މި ހިނގާ ސެޕްޓެންބަރ މަހުގެ 23 އިން 26 އަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިސް ނަގައިގެން ފެހެންދޫ އަދި ހިތާދޫގައި ‘އެނިމަލް ޕެސްޓް އެންޑް ޑިސީސް ސަރވައިލެންސް’ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމުގެ ތެރޭގައި ކޯލި ދޫންޏަށާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި އެ ބަލިތައް ދެނެގަންނާނެ އަލާމާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެ ތަކެތި ގެންގުޅޭ ފާމް ތައް އިންސްޕެކްޓް ކުރުންވެސް މި ޕްރޮގުރާމްގެ ތެރޭގައި ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން، އެ ދެ ރަށުން ޖުމްލަ ހަތަރު ފާމެއް އިންސްޕެކްޓް ކޮށްފައި ވާއިރު ފާމްތަކުގައި ބަލި ޖެހިފައި ތިބި ޖަނަވާރުތައް ދެނެގަނެ އެ ޖަނަވާރުތަކަށް މި ޕްރޮގުރާމުގެ ތެރޭގައި ފަރުވާ ދީފައި ވެއެވެ. އަދި އެ ފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސާމްޕަލް ނެގުމަށްފަހު، ބަކަރިއަށް ޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތު ޑިޒީސް (އެފް.އެމް.ޑީ) އަށް ޓެސްޓު ކޮށްފައިވެއެވެ. މީގެ އިތުރުން ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯސެކިއުރިޓީ) ހާލަތު ބަލައި ރަނގަޅު ކުރަންވީ ކަންތަކާ ބެހޭގޮތުން ލަފާ ދީފައި ވާއިރު، ދެ ރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސް ހިސާބު ވެސް ނަގާފައި ވެއެވެ.
މި ޕްރޮގްރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެ އަހަރަކު ވެސް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ދެ ރަށަކީވެސް ބަކަރި އަދި ކޯލި ދޫނީގެ ބާވަތްތައް ގެންގުޅެ، ވިއްސާ އާލާ ކޮށްގެން އާމްދަނީ ހޯދާ ދެރަށެވެ.
