ދަނޑުތަކުގެ އަރިމަތީގައި ބަހައްޓާފައި ހުންނަ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) މޮނީޓަރުތަކުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ހިފުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ރެފްރީންނަށް، ރެފްރީންގެ ޗީފް މައިކް ރިލޭ އަންގައިފިއެވެ. މިކަން އިނގިރޭސި މަތީ ފަންތީގެ 20 ކުލަބާއެކު ސެންޓްރަލް ލަންޑަނުގައި މި ހަފްތާގެ ބުރާސްފަތި ދުވަހު ބާއްވާ މަޝްވަރާ ބައްދަލުވުމުގައި އެ ކުލަބުތަކުގެ މަންދޫބުންނަށް އަންގާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ
މި ބައްދަލުވުމުގެ އެންމެ މުހިންމުކަމެއްގެ ގޮތުގައި އެޖެންޑާ ކުރާނެކަމަށް ބެލެވެނީ ވީ.އޭ.އާރު ބޭނުންކޮށްގެން ރެފްރީން ނިންމާ ނިންމުންތަކުން އުފެދިގެން އުޅޭ ޚިޔާލުތަފާތުވުން ތަކަށް ކަމަށް ބެލެވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ވީ.އޭ.އާރު ބޭނުންކޮށްގެން ނިންމުންތައް ނިންމާ އިރު އެކަމަށް ހޭދަވާ ވަގުތު ދިގުވުމާއި، ނިންމުންތައް ނިންމާ އިރު އެކިފަހަރު އެކިގޮތަށް ނިންމާފައި ހުރުން ފަދަ ކަންކަމާ ބެހޭގޮތުން ރެފްރީންގެ ޗީފް މައިކް ރިލޭ ކުލަބުތަކާ މަޝްވަރާ ކުރާނެއެވެ.
މި މަޝްވަރާތަކުގައި ކުއްލި ހައްލެއް ނުލިބުނުކަމުގައި ވިޔަސް ވަގުތުން ވަގުތައް އެޅޭނެ ފިޔަވަޅުތަކެއް ހޯދުމަށް ވާހަކަ ދެކެވޭނެއެވެ. އެގޮތުން ދަނޑުތަކުގެ އަރިމަތީގައި ބަހައްޓާފައި ހުންނަ ވީ.އޭ.އާރު މޮނީޓަރުތަކުގެ ބޭނުން މިހާރަށްވުރެ ބޮޑަށް ހިފުމަށް ރެފްރީންނަށް އެންގުމަކީވެސް އޭގެ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
