އިނގެރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ލިވަޕޫލް އިން އެޓީމުގެ ހައިބަތު ދައްކާލައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފިއެވެ.

ލެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ ގޯލު ފެނިގެން ދިޔައީ ފުރަތަ ހާފުގެ 31 ވަނަ މިނެޓުގައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ޑިފެންޑަރު އެލެގްޒެންޑަރ އާނޯލްޑް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް ރޮބާޓޯ ފާމީނިއޯ އެވެ. މުޅި މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅެ، ގިނަ ހަމަލާތައް އުފައްދާފައި ވަނީ ލިވަޕޫލް އިން ކަން ފާހަގަކޮށްލެވެއެވެ. މި މެޗުގައި ލެސްޓާ ސިޓީ އަށް ލިވަޕޫލް ގެ ގޯލަށް އެންމެ ހަމަލާއެއް ވެސް އަމާޒުކޮށްލެވިފައި ނުވެއެވެ.

ގޯލުޖެހުމަށްފަހު ފާމީނިއޯ އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

ލެސްޓާ ސިޓީގެ ޑިފެންޑަރު ކަގްލާ ސޮޔުންޗޫ އަތުގައި ޖެހުމުން ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ލިވަޕޫލް އަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފައެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ ޕެނަލްޓީ ކާމިޔާބުކޮށްގެން ޖޭމްސް މިލްނާ ވަނީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. މި ގޯލާއެކު ލެސްޓާގެ ކުޅުންތެރިން މާޔޫސްވެ، ތަންކޮޅެއް ފަރުވާކުޑަ ކޮށްލުމުން ލިވަޕޫލް އިން ވަނީ ތިން މިނެޓު ފަހުން އަނެއްކާވެސް ގޯލެއް ޖަހާ މެޗުގެ ނަތީޖާ 0-3 އަކަށް ބަދަލުކޮށްލާފައެވެ. އެލެގްޒެންޑަރ އާނޯލްޑް ނަގައިދިން ހުރަހެއް ވަރަށް ހަމަޖެހިލާފައި ކޮންޓްރޯލް ކޮށްލުމަށްފަހު، ރޮބާޓޯ ފާމީނިއޯ ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާފައެވެ. ލިވަޕޫލްގެ ފަހު ގޯލު 78 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ އެލެގްޒެންޑަރ އާނޯލްޑެވެ.

ގޯލުޖެހުމަށްފަހު އާނޯލްޑް އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖެސް

އިނގެރޭސި ޕްރިމިއަރ ލީގުގެ މި ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާ އަށް ފަހު އެންމެ ގިނަ އެސިސްޓް ހަދާފައިވަނީ ލިވަޕޫލްގެ ޑިފެންޑަރު އެލެގްޒެންޑަރ އާނޯލްޑް ކަން ފާހަގަކޮށްލެވެއެވެ. ޑިބްރޭނާ 10 އެސިސްޓް ހަދާފައިވާއިރު، އާނޯލްޑް ވަނީ 8 އެސިސްޓް ހަދާފައެވެ.

މި މެޗުން މޮޅުވެ ލިވަޕޫލް އިން ވަނީ ތާވަލުގެ ކުރީގައި 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް މިރޭ ވޮލްވަހޭމްޓަން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ ލިވަޕޫލްގެ ލީޑު 11 ޕޮއިންޓަށް ކުޑަވާނެއެވެ. އިނގެރޭސި ޕްރިމިއަރ ލީގުގެ ތާވަލަށް ބަލައިލާއިރު، ކުޅުނު 18 މެޗުން 52 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު، 19 މެޗުން 39 ޕޮއިންޓު ހޯދައިގެން ތާވަލުގެ ދެވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ. 18 މެޗުން 38 ޕޮއިންޓު ހޯދައިގެން ތާވަލުގެ ތިންވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.