ޑާކްރެއިންގެ ކުރިޔަށް އޮތް ފިލްމު “ނޮވެމްބަރ“ގެ މަންޒަރުތަކުން ސިންގަޕޫރުގައި ނަގަންޖެހޭ މަންޒަރުތަކުގެ ޝޫޓިން ނިންމާލުމަށްފަހު ކްރޫ އާއި ޓީމު ރާއްޖެ އައިސްފިއެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރު މުޙައްމަދު އަލީ (މޮގާ) ބުނީ ސިންގަޕޫރުގައި ޝޫޓްކުރަން ހުރި ބައިތައް ކާމިޔާބުކަމާއެކު ނިންމާލެވިފައި ވާކަމަށެވެ.

“ޕްލޭނާ އެއްގޮތަށް ކަންތައްތައް ދާނަމަ އައްޑޫގެ ޝޫޓިންއަށް 12 ޑިސެމްބަރުގައި ފުރާނަން.” މޮގާ އިތުރަށް ބުންޏެވެ.

ނޮވެމްބަރ“ގެ ޝޫޓިން ކުރުމަށް ކްރޫ އާއި ފިލްމުގެ ތަރިން ސިންގަޕޫރަށް ދިޔައީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ފިލްމުގެ ޝޫޓިން ފެށީ މިދިޔަ ނޮވެމްބަރު މަހު 21 ވަނަ ދުވަހުއެވެ.

މި ފިލްމުގެ 40 އިންސައްތައަށް ވުރެން ބޮޑު ބައި ރާއްޖޭގައި ޝޫޓްކޮށްފައިވަނީ މާލެ އާއި ލ. އަތޮޅުގެ ގުޅިފައިވާ ގަންފޮނަދޫ ސަރަޙައްދުގައާއި ކ. ތުލުސްދޫ އަދި ވެލާނާ އެއަރޕޯޓްގައެވެ.

ސިންގަޕޫރުގައި ފިލްމުގެ މަންޒަރުތައް ނެގުމަށް ދިޔައީ މެއިން ކާސްޓް ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާގެ އިތުރުން ޑައިރެކްޓަރ/ސިނަމޮޓޮގްރާފަރ ޢަލީ ޝިފާޢު (ޗިއްޕެ) އާއި ފިލްމުގެ އެއް ޕްރޮޑިއުސަރ/ކޯޑައިރެކްޓަރ އަދި ފިލްމުގެ ސްކްރިޕްޓް ލިޔުމުގައި ހިއްސާވާ އާއިޝަތު ފުއާދު ތަޢުފީޤް އެވެ. މީގެ އިތުރުން ސިނަމޮޓޮގްރާފަރ އަޙްމަދު ޝިނާން އާއި ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީގެ އިތުރުން ފިލްމުގެ ކޮސްޓިއުމް ޑިޒައިނަރ އަދި މޭކަޕް އާޓިސްޓް ސޭންޑީ ވެސް މި ދަތުރުގައި ބައިވެރިވިއެވެ.

ސިންގަޕޫރުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދިޔައިރު ރާއްޖޭގެ މަޝްހޫރު އެކްޓަރ އިސްމާޢީލް ވަޖީހް އާއި އޭނާގެ ފިރިހެން ދަރިފުޅު ތަރީޝް އިސްމާޢީލް ވެސް ބައިވެރިވެއެވެ. އޭގެ އިތުރުން މި ފިލްމުގައި ސިންގަޕޫރު އަންހެން ކުއްޖެއް ކަމަށްވާ ޝެރޮން ވެސް ބައިވެރިވާކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނެއެވެ.

“ނޮވެމްބަރ”ގެ ކްރޫއާއެކު އިސްމާޢީލް ވަޖީހް – ފޮޓޯ: ޑާކްރެއިން

ލޯބީގެ މި ފިލްމުގައި ރާއްޖޭގެ ގިނަ ސެލެބްރިޓީންނާއި ބައެއް މަޝްހޫރު ފަރާތްތައް ވެސް އަންނަނީ ބައިވެރިކުރަމުންނެވެ. އެގޮތުން ކުރީގެ މަޝްހޫރު ޕްރެޒެންޓަރ މޫސާ ވަސީމް، މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި ލަވަކިޔުންތެރިޔާ މޭނާ ހައްސާނާއި ދިވެހިބަހުގެ މާހިރު، ޢަބްދުﷲ ޞާދިޤް ވެސް ފިލްމުގެ މަންޒަރުތަކުގައި ވަނީ ހިމަނާފައެވެ.

ފިލްމުގެ ލަވަ ތަކުގެ މަސައްކަތް ވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާކަމަށް ޑާކްރެއިން އެންޓަޓެއިންމެންޓުން ވަނީ ބުނެފައެވެ. މި ފިލްމުގެ ލަވަތައް ނެރުމަށް ހަމަޖެހިފައިވަނީ ލަވަތައް އެއްކޮށް ނިންމުމަށް ފަހުގައި ކަމަށް މޮގާ ބުނެއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.