ބޮލީވުޑްގެ މަޝްހޫރު ތަރިި އާލިޔާ ބަޓް 2019 ވަނަ އަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑުގެ ‘ދަ މޯސްޓް އިންސްޕަޔަރިން އޭޝިއަން ވުމަން’ އެވޯޑަށް ނޮމިނޭޓް ވެއްޖެއެވެ. އާލިޔާއަކީ މިއަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑަށް ނޮމިނޭޓްވި ހަމައެކަނި އިންޑިއާގެ ތަރިއެވެ.
އާލިޔާ ނޮމިނޭޓްވެފައިވާ ކެޓަގަރީއަކީ އެންމެ ވާދަވެރި އެއް ކެޓަގަރީއެވެ. މިއަހަރު ޕީޕަލްސް ޗޮއިސް އެވޯޑަށް އިންޑިއާއިން ނޮމިނޭޓްވި ހަމައެކަނި ތަރިޔަކީވެސް އާލިޔާއެވެ.
މި ކެޓަގަރީގައި ސައުތު ކޮރެއާގެ ދެ އެކްޓަރުންނާއި ލަވަ ކިޔުންތެރިއަކާއި ތައިލޭންޑްގެ އެކްޓަރަކާއި އިންޑޮނޭޝިއާގެ އެކްޓަރަކާއި މެލޭޝިއާގެ ލަވަ ކިޔުންތެރިއެއް އަދި ލަވަ ލިޔާފަރާތަކާއި ތައި މޮޑެލެއްވެސް އާލިޔާއާއެކު ވާދަކުރެއެވެ.
އެވޯޑް އިންތިޒާމު ކުރާ ފަރާތާ ހަވާލާދީ މީޑިއާ ރިޕޯޓަތައް ބުނާގޮތުގައި ނޮމިނޭޝަން ހޮވާފައިވާނީ އޭޝިޔާގެ ހުރިހާ ގައުމެއް ހިމެނޭގޮތަށެވެ. ނޮމިނޭޓް ވެފައިވާ ފަރާތްތަކަކީ އޭޝިއާގެ ޓީވީގެ ދުނިޔޭގައި އެންމެ ކުރިއަރަމުން އަންނަ ތަރިން ކަމުގައިވެސް ވަނީ ފާހަގަ ކޮށްފައެވެ. ނޮމިނޭޝަން ހޮވުމުގައި ބޮޑަށް ބެލީ މުޖްތަމައުއާ ގައުމަށް ދޭންޖެހޭ ސޯޝަލް މެސެޖް ފޯރުކޮށްދެވޭވަރުގެ ބައެއްތޯއެވެ.
ޕީޕަލްސް ޗޮއިސް އެވޯޑު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 11ވަނަ ދުވަހު އެމެރިކާގައެވެ.
