ތިހާމާ އަކީ މުޅިން ތަފާތު ކުއްޖެކެވެ. އުމުރުން 12 އަހަރުގެ ކުއްޖަކަސް އޭނާގެ ކިބައިގައި އެއްވެސް މަޖާކަމެއް ނުހުރެ އެވެ. އަބަދުވެސް ހުންނަނީ ނެގިމަޑުވެފަ އެވެ. އެހެން ކުދިންނާއި ނުގުޅި އުޅޭތީ ކުދިން ދިމާވެސް ކުރެއެވެ. ނަމަވެސް އެއީކީ ތިހާމާވެސް ބޭނުންވާގޮތެއް ނޫނެވެ. ތިހާމާ ބަރުދާސްތު ކުރަމުންދާ ކަންތައްތައް އެހެން ކުއްޖަކަށް ބަރުދާސްތު ކުރަން ޖެހިފައިވާ ނަމަ، އެކުއްޖެއްގެ މިޒާޖުވެސް އެހެން ކުދިންނާ ތަފާތު ވާނެކަން ތިހާމާ އަށް އެނގެއެވެ.

ތިހާމާ އަށް ކުރިމަތިވަމުން އަންނަ ކަންތައްތައް އޭނާގެ މަންމައަށް ކިޔައިދެއެވެ. ބައްޕައާއި ހިއްސާކުރެ އެވެ. ގޭތެރޭގައި އުޅޭއިރު އަބަދުވެސް އޭނާއަށް ކޮންމެވެސް މީހެއް ނުވަތަ ކޮންމެވެސް އެއްޗެއް ފާރަލަމުން އަންނަކަމުގެ އިޙްސާސް ކުރެވޭ ވާހަކަ މަންމަމެން ކައިރީގައި ބުނީކީ އެއްމެ ފަހަރަކު، ދެފަހަރަކު ނޫނެވެ. މަންމަމެން އެކަން އެހައި ބޮޑުކަމަކަށް ނުހަދައި އަބަދުވެސް ބުނަނީ ‘ތިވާނީ ދަރިފުޅަށް ހީވާގޮތެއް ކަމަށެވެ. ވީހައިވެސް ގިނައިން ކުރުސި އާއި ފަލަޤް،ނާސް،އިޚްލާޞް ކިޔައިގެން އުޅޭށެވެ.’

މަންމަމެން ނުބުންޏަސް ތިހާމާ އަބަދުވެސް އެ އެއްޗެހި ކިޔައެވެ. އުމުރުން ހަ އަހަރުން ފެށިގެން މަންމަމެން ދަސްކޮށްދިން އެ މާތް އާދަ އޭނާ އަންނަނީ ހިފަހައްޓަމުންނެވެ.

ކޮޓަރީގައި ތިހާމާ އޮންނައިރު އަބަދުވެސް ހީވަނީ އެނދު ތަންދޮށުގައި އެއްޗެއް އޮންނަހެންނެވެ. އަދި އިރުއިރުކޮޅުން ތެދުވެ ބަލައިލާކަމަށްވެސް އޭނާއަށް ހީވެ އެވެ.

ހަތަރު އަހަރު ފަހެވެ. ތިހާމާއަށް ވަމުންދިޔަ އުނދަގޫތައް ވަކިން ކުޑައެއް ނުވެއެވެ. ވިއްޔާ ވީ އިތުރެވެ. މިހާރު ކިތަންމެ ރެޔަކު ތިހާމާ ނިދާފާ އޮއްވާ ކޮންމެވެސް އެއްޗެއް އޭނާގެ ފައިގައި ވަކިއަޅާކަމުގެ އިޙްސާސް ކުރެވެ އެވެ. ހެނދުނު ހޭލައިގެން ބަލާލާއިރު ވަކިއަޅާފައިވާ ކަމުގެ ނިޝާންވެސް ހުރެ އެވެ. މިހާރު އެވާހަކަތައް މަންމަމެންނާ އޭނާ ހިއްސާއެއް ނުކުރެ އެވެ. މަންމަޔަސް، އަދި ބައްޕަޔަސް ތިހާމާ ދައްކާ ވާހަކަ ޤަބޫލު ނުކުރަންޏާ ދެން ކޮންމެހެން އެވާހަކަތައް ހިއްސާކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށް އޭނާއަށް ޤަބޫލުކުރެވެ އެވެ.

ރެއަކީ ދުއްޕާން ވިއްސާރައެއް ކުރަމުން ދިޔަ ރެއެކެވެ. ގަދަ ނިދީގައި އޮއްވާ ތިހާމާ އަށް ހޭލެވުނީ ޖެހި ގަދަ ގުގުރިއެއްގެ އަޑަށެވެ. ގުގުރީގެ އަޑަކީ ތިހާމާ ކިތަންމެ ބިރުގަންނަ އަޑަކަސް ފާޚާނާއަށް ދާން ޖެހިފައި ހުރިލެތް ބޮޑުކަމުން އެނދުން ތެދުވެ ހިނގައިގަތެވެ. ހަމަ ހިނގައިގަތުމާއި އެކު ކުއްލިއަކަށް ކޮޓަރީގެ ބޮތްކާއި ފަންކާ ނިވިއްޖެއެވެ. ދެން އިވެން ފެށީ ކޮޓަރީގައި ހުރި ޑްރެސިންގ ޓޭބަލާއި އަލަމާރި އާއި ގޮނޑިތައް ކޮޅުކޮޅު މައްޗަށް ދުވަންފެށި އަޑެވެ. މުށިގަނޑުމަތީގައި އެ ބަރު ފަރުނީޗަރުތައް ހޭކެމުން ދިޔައިރު އިވެމުންދިޔައީ އަޑުއަހަން އެހާ ފަސޭހަ އަޑުފަށްގަނޑެއް ނޫނެވެ. ކަނު އަނދިރީގައިވެސް ފަރުނީޗަރުތައް ދުވަމުން ދިޔަކަން އެނގުނީ ދޭތެރެއަކުން ޖަހާލާ ވިދުވަރުގެ ސަބަބުންނެވެ.

ގަތްފައިވާ ބިރާއިއެކު ތިހާމާ އެރީ އެނދަށެވެ. ރަޖާގަނޑު މޫނާއި އެއްކޮށް އަޅައިގެން އޮށޯވެ ގުޅަވެށިލިއެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ މުޅި ހަށިގަނޑުގައި ކޮންމެވެސް ނުފެންނަ އަތަކުން ވަކިއަޅަމުން ދިޔަކަން އިޙްސާސް ކުރެވެން ފެށިއެވެ. އިންތިހާއަށް ތަދުވަމުން ދިޔައެވެ. އެއްމެފަހުން ތިހާމާއަށް ކެތް ނުކުރެވިގެންގޮސް އޭނާގެ މަންމައާއި ބައްޕައަށް ގޮވި އެވެ. އެމީހުން އެނބުރި އައިސް ތިހާމާގެ ކޮޓަރި ބެލިއެވެ. ކޮޓަރީގައި ކަރަންޓްވެސް އޮތެވެ. އަލަމާރި އާާއި ޑްރެސިންގ ޓޭބަލާއި އެހެނިހެން ފަރުނީޗަރުތައް ހަމަ ކުރިންވެސް ހުރިގޮތަށް ހުއްޓެވެ.

ތިހާމާ ގެ މަންމައާއި ބައްޕަ އަޑުލައި ހަޅޭއްލެވީ ތިހާމާ އަށެވެ. ތިހާމާ އަށް ދިމާވި ކަންތައް ގަނޑާއިމެދު އެމީހުން އެއްވެސް ވަރަކަށް ސީރިއަސް އެއް ނުވެއެވެ.

އަނެއް ދުވަހު ހެނދުނު އިރުއެރުމާއި އެކު ހޮސްޕިޓަލަށް ދާން ތައްޔާރުވުމަށް ތިހާމާއަށް އެންގީ އޭނާގެ ބައްޕަ އެވެ. ޑޮކްޓަރަކަށް ދެއްކުމަށެވެ. ތިހާމާ ހީކުރީ އޭނާގެ ފަލަމަސްގަނޑުގައި ވަކިއަޅާފައި ހުރިތަން ޑޮކްޓަރަށް ދައްކަން ގެންދިޔައީ ކަމަށެވެ. ނަމަވެސް އެމީހުން ތިހާމާ ދެއްކީ ނަފުސާނީ ބަލީގެ ޑޮކްޓަރަކަށެވެ. ތިހާމާ އަށް ކުރިމަތިވަމުން ދިޔަ ކަންތައްތައް ޑޮކްޓަރަށް ކިޔައިދިނީ ތިހާމާގެ މަންމައާއި ބައްޕައެވެ. އަސްލު ކަންތައްތައް ވާގޮތް ކިޔައިދިނުމަށް ތިހާމާ އަށް ފުރުޞަތެއް ނުލިބުނެވެ. ނަފުސާނީ ބަލީގެ ޑޮކްޓަރު ނިންމީ ތިހާމާ އަށް ‘އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރ’ ކުރިމަތިވެފައި ވާކަމަށެވެ.

ތިހާމާ އަށް ކުރިމަތިވަމުން ދިޔަ ކަންތައްތަކަށް ޙަޤީޤީ ފަރުވާއެއް ހޯދޭވަރުވީ އޭނާ އަމިއްލަ ފައިމައްޗަށް ތެދުވެވުނު ފަހުންނެވެ. އުމުރުން 22 އަހަރަށް އެޅިފަހުންނެވެ. ތިހާމާ ގެ ހަޔާތުގެ ބައިވެރިޔާގެ ފުރިހަމަ އެހީތެރިކަމާއި އެކުގައެވެ. ޝަރުޢީ ރުޤްޔާ ކުރާ މީހެއްގެ އެހީގައި އޭނާ އާއި ފާވެފައިވާ ޖިންނީގެ ވަކިތަކުން ސަލާމާތް ވެވުނީ އިސްލާމް ދީނުގެ ފުރިހަމަ ތަރަހައިގެ ތެރެއަށް ވަދެ ޝަރުޢީ ރުޤްޔާގެ އެހީގައެވެ. ކީރިތި ޤުރުއާނުގެ އެހީގައެވެ.

ރުޤްޔާ ހަދާމީހާ ބުނިގޮތުން ތިހާމާ ގެ އުމުރުން 11 އަހަރުގައި ވަނީ ކޮންމެވެސް ގޮތަކުން ޖިންނި އެއް ފާވެފައެވެ. އެ ޖިންނީގެ ވަކިތަކުގެ ޝިކާރައަކަށް ވުމަށްވުރެން އިތުރު ކަމެއް ތިހާމާ އާއި ކުރިމަތި ނުވީ މެދު ނުކެނޑި ކުރުސި ކިޔުމާއި ފަލަޤް ނާސް އަދި އިޚްލާޞް ކިޔުމުގައި ތިހާމާ ދެމިހުރުމުންނެވެ. ތިހާމާ ގެ ހަށިގަނޑަށް ނުވަދެވުމުން ބޭރުފުށުން އަނިޔާތައް ދެމުންދިޔައީ ޖިންނީގެ ތޫނު ނިޔަފަތި ތަކުން ވަކި އަޅައިގެންނެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.