ނިމިދިޔަ އޮކްޓޫބަރު 15 އިން ފެށިގެން މާމިގިލީގައި ޝޫޓްކުރަމުން އަންނަ ވެބް ސީރީޒް “ހަނާ” އަކީ ބައިސްކޯފުން ދައްކާ ސީރީޒްތަކުގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާނެ، އެންމެ ވަރުގަދަ ސީރީޒް އަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ބުނެފިއެވެ. އަމްޖޭ ބުނީ ސީރީޒްގެ 90 އިންސައްތައިގެ ޝޫޓިންވެސް މިހާރު ނިމިފައިވާކަމަށެވެ.

“ހަނާ” ސީރީޒްގެ ޝޫޓިން ލޮކޭޝަންގައި ހުރެ، މުނިއަވަސް އަށް މަޢުލޫމާތު ދެމުން ކާމިޔާބު ޑައިރެކްޓަރު އަމްޖޭ ބުނީ ސީރީޒްގެ 90 ޕަސެންޓް ޝޫޓިން ނިމިފައިވާއިރު، ބައެއް ތަރިން ވެސް އެމީހުންގެ ބައިތައް ނިންމުމަށްފަހު އެނބުރި މާލެ ހިނގައްޖެ ކަމަށެވެ. އެގޮތުން އިބްރާހިމް ޖިހާދު (ޖިމީ) އާއި ސީރީޒްގައި މަންމަގެ ރޯލު ކުޅޭ ފާތުން ވެސް މާލެ ހިނގައްޖެ ކަމަށް އަމްޖޭ ބުނެއެވެ.

“ވަރަށް ބަރާބަރު…. ނޫރާ، އައްޔަ އަދި ޖިމީ ވެސް، އެމީހުންގެ ބައިތައް ވަރަށް މޮޅަށް ކުޅެފަ ހުރީ.” ޝޫޓިން ކުރިއަށްދަނީ ކިހިނެއްތޯ އަހައިލުމުން އަމްޖޭ ބުނީ ވަރަށް ބަރާބަރަށް ޝޫޓިން ކުރިއަށްދާ ކަމަށެވެ.

“….ދެން އަޅުގަނޑު ފާހަގަކޮށްލަން މި ޖޮންރާ ވަރަށް ވަރުގަދަ، ވަރަށް ރީތި ވާހަކައެއް، ވަރަށް މޮޅަށް ލިޔެފަ އޮތް ވާހަކައެއް ސީރީޒެއް ހަދަން.” އައިމިނަތު ރިނާޒާ ލިޔެފައިވާ ވާހަކައަށް ވަރަށް ބޮޑަށް ތަޢުރީފުކުރަމުން އަމްޖޭ ފާހަގަކުރިއެވެ.

“މި ޑްރާމާ ވާނެ، ޑްރާމާ ބަލާހިތްވާ މީހުން ބަލާހިތުން ބަލާނެ ވަރަށް ރަނގަޅު ޑްރާމާއަަކަށް. ރީތި ޑްރާމާއެއް ބަލާލަން ބޭނުންނަމަ “ހަނާ” ބަލަން ވާނޭ ބުނެވޭނީ.” އަމްޖޭ އިތުރަށް ފާހަގަކުރިއެވެ.

ފާތުން އާއި ނޫރާގެ އިތުރުން ނޫރާ ޝޮޓަކަށް ތައްޔާރުވެގެން

އަމްޖޭ ޑައިރެކްޓްކުރާ 13 އެޕިސޯޑްގެ މި ސީރީޒްގައި ޢަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ)، ޒީނަތު އައްބާސް، ނޫރާ، ޝަމީލް، ނިޝާ ހަރަކާތްތެރިވެއެވެ.

“މީގެ ޕްރޮޑިއުސަރުގެ ފަރާތުން މި ރަށުގަ ތިބުމާ ކެއުންފަދަ އިންތިޒާމުތައްވެސް ހަމަޖައްސާފައި ހުރީ ވަރަށް ރަނގަޅަށް، ފުރިހަމައަށް.” ޝޫޓިންގެ ހުރިހައި ކަމަކާ ނުހަނު ހިތްހަމެޖިފައިހުރި އަމްޖޭ ބުންޏެވެ.

“ޓެކްނިކަލް ކަންތައްތައް ވެސް ވަރަށް ރަނގަޅު. ހުސައިން މުނައްވަރުގެ ކެމެރާކުރުން ވަރަށް ރަނގަޅު. ގޮޅާ އައްޔަގެ އެޑިޓިންއާ ބައެއް ފަހަރު އައްޔަ ކެމެރާ ކުރާނެ، ކެމެރާ ކުރުމުގެ މަސައްކަތްވެސް ވަަރަށް ރަނގަޅު.” އަމްޖޭ ބުންޏެވެ.

އަމްޖޭ އަކީ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ. މީގެ ކުރިން ބައިސްކޯފުގައި ”ޝްޝްޝް…“ ގެ ނަމުގައި ވެބްސީރީޒެއް ގެނެސްދީފައިވެއެވެ. މީގެ އިތުރުން ޕޯސްޓް ޕްރޮޑަކްޝަންގައި ހަރަކާތްތެރިވާ ޢަލީ ރަޝީދު (ގޮޅާ) އަކީ ވެސް ދިވެހި އެތައް ފިލްމެއް އުފެއްދުމުގައި ހަރަކާތްތެރިވެފައިވާ ކާމިޔާބު ކެމެރާމަން އެކެވެ.

ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) މިހައިތަނަށް 52 ފީޗާ ފިލްމުގެ އިތުރުން ޑްރާމާ އާއި ޑްރާމާ ސީރީޒްތަކެއް ހަދާފައިވޭ

ޖުމްލަގޮތެއްގައި ފިލްމުގެ ކާސްޓުންނާއި ޓެކްނިކަލް ކްރޫގައިވެސް ހިމެނެނީ ފިލްމީ ދާއިރާގައި ތަޖުރިބާކާރު ފަންނާނުންތަކެކެވެ. އެހެންކަމުން އަމްޖޭ އެ އިޝާރާތްކުރިހެން “ހަނާ” ސީރީޒް އަކީ ބައިސްކޯފުން ދައްކަން ފަށަން ހުރި ސީރީޒްތަކުން ވަރުގަދަ ސީރީޒަކަށް ހެދުމަށް ލައްކަ މަސައްކަތް ކުރާނެކަމަށް ޤަބޫލުކުރެވެއެވެ.

މިމަހު، ބައިސްކޯފުން ދައްކަން ފެށުމަށް ތާވަލުކޮށްފައިވާ “ހަނާ” ސީރީޒްގެ ޝޫޓިން އާއި އެޑިޓިން އަދި ޑަބިން މަސައްކަތްވެސް އޮން ލޮކޭޝަންގައި ކުރިއަށްދާ ކަމަށް ފިލްމު ކްރޫ އިން ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.