އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރައިޓަން އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ، އުނައި އެމެރީ ކޯޗުކަމުން ވަކިކުރި ފަހުން، ކުޅުނު ދެވަނަ މެޗުގައި ވެސް، އާސެނަލް އަށް އުފަލެއް ލިބޭނޭ ގޮތެއް ނުވިއެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 36 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެޑަމް ވެބްސްޓަރ ވަނީ ގޯލެއް ޖަހާ ބްރައިޓަން އަށް ލީޑު ހޯދައިދީފައެވެ. މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި މޮޅަށް ކުޅެފައިވަނީ ބްރައިޓަން އިން ކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ،  މެސުޓް އޮޒިލް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން 50 ވަނަ މިނެޓުގައި އެލެގްޒެންޑްރޭ ލަކަޒެޓް ވަނީ ގޯލެއް ޖަހައި އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ޑޭވިޑް ލުއިޒް ޖެހި ގޯލް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ބެލުމަށްފަހުގައި، އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެ ގޯލް ކެންސަލްކޮށްފައެވެ. ބްރައިޓަން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 80 ވަނަ މިނެޓުގައި އާރޮން މޫއީ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނީލް މައުޕޭ އެވެ.

އާސެނަލް ކުޅުންތެރިން މާޔޫސްވެފައި

މިއީ 1977 ގައި ޓެރީ ނީލްގެ ކޯޗުކަމުގައި އާސެނަލް މޮޅެއް ނުހޯދައި ޖެހިޖެހިގެން ފުރިހަމަކުރި 10 މެޗަށް ފަހު، އެންމެ ދަށް ނަތީޖާތަކެއް ނެރެމުންދާ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިރޭގެ މެޗުން ބަލިވުމާއެކު އާސެނަލް އަށް އެންމެ ފަހުން ކުޅުނު 9 މެޗުން ވެސް މޮޅެއް ހޯދިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުން ބަލިވުމާއެކު، އާސެނަލް ވަނީ ތާވަލުގެ 10 ވަނަ އަށް ވެއްޓިފައެވެ. އާސެނަލް އަށް ކުޅުނު 15 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.