ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތުގައި މިވަގުތު އެންމެ ކުރީ ސަފުގައި، އެންމެ ކާމިޔާބުކަމާއެކު ހަރަކާތްތެރި ވަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓަށް މިއަދު މިވަނީ 13 އަހަރު ފުރިފައެވެ.

ދިވެހި ސިނަމާ ތެރެއަށް ޑާކްރެއިން އެންޓަޓެއިންމަންޓް ވަދެފައިވަނީ 2006 ގައެވެ. ޓީވީއެމް އަށް ޑްރާމާ ސިލްސިލާ އުފައްދައިދިނުމާއި އިޝްތިހާރު ހެދުމާއި އޯޑިއޯ ރެކޯޑިން ހަދައިދިނުން ފަދަ ކަންތައްތަކާއި އެކުގައެވެ. ނަމަވެސް މިއަދު އެ ސްޓޫޑިއޯ އަކީ އެމީހުންގެ އުފެއްދުންތަކުގެ ފެންވަރާއި ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު ރާއްޖޭގެ ނަންބަރ ވަން ފިލްމު ޕްރޮޑަކްޝަން ހައުސް ކަމަށް ބުނުމަކީ ފިލްމު އުފައްދާ އެހެން ފަރާތްތަކަށް ބުނެވޭ ކުޑައިމީސް ބަހަކަށް ނުވާނެއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓަށް މިހާތަނަށް އައިއިރު ލިބިފައިވާ ކާމިޔާބީތައް ވަރަށް ގިނައެވެ. ހަމަ އެހެންމެ ފިލްމު އުފެއްދުމުގެ މަސައްކަތުގައި ދިވެހިން މީގެކުރިން ގިރާކޮށްފައި ނުވާ ހަރުފަތްތަކެއް ގިރާކުރުމުގެ އެންމެ ފުރަތަމަ ރެކޯޑުވެސް އެ ސްޓޫޑިއޯއިން ވަނީ މުގުރާލާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފަހަރަށް ދިވެހި ފިލްމެއް އެޗްޑީ(HD)، ތްރީޑީ(3D) އަދި ޑީއެސްއެލްއާރް(DSLR) ގައި ޝޫޓްކޮށް ބެލުންތެރިންނާއި ހަމައަށް ގެނައުން ހިމެނެއެވެ. މީގެ އިތުރުން ’ވެނިސް ފިލްމު ފެސްޓިވަލް‘ ގައި ރާއްޖޭގެ ފިލްމެއް ފުރަތަމަ ދެއްކީވެސް އެމީހުންގެ ފިލްމެކެވެ.

މިހައިތަނަށް އައިއިރު 52 އެވޯޑް ޑާކްރެއިން އިން އުފުލާލާފައިވާއިރު ކުރިއަށްހުރި ބައެއް ޕްރޮޖެކްޓްތައް ޑާކްރެއިން އިން ވަނީ ހާމަކޮށްފައެވެ.

ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް ޑާކްރެއިން އިން ގެނެސްދޭނެ ފިލްމެއްކަމަށް ބެލެވެނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ސްކްރިޕްޓް ތައްޔާރުކޮށްފައިވާ ފިލްމު “ނޮވެމްބަރު”އެވެ. މި ފިލްމު ޑައިރެކްޓް ކުރާނީ ފިލްމު ޑައިރެކްޝަންގެ އެންމެ ކުރީ ސަފުގައި ހުރި އަލީ ޝިފާއު (ޗިއްޕެ)އެވެ. “ނޮވެމްބަރު”ގެ ޕްރޮޑިއުސަރުންނަކީ މޮގާ އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދެވެ.

“ނޮވެމްބަރު”ގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ޑާކްރެއިންގެ ގިނަ ފިލްމުތަކެއްގައި ލީޑް ކުޅެފައިވާ ހުނަރުވެރި މަރިޔަމް މަޖުދާއާއި ޖުމައްޔިލް ނިމާލެވެ. މި ފިލްމުގައި ދިވެހި ފިލްމީ އުދަރެހުގެ އެންމެ އުޖާލާ އެއް ތަރި އިސްމާއިލް ވަޖީހުވެސް ހަރަކާތްތެރިވާނެއެވެ.

“ނޮވެމްބަރ”ގެ ޝޫޓިން ކުރިއަށްދާނީ ސިންގަޕޫރާއި މާލޭގައެވެ. 2020 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް މި ފިލްމު ގެނެސްދިނުމަށް ޑާކްރެއިން އިން ނިންމާފައިވެއެވެ.

ޑާކްރެއިންއަށް 13 އަހަރުފުރުމާއެކު ރޭގެ ވަގުތެއްގައި ޑާކްރެއިންގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ކޮށްފައިވާ ޓްވީޓެއްގައި އެ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭންހުރި އިތުރު ފިލްމުތައްވެސް ހާމަކުރިއެވެ. އެގޮތުން ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ “ބަޅިނދު” ފިލްމާއި މޫމިން ފުއާދު ލިޔާ “ބައިސާ”އެވެ. “ބައިސާ”ގެ ލީޑް ކުޅުމަށް ކުރިއަރަމުން އަންނަ ތަރި ނުޒުހަތު ޝުއައިބަށް ހުށައެޅުމުން ނުޒޫ އެ ހުށައެޅުން ބަލައިގެންފާވާކަމަށް މޮގާ ހާމަކޮށްފައިވެއެވެ.

މިހައިތަނަށް 12 ފީޗާ ފިލްމު އުފައްދާފައިވާ ޑާކްރެއިން އިން އިތުރު ޕްރޮޖެކްޓްތަކަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ފިލްމު “ގޮށްރާޅު” އަދި “މާމުއި” އަކީ މި އަހަރު ޑާކްރެއިން އިން ގެނެސްދިން ވަރުގަދަ ދެ ފިލްމެެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.