އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީގެ އުފަންދުވަސް އަނބިމީހާ އަނުޝްކާ ޝަރުމާ އާއެކު ބޫޓާނުގައި ފާހަގަކޮށްފިއެވެ.

ބޫޓާނުގެ ރީތި ފަރުބަދައެއްގެ މަތީގައި ހޭދަކޮށްފައިވާ އުފާވެރި ވަގުތުގެ ފޮޓޯތައް އެމީހުންގެ ސޯޝަލް މީޑިއާގައި ވަނީ އާންމު ކޮށްފައެވެ.

މި ދަތުރުގައި ބޫޓާނުގެ ތަފާތު ރީތި ތަންނަށް ދިއުމާއި އެ ތަންތަނުގެ ރީތި ފޮޓޯތައްވެސް ނަގާފައި ވެއެވެ. އަދި ވިރާތުގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ފޮޓޯގައި ބުނެފައިވަނީ ބައިވެރިޔާއާއެކު މިފަދަ ރީތި މަންޒިލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ލިބުމުން އުފާވާ ކަމަށާއި، އަދި އޭނާއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފައި ވެއެވެ.

ޕްރޮފެޝަނަލް ފަޅިއަށް ބަލާއިރު އަނުޝްކާ އެންމެ ފަހުން ފެނިފައި ވަނީ ފިލްމު ‘ޒީރޯ’ އިންނެވެ. އެ ފިލްމުގެ އެހެން ތަރިންގެ ތެރޭގައި ޝާހްރުކް ޚާނާއި ކެޓްރީނާ ހިމެނޭއިރު، އަނުޝްކާގެ ސަޕޯރޓަރުން ތިބީ އިތުރު ފިލްމެއްގެ އިންތިޒާރުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ޝައިލާ
ފިލްމީ ޚަބަރު ލިޔުމަކީ ޝައިލާގެ ޚާއްޞަ ހުނަރެކެވެ. ބޮލީވުޑްގެ ޚަބަރުތައް ލިޔުމަކީ ޝައިލާގެ ޚާއްޞަ ދާއިރާއެވެ.