެއް ޚިޔާލެއްވެސް ނޯންނާނެއެވެ.

މީގެ 74 އަހަރުކުރިން، “ދިވެހި ބަސް” މި މައުޟޫޢުގެ ދަށުން ސުއްމުވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވެއެވެ. “ދިވެހިބަހަކީ، ނުހަނު ފުރިހަމަ ގަވާއިދެއްގެ މައްޗަށް ބިނާވެފައިވާ، ތަނަވަސް ބަހެކެވެ. އަޅުގަނޑުމެންނަށް، ހިތަށް ވަންނަހައި ޚިޔާލުތައް، ހަލުވިކޮށް ދިވެހިބަހުން ބަޔާންކޮށްނުދެވެނީ، ހަމައެކަނި އަޅުގަނޑުމެންނަށް ދިވެހިބަސް ނުއެނގޭކަމުންނެވެ. ދިވެހިބަހުގެ ތަނަވަސްކަމާމެދު ޝައްކުވާ މީހަކުނަމަ ނައިބުތުއްތު ލިޔުއްވާފައިވާ ތަކެތީގެ މައްޗަށް، ނުވަތަ ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ފޮތްފޮތުގެ މައްޗަށް ނުވަތަ “ޙިމާރުލްޤައުމު” ހައްދަވާފައިވާ ފަރިހިތަކުގެ މައްޗަށް ނިކަން ވިސްނައިލަބަލާށެވެ. ތިބާގެ ކިބައިގާ ޢިލްމުހުރި ކޮންމެ ދިވެއްސަކަށް، ދިވެހިބަސް މެދުވެރިކޮށްގެން، ތިމާއަށް ޢިލްމު އެނގޭނެހެން ދޭހަކޮށްދެވޭނެކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.”

ތެދުފުޅެކެވެ. މުޙައްމަދު އަމީންދީދީ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ މައްސަލައަކީ ނޭނގުމެވެ. އަދިކީއްތޯއެވެ. ނޭނގުމަށްވުރެ ފަރުވާކުޑަކުރެވެނީއެވެ. ބަހުގެ މުހިއްމުކަން ވަޒަން ނުކުރެވެނީއެވެ. އެހެންނޫންނަމަ އަޅުގަނޑުމެންގެ ޝުޢޫރުތަކާއި، ޚިޔާލުތައް ދިވެހިބަހުން ފާޅުނުކުރެވެންވީ ކީއްވެތޯއެވެ.

އާދޭހެވެ. ދުނިޔޭގެ އެހެންބަސްތަކާ އެއްހަމައެއްގައި ފައިހަމަކުރުމުގެ ޤާބިލިއްޔަތުކަން ދިވެހިބަހުގައި ހުރިކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަމެވެ. އެ ތަނަވަސްކަން ދިވެހިބަހުގައިވެސް އެބަހުރިމެއެވެ. އަޅުގަނޑު އިސްވެ ދެންނެވިހެން، ކަމެއް ކުރިއަރާނީ، އެކަމެއް ކުރިއަރުވަން މަސައްކަތްކުރުމުން ނޫންތޯއެވެ. ޝައުޤުވެރިކަމެއް ހުރެގެން ނޫންތޯއެވެ. ކުރިންވެސް ދެންނެވިފަދައިން، ބަހަކީ މުއްސަނދި ކުރުމުން މުއްސަނދިވާ އެއްޗެކެވެ. ސުވާލު އުފެދުން އެކަށީގެންވެއެވެ. ދިވެހިބަސް މުއްސަނދިކުރާނީ ކިހިނެއްތޯއެވެ؟ ދިވެހި ބަހަކީ އިނގިރޭސި ބަސްފަދަ ފުރިހަމަ ބަހެއްނޫންވިއްޔާއެވެ. އަދި ބޭރު ކޮންމެ ލަފުޒަކަށް ދިވެހި ލަފުޒެއް ހެދިފައި އޮތީއެއްނޫންވިއްޔާއެވެ. ހައްތާވެސް ހުންނަނީ ބޭރު ލަފުޒުތަކުން އައިސްފައިހުރި ލަފުޒުތައްވިއްޔާއެވެ.

ތެދެކެވެ. ދިވެހިބަހުގައި ބޭރުގެ ބަސްބަހުން އައިސްފައިހުރި ލަފުޒުތައްވެސް އެބަހުއްޓެވެ. އެކަމަކު ދަންނަވަންތޯއެވެ. ބަހަކީ ދިރޭ އެއްޗެކެވެ. ބަހަކީ ޒަމާނާއެކު ބަދަލު އަންނާނެ އެއްޗެކެވެ. އަޅުގަނޑުމެންގެ ބޭނުންތައް އިތުރުވިހެން، ޒަމާން ބަހުގެ މައްޗަށް ބާރުފޯރުވާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. އަދިކިއެއްތޯއެވެ. ކޮންމެ ބަހަކަށްވެސް ބޭރު ލަފުޒުތައް ވަންނާނެކަމީ ވަސްވާހެއް އޮތްކަމެއް ނޫނެވެ. މިއީ ދުނިޔޭގެ އާދައެވެ. ދުނިޔޭގެ ސުންނަތެވެ.

އާދެ! ތިޔަ ވިދާޅުވާ އިނގިރޭސި ބަހަށް ބައްލަވާލައްވަމާ ހިންގަވާށެވެ. ފަތްތޫރައިގެ ފުރަތަމަ ޢަދަދުގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ލިޔުއްވާފައިވެއެވެ. “އިނގިރޭސި ބަސް ފޮތެއް، ކޮންމެ ޞަފުޙާއަކަށް ހުޅުއްވާލެއްވިއަސް ފެނިވަޑައިގަންނަވާނީ އެކައްޗެކެވެ. އަސްލު އިނގިރޭސި ލަފުޒުތަކުގެ އިތުރަށް، ގްރީކް، ޖަރުމަން، ލެޓިން، ފަރަންސޭސި، ސްޕެނިޝް، ޢަރަބިފަދަ ބޭރުބަސްބަހުން އިނގިރޭސި ބަހަށް އައިސްފައިވާ، ނުވަތަ ގެނެވިފައިވާ، އެތައް އެތައް ލަފުޒުތަކެކެވެ. އެ ލަފުޒުތައް އެވަނީ މިހާރު އިނގިރޭސި ލަފުޒުތަކަކަށް ވެފައެވެ. އަދި އެލަފުޒުތަކުގެ ސަބަބުން އިނގިރޭސި ބަހަށް ލިބިފައިވާ މުއްސަނދިކަން ބޮޑެވެ.”

ކަންމިހެންހުރިއިރު ދިވެހިބަހުގެ ތެރެއަށްވެސް ބޭރުގެ ލަފުޒުތައްވެސް ވަންނާނެއެވެ. އޭގެ ސަބަބުން ދިވެހިބަސް މުއްސަނދިވެގެންވެސް ދާނެއެވެ. އެކަމަކު އޭގެ މާނައަކީ، އެމީހަކު ހިތަށްއެރި ގޮތަކަށް ލަފުޒުތައް ގެނެސްގެން ލިޔެކިޔުމުގައި ބޭނުންކުރާށެކޭ ނޫނެވެ. އާދެ! ބޭރުބަހަކުން ދިވެހިބަހުގެ ތެރެއަށް އިތުރުވެފައިވީ ލަފުޒެއްނަމަވެސް ނުވަތަ މައްދިވެހިބަހެއް ނަމަވެސް، އޭގެ އޮންނަ ހަމަތަކާ އުޞޫލުތަކަށް ތަބާވެގެން އެ ލަފުޒު ބޭނުންކުރުމަކީ، ބަސް މުއްސަނދިކުރުމަށް އެންމެ ފުރަތަމަ އަޅަންޖެހޭނެ ފިޔަވަޅެވެ.

ހިތާމައަކީ ކޮބައިތޯއެވެ. ބަސް މުއްސަނދި ނުކުރެވޭ ސަބަބަކީ ކޮބައިތޯއެވެ. އާދޭހެވެ. އައްޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލުދީދީ ވިދާޅުވިފަދައިން ބަހާއި ދޭތެރޭ ފަރުވާކުޑަކުރެވުމުގެ ސަބަބުންނެވެ. ބަހާ ދޭތެރޭ އަޅައިލުމެއް ނެތުުންނެވެ. ބަހުގެ ހަމަތަކާ އުޞޫލުތަކާ ގަވާއިދުގެ މައްޗަށް ފައިންއަރާ ޗިސްކޮށްލުމުގެ ސަބަބުންނެވެ. އެމީހަކު ހިތަށްއެރި ގޮތަކަށް ބަސް ހަލާކުކޮށް ބޭނުންކުރުމުގެ ސަބަބުންނެވެ.

އާދެ! އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރުދުން، މިހާރަކަށް އައިސް ދިވެހި ބަސް ބޭނުންކުރަނީ ކިހިނެއްތޯއެވެ. “ހަތަރު ކަށިމަތި” މިއީ، “ހަތަރު މަތިފުށް” ގެ ބަދަލުގައި ކިޔައި އުޅޭގޮތެކެވެ. “މަތިފުށް” ނުވަތަ “މަތިކޮޅު” މި ދެލަފުޒުގެ މާނަ ބައްލަވާލައްވަމާ ހިންގަވާށެވެ. މާނައަކީ، ތިމާ އާއި ހަމައިން ފެށިގެން މައްޗަށް، ތިމާ ނިސްބަތްވާ ދަރިކޮޅެވެ. ނުވަތަ ނަސަބެވެ. ނުވަތަ ނަސްލެވެ.

ދެން “ކަށިމަތި” މިލަފުޒުގެ މާނަ ބައްލަވާލައްވަމާ ހިންގަވާށެވެ. ކަށިމައްޗަކީ، ފައިގެ ކުޑަހުޅާ ކަކުލާ ދެމެދުގެ ކުރިމަތި ފަރާތެވެ. ދެވަނަ މާނައަކީ، ކުޅިވަރު ކުޅޭއިރު، ކަށިމައްޗަށް ހާނިއްކައެއް ވެދާނެތީ ބަންނަ ދާފަރާއެވެ. ކަންމިހެންހުރިއިރު، “މަތިފުށް” މި ލަފުޒުގެ ބަދަލުގައި، “ކަށިމަތި” ބޭނުންކުރެވޭނެ އެއްވެސް ހަމައެއްނެތެވެ.

އަދިވެސް ބައްލަވާލެއްވުން ކީއްތޯއެވެ. “ނުކަތާވަރު ވެއްޖެ” ނުވަތަ “ނުކަތާވަރަށް” މިހެން ލިޔެފައި ހުންނަތަން ފެންނަމުންދެއެވެ. ވާހަކަދެއްކުމުގައިވެސް މި ބީދައިން ބޭނުންކުރަމުން އެބަދެއެވެ. މިއީ ބަހުގެ ގަވާއިދާއި ޚިލާފު ބުނުމެކެވެ. ރަނގަޅުގޮތަކީ “ނުތަކާވަރުވެއްޖެ” ނުވަތަ “ނުތަކާވަރަށް” މިހެންނެވެ. އޭގެ އިދިކޮޅަކީ، “ތަކާވަރުވުން” މިއެވެ. “ތަކާވަރު” (ޖާގައޮތްވަރު، ތަނަކަށް މީހުންތަކެއް ނުވަތަ އެއްޗެހިތަކެއް ވެއްދޭވަރު) މިއީ ނަމެވެ. “ތެކުން” (ތަނަކަށް ނުވަތަ އެއްޗަކަށް ފެތޭވަރުވުން) މިއީ މިލަފުޒުގެ މަސްދަރެވެ. ވީމާ “ނުކަތާވަރު” މި އާއި “ތެކުން” ނުވަތަ “ތަކާވަރު” މިދެލަފުޒާއި ހުރީ ކޮންގުޅުމެއްތޯއެވެ.

އާދޭހެވެ. އިސްވެ މިދެންނެވި ގޮތްގޮތަށް ބަސް ބޭނުންކުރަމުން ދިއުމުގެ ނަތީޖާއަކީ، ބަސް ހަލާކުވުމެވެ. އެއީ ބަސް މުއްސަނދިކުރުމެއް ނޫނެވެ. ބަސް ތަރައްޤީ ކުރުމެއްވެސް ނުމެނޫންމެއެވެ.

އެހެންކަމަށްވުމުން އެންމެ ފުރަތަމަވެސް ޤަވާއިދާ ހަމަތަކުގައި ހިފަހައްޓަވާށެވެ. ދިވެހިބަސްދެކެ ޙަޤީޤީ ލޯބިވެލައްވާށެވެ. ކޮންމެ މީހަކުވެސް، އެމީހެއްގެ ގައިގައި ހުރި ފެންވަރުން، ދިވެހިބަސް ދިރުވައި އާލާކުރެއްވުމަށް މަސައްކަތްކުރައްވާށެވެ. އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންނާއި ހަމައަށް ފޯރުކޮށްދެއްވި މި އަގުބޮޑު ތަރިކަ ރައްކާތެރިކުރެއްވުމަށް އެންމެން އަތާއަތްގުޅާލައްވާށެވެ. ކެންޔާގެ މުޙާވިރާއެއްގައިވެއެވެ. “ހުރިހާ އިނގިލިތައް އެއްވައްތަރުވުމަކީ ބޭނުންކަމަކަށް ނުވިޔަސް، ކަމެއްކުރާއިރު ހުރިހާ އިނގިލިތައް ބައިވެރިވުމަކީ ބޭނުންކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.