ދުނިޔޭގެ އެންމެ ބާރުބޮޑު އެއް ވިޔަފާރި ބަނދަރު ކަމުގައިވާ ސިންގަޕޫރުގެ ވިޔަފާރި ބަނދަރު ސަރަހައްދުން ހަތަރު ދުވަސް ތެރޭގައި، ފަސް ބޯޓަކަށް ކަނޑުފޭރޭ މީހުން ހަމަލާދީފިއެވެ.

ސްޓްރެއިޓް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ މެންދަމު ވަގުތު ތެޔޮ އުފުލާ ބޯޓަކަށް ހަމަލާދީފައި ވާއިރު، އޭގެ ދެ ގަޑިއިރު ފަހުން ކޮންޓެއިނާ އުފުލާ ބޯޓަކަށް ހަމަލާދީފައިވެއެވެ. ބޯޓުތަކުގެ ފަޅުވެރިން ބަނުމަށްފަހު، ކަނޑުފޭރޭ މީހުން ވަނީ އެ ބޯޓުތައް ފޭރެން މަސައްކަތްކޮށްފައެވެ. ނަމަވެސް މި ހާދިސާތަކުގައި ބޯޓުތަކުގެ ކެޕްޓަނުން ހުށިޔާރު ކަމާއި އެކު ކުއްލިހާލަތުގެ އެލާމް އަޅާފައިވުމުން، ކަނޑުފޭރޭ މީހުންގެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

2019 ވަނަ އަހަރުގައި ސިންގަޕޫރު ވިޔަފާރި ބަނދަރު ސަރަހައްދުގައި ކަނޑުފޭރުމުގެ 29 ހާދިސާއެއް ހިނގާފައިވާކަމަށް ސްޓްރެއިޓް ޓައިމްސް އިން ރިޕޯޓްކޮށްފައިވެއެވެ. ކަނޑުފޭރޭ މީހުންގެ މި ހަމަލާތަކާއި ގުޅިގެން ސިންގަޕޫރުގެ ވިޔަފާރި ބަނދަރު ސަރަހައްދުން ދަތުރުކުރާ ބޯޓުތައް ޚާއްޞަ ސަމާލުކަމެއް ދިނުމަށް “ކޯޕަރޭޝަން އެގްރީމެންޓް އިން ކޮމްބެޓިންގ ޕައިރެސީ އެންޑް އާރމްޑް ރޮބެރީ އެގެއިންސްޓް ޝިޕްސް އިން އޭޝިއާ” ގެ އިންފޮމޭޝަން ސެންޓަރުން ވަނީ އަންގާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.