ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، ދޮންބަންޑާރައިންނަކީ، މި ދީބުން ފެނުނު، އެންމެ އަގުހުރި އެއް ނަމޫނާއެވެ. އެ މަނިކުފާނުގެ، އަޚުލާޤީ ސިފަފުޅުތައް ހުރިހައި ރޮނގެއްގައި ވެސް، ފެނިގެންގޮސްފައިވެއެވެ. އޭގެތެރޭގައި، އިބްރާހިމް ރަސްގެފާނުގެ ބޭފުޅުންނާއި މެދުގައި ބެހެއްޓެވި އޯގާވެރި ގޮތްތައް ބަޔާންކުރަން، އަޅުގަނޑުގެ ދެލިމަދު ގަލަން ޢާޖިޒުވެގެންވެއެވެ. އެހެންނަމަވެސް…. އާދެ! އޭގެތެރެއިން ބައެއް ކަންތައްތަކުގެ މައްޗަށް، ކުޑަ ނަމަވެސް އަލިކަމެއް އަޅުވައިލުމުގެ އުއްމީދުގައި، އަޅުގަނޑުގެ ގަލަން ހިންގައިލާނަމެވެ.

މި ގޮތުގެ މަތިން ބަލާއިރު، ޙުސައިން ގަދަހަމާންތި މަނިކުފާނުގެ ދެކަނބަލުންނާއި ދޭތެރޭގައި ކަންތައް ކުރެއްވިގޮތާއިމެދުގައި، ދޮންބަންޑާރައިންގެ މައްޗަށް، އަޅުގަނޑުގެ ހިތުގައި އުފެދެނީ، ވަކިން ޚާއްސަ ތަޢުރީފެކެވެ. މި ދެންނެވި ޙުސައިން ގަދަހަމާންތި މަނިކުފާނުގެ އަނބިކަނބަލުންނަކީ، އިބްރާހިމް ރަސްގެފާނުގެ ފާޠިމަތު ރަނިކިލެގެފާނެވެ. އާދޭހެވެ. ޙުސައިން ގަދަހަމާންތި މަނިކުފާނުގެ ދެކަނބަލުންނާއި، އެ ދެކަނބަލުންނަށް ތަބަޢަވީ ބަޔަކު ރަސްކަމުގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރިއެވެ. އެހެނަސް، ޙުސައިން ގަދަހަމާންތި މަނިކުފާނުގެ ދެކަނބަލުންނާއި މެދުގައި، ދޮންބަންޑާރައިން ކަންތައްކުރެއްވީ އެހާމެ ލުއިގޮތަކަށެވެ. އެ ކަމުގެ އަދަބެއްގެ ގޮތުން، އެ ދެކަނބަލުން އަލިފުށްޓަށް ފޮނުވައިލެއްވީއެވެ. ހަމަ އެހެންމެ، އެ ކަމުގައި ބައިވެރިވި މީހުން ވެސް، އެކި ރަށްރަށަށް ފޮނުވައިލެއްވީއެވެ. އެހެންނަމަވެސް، ދެ އަހަރެއްހައި ދުވަސްވީތަނާ، އެ ދެކަނބަލުން މާލެ ގެންނަވައި ޙުރުމަތްތެރިކޮށް ހިއްތެވިއެވެ.

ހިޖުރައިން އެގާރަ ސަތޭކަ ސަހަތްތަރިވަނަ އަހަރުގައި، އިބްރާހިމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު، ހޮޅީންގެ އަތްދަށުން ސަލާމަތްވެވަޑައިގެން، މާލެ ވަޑައިގެންނެވިއެވެ. މި ދެންނެވި، މުޙައްމަދު މަނިކުފާނާއި ދޭތެރޭގައި، ދޮންބަންޑާރައިން ކަންތައްތައް ކުރެއްވިގޮތާއި މެދުގައި… އާދެ! އަޅުގަނޑަށް ދެންނެވޭނީ އައްސަރިބަހާއި ސާބަހެވެ. މުޙައްމަދު މަނިކުފާނު މާލެ ވަޑައިގަތުމުން، ދޮންބަންޑާރައިން، ލަޝްކަރާއެކު އަތިރިމައްޗަށް ވަޑައިގަތެވެ. ހަމަ އެހެންމެ، ރަސްރަސްކަލުން ފައިބާވަޑައިގަންނަވާ ޢިއްޒަތުގައި މުޙައްމަދު މަނިކުފާނު ބާލުއްވައި، ހަތްކޮޅު ނަންގަވައި، ހަރުބީގައި ގެންދަވާ ކޮއިލުތެރޭގައި ބެހެއްޓެވިއެވެ. ޝައްކެއް ނެތެވެ. ދޮންބަންޑާރައިންގެ މި ޢަމަލުފުޅުން ވެސް، އެމަނިކުފާނުގެ އޯގާވެރިކަމާއި، ހިތްޕުޅުތިރިކަން ހާސާވެގެން ހިނގައްޖެއެވެ.

އާދެ! ދޮންބަންޑާރައިންގެ ޚިދުމަތްތަކުގެތެރޭގައި، ޢަދުލު އިންސާފު ހިންގެވުމުގެ ފަތްތޫރަތައް، މުޅި ރާއްޖެއަށް ނެރުއްވުން ހިމެނެއެވެ. ހަމަ އެހެންމެ، މިސްކިތްތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސަވައި، އެ ތަންތަނުގެ ފަތްކޮޅުތައް އައުކުރެއްވިއެވެ. ހިޖުރައިން އެގާރަ ސަތޭކަ ތޭހަތްތަރިވަނަ އަހަރުގައި ބޮޑުލާރި ޖެއްސެވިއެވެ. ހަމަ އެ އަހަރު ކުޑަލާރި ޖެއްސެވިއެވެ. އެއަށްފަހު، ހިޖުރައިން އެގާރަ ސަތޭކަ ސަތުހަތްތަރިވަނަ އަހަރުގައި ވެސް، ބޮޑުލާރި ޖެއްސެވިއެވެ.

ދެން އަޅުގަނޑު އެނބުރިލާނީ، ދޮންބަންޑާރައިންގެ ޢާއިލާގެ މައްޗަށް ނަޒަރެއް ހިންގައިލުމަށެވެ. ދޮންބަންޑާރައިން ދެ ކައިވެނިފުޅެއް ކުރެއްވިއެވެ. އޭގެތެރެއިން ފުރަތަމަ އަނބިކަނބަލުންނަކީ، ކަކާ ޢަލީ މާފަތް ތަކުރުފާނާއި، ބޮޑުގަލުގޭ ފާތުމަގެ ދަރިކަނބަލުން އާމިނާ ބޮޑުދީދީ ( އާމިނާފާނު ) އެވެ. މި ކަކާ ޢަލީ މާފަތް ތަކުރުފާނަކީ، ދޮންބަންޑާރައިންގެ ބައްޕާފުޅު، އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި އެއްބަނޑު އެއްބައްޕާފުޅު ބޭފުޅެކެވެ. އާދޭހެވެ. ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނާއި، ފެންފުށީ އައިޝާފާނުގެ ދަރިކަލުންނެވެ.

އިސްވެ މި ދެންނެވި އާމިނާ ބޮޑުދީދީގެ ބަނޑުފުޅުން، ދޮންބަންޑާރައިންނަށް، ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ މުޙައްމަދު މަނިކުފާނާއި، އިބްރާހިމް މަނިކުފާނާއި، ޢަލި މަނިކުފާނެވެ. މި ދެންނެވި މުޙައްމަދު މަނިކުފާނަކީ، ހުރާ ޚާންދާނުން ރަސްކަންކުރެއްވި ތިންވަނަ ރަދުންނެވެ. އާދެ! އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން ( ކަޅުބަންޑާރައިން ) އެވެ. އިބްރާހިމް މަނިކުފާނު ދާދި ޅަފަތުގައި
ފުރައުއްތަވީއެވެ. ޢަލި މަނިކުފާނަކީ، ހުރާ ޚާންދާނުން ރަސްކަންކުރެއްވި ހަތަރުވަނަ ރަދުންނެވެ. އާދެ! އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު މަހާރަދުންނެވެ.

ދޮންބަންޑާރައިންގެ ދެވަނަ އަނބިކަނބަލުންނަކީ، ދޮން ޢީސާގެ ފުތް، ދޮން އަޙުމަދު ކަލޭފާނުގެ ދި ބޮޑުދީދީއެވެ. ބޮޑުދީދީގެ ބަނޑުފުޅުން ލިބިވަޑައިގަތީ، ޢާއިޝަތު މަނިކުފާނާއި، ފާޠިމަތު މަނިކުފާނެވެ.

އާދެ! އަޅުގަނޑު އިސްވެ ބަޔާންކުރި، ހުރިހައި ވާހަކަތަކަށް ރިޢާޔަތްކުރައްވައި، ތިޔަ އެންމެ ބޭފުޅުން، އަމިއްލަ ނަފުސާއި ސުވާލުކުރައްވާށެވެ. ދޮންބަންޑާރައިންނަކީ، ކިހާވަރެއްގެ ބޭފުޅެއްކަން، އިންސާފުގެ ތިލަފަތުން ކިރުއްވައިލައްވާށެވެ. އިސާހިތަކު ޞަރީޙަ ޖަވާބު ލިބިލައްވައިފާނެއެވެ.

ޖަވާބަކަށް އަންނަނީ، ހަމަ އެންމެ ޖަވާބެއް ދެއްތޯއެވެ. އާދެ! ތިޔަހީކުރެއްވި ފަދައިން، އެ މަނިކުފާނަކީ، އަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލެވެ. މި ކަމުގެ އިތުރު ބުރުހާނަކަށް، ދޮންބަންޑާރައިންގެ އަންނަނިވި ބަސްފުޅު ފުދެއެވެ. “މަނިކުފާނާއި ރަސްކަމާއި ހަވާލެވެ. އަޅުގަނޑުގެ ކުދީންނާއި މާތް ރަސްކަލާނގެއާއި ހަވާލެވެ.” މި ފަދައިން ވިދާޅުވެފައި، އައްސުލްޠާން އިބްރާހިމް އިސްކަންދަރު(ދެވަނަ) ގެ ދަރިކަލުން، މުޙައްމަދު މަނިކުފާނާއި ( އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި މަހާރަދުން ) ރަސްކަން ހަވާލުކުރެއްވުމަކީ، އެ މަނިކުފާނުގެ މަތިވެރި ޚުލްޤުފުޅުގެ މާތްކަމެއް ނޫންތޯއެވެ. މި ކަމުން ވެސް، އެ މަނިކުފާނަކީ އަމިއްލަ އެދުންފުޅެއް، އަމުދުން ނެތް ބޭފުޅެއްކަން ހާމަވެގެންނުދޭތޯއެވެ. އަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލުކަމުގައި ނުބެލެވޭނެތޯއެވެ. ތާއަބަދު، މި ޤައުމު ދަރީން ފަޚުރުވެރިވުން ޙައްޤު ބަޠަލެއްކަމުގައި ނުވާނެތޯއެވެ.

ހުރަވީ ޚާންދާނުގެ ފުރަތަމަ ރަދުން… އާދެ! އަށާރަވަނަ ޤަރުނުގެ ޤައުމީ ބަޠަލުކަމުގައިވާ ދޮންބަންޑާރައިން ފުރައުއްތަވީ، ހިޖުރައިން އެގާރަ ސަތޭކަ އާހިވަނަ އަހަރުގެ، ރަމަޟާންމަހުގެ ދޭއްވީ ހޯމަވިލޭރޭ އެގާރަޖެހިއިރުއެވެ. މާތްﷲ، އެ މަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތްލައްވާނދޭވެ!
“ފިސްފިސްވެ މުޅިން ދިޔަޔަސް ވިރިގެން،
ފަސްދާނުލެވުނު ކަށިތައް ނެތިގެން،
އިސްނެންގެވި ކާބަފައިން ދެއްވާ
އަސްލީ މިިނިވަން ރޫޙޭ ލިބެނީ” (މުޙައްމަދު ޖަމީލްދީދީ)

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.