ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ސުޕަރކްލާސިކޯ މެޗު އާޖެންޓީނާ ކާމިޔާބުކޮށްފި

ސައޫދީ އަރަބިއްޔާގެ ކިންގް ސަޢުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ރޭ އާޖެންޓީނާ އަދި ބްރެޒިލް ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗު 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ.

އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ ތިން މަހުގެ ސަސްޕެންޝަނަށް ފަހު އެނބުރި ކުޅުމުގެ ތެރެއަށް އައި މި މެޗުގެ 9 ވަނަ މިނެޓުގައި ބްރެޒިލް އަށް ލިބުނު ޕެނަލްޓީ އެޓީމުގެ ފޯވާޑް ގެބްރިއަލް ޖީސަސް އަތުން ވަނީ ނާކާމިޔާބު ވެފައެވެ. ޖީސަސް ތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އޭގެ ހަތަރު މިނެޓް ފަހުން ބްރެޒިލް ޕެނަލްޓީ އޭރިޔާ ތެރެއިން މެސީ އަށް ކުރި ފައުލަކާ ގުޅިގެން އާޖެންޓީނާ އަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި މެސީ ފޮނުވާލި ޕެނަލްޓީ ބްރެޒިލްގެ ކީޕަރު އަލިސަން މަތަކުރުމުގެ ތެރޭގައި ބޯޅަ އެނބުރި ޕެނަލްޓީ އޭރިޔާ ތެރެއަށް އައުމާއިއެކު ލިބުނު ދެވަނަ ފުރުޞަތުގެ ބޭނުން ހިފާ މެސީ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މިއީ މެސީ އާޖެންޓީނާ އަށް ކާމިޔާބުކޮށްދިން 69 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ. މެޗުގައި އާޖެންޓީނާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔައިރު، ބްރެޒިލް އަށް އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް ލެވުނީ އެންމެ ހަމަލާއެއް ކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ޖުލައިމަހު ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން މިހާތަނަށް ކުޅުނު 5 މެޗުން ވެސް ބްރެޒިލް މޮޅުވެފައިނުވާއިރު، އާޖެންޓީނާ އެއްވެސް މެޗަކުން ބަލިނުވާކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top