މިމަހުގެ 1 ވަނަ ދުވަހުންފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ އިވެންޓުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަން މެޑަލް ހޯދައި، ސައުތު އޭޝިއަން ގޭމްސްގެ ދިގު ތާރީޚްގައި ރާއްޖެ އަށް އެންމެ ފުރަތަމަ ރަން މެޑަލް ހޯދައިދިން އެތްލީޓުގެ ޝަރަފް ހޯދައިފިއެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ގިނަ ކުޅިވަރުތައް އެކުލެވޭ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތުލީޓުގެ ޝަރަފުވެސް ހޯދާފައިވަނީ ސާއިދު ކަން ފާހަގަކޮށްލެވެއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 2015 ވަނަ އަހަރު ރަން މެޑަލް ހޯދައި، އެމުބާރާތުން ވެސް ރަން މެޑަލް އެއް އެންމެ ފުރަތަމަ ރާއްޖެ އަށް ހޯދައިދިނީ ސާއިދު އެވެ.

އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ އިވެންޓުން ރިހި މެޑަލް ހޯދި ސާއިދު މިފަހަރު ރަން މެޑަލް ހޯދީ، އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި, ލަންކާގެ އިޝާން ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސާއިދު 10.49 ސިކުންތުން ރޭސް ނިންމިއިރު، އިޝާން ރޭސް ނިންމީ 10.50 ސިކުންތުން ކަން ފާހަގަކޮށްލެވެއެވެ. މި އިވެންޓުން ހޯދި ރަން މެޑެއްޔާ އެކު ސައުތު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފު ސާއިދަށް ވަނީ ލިބިފައެވެ.

ރޭސް ނިންމުމަށް ފަހު ސާއިދު އުފާފާޅުކުރަނީ. ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސާއިދު ރަން މެޑަލް ހޯދުމުގެ ކުރިން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ، 1991 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުން ހޯދި ރިހި މެޑެއްޔާއި، 2016 ވަނަ އަހަރުގެ ގޭމްސްގައި ސާއިދު 100 މީޓަރާއި، 200 މީޓަރު ދުވުމުން ހޯދި ރިހި މެޑެއްޔެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.