ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ފިންލޭންޑުގެ އެތައް އަހަރެއްގެ ހުވަފެން ހަގީގަތަކަށް

‏ޔޫރޯ 2020 ގެ ކޮލިފައިންގެ ގުރޫޕް ޖޭ ގައި ހުކުރުދުވަހުގެ ރޭ ލިކްޓެންސްޓައިންގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދައިގެން އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެ، ފިންލޭންޑުގެ ފުޓްބޯޅަ ޓީމް އެގައުމުގެ ތާރީޚްގައި ވެސް ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކުން ޖާގަ ހޯދައިފިއެވެ. 

ފިންލޭންޑުގެ ވެރި ރަށް ހެލްސިންކީގެ ޓެލިއާ 5 ޖީ އަރޭނާ ގައި އެ ގައުމުގެ 10،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަަމަ ގޯލް 21 ވަނަ މިނެޓުގައި ޔައްސޭ ތޫމިނެން ކާމިޔާބުކޮށްދިން އިރު ދެވަނަ ގޯލް މެޗުގެ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ހީރޯ އަދި އިނގެރޭސި ޕްރިމިއަރ ލީގުގެ ނޯވިޗް ސިޓީގެ ހުނަރުވެރި ފޯވާޑް ތީމޫ ޕުއްކީ އެވެ. ތިންވަނަ ގޯލް މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޕުއްކީ އެވެ. މި ގޯލާއެކު ކުޅުނު ނުވަ މެޗުން އޭނާ ވަނީ 9 ގޯލް ކާމިޔާބުކޮށްފައެވެ. 


ވޭތުވެދިޔަ 81 އަހަރުތެރޭ ވޯލްޑް ކަޕް އަދި ޔޫރޯ ކޮލިފައިންގައި ކުރިމަތިލާންޖެހުނު ހިތްދަތި ނާކާމިޔާބަށް ފަހު، އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުން މުޅި ގައުމަށް ވަނީ އުފާވެރިކަން ގެނުވާފައެވެ. ރެފްރީގެ ފަހު ކަށިގަނޑާއެކު، ދަނޑުގައި ކުޅިބަލަން ތިބި ސަޕޯޓަރުން ވަނީ އުފާފާޅުކުރުމުގެ ގޮތުން ފިންލޭންޑުގެ ދިދަތައް ވިހުރަމުން ދަނޑަށް އަރާ މުޅި ދަނޑު ފުރާލާފައެވެ. އަދި ދަނޑު ބޭރުގައި ހަވާ އެރުވުމާއި، އުފާފާޅު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ކުރީގެ ބާސެލޯނާ، އަޔެކްސް، ލިވަޕޫލް އަދި ޔުވެންޓަސްގެ ތަރި ލިޓްމަނެން އާއި ލިވަޕޫލް އަދި ބަޔާން ލެވަކޫސަންގެ ތަރި ސާމި ހޫޕިއާ ފަދަ ތަރިން ހިމެނުނު އެ ގައުމުގެ ރަން ޖީލަށް ނުވި ކަމެއް މިއަދުގެ ޖީލުން މިވަނީ ޙާޞިލްކޮށްފައެވެ. ފާއިތުވެދިޔަ 2 އަހަރު ތެރޭގައި މާކޫ ކަނޭވާގެ އިރުޝާދުގެ ދަށުން އެޓީމު އަންނަނީ ރަނގަޅު ކުރިއެރުން ތަކެއް ހޯދަމުން ކަން ފާހަގަކޮށްލެވެއެވެ. އާބާދީގައި ގާތްގަނޑަކަށް 5.5 މިލިއަން މީހުން އުޅޭ ފިންލޭންޑަކީ ޔޫރޯ ގެ ތާރީޚްގައި އެމުބާރާތަށް ކޮލިފައިވި 34 ވަނަ ގައުމެވެ.

މި މޮޅާއެކު 18 ޕޮއިންޓާއެކު އިޓަލީގެ ފަހަތުން ގްރޫޕްގެ ދެވަނަ ފިންލެންޑަށް ވަނީ ޔަގީންވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top