ތިމަރަފުށީ ޕަބްޖީ މޯބައިލް ކުރޫ ޓީމުން އިސްނަގައިގެން “ބެސްޓް ޑުއޯ އިން ޓީއެމްއެފް” ގެ ނަމުގައި “އީ2އެސް ގޭމިންގ” އާއި، “ޑޮންސް ކުރޫ” ގެ އެހީތެރިކަމާއެކު ތިމަރަފުއްޓާއި، ގާދިއްފުއްޓަށް އަމާޒުކޮށްގެން ޕަބްޖީ މުބާރާތެއް ފަށައިފިއެވެ.
ތިމަރަފުއްޓާއި، ގާދިއްފުށިން ދެ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޖުމުލަ 28 ޓީމު ބައިވެރިވި މި މުބާރާތުގެ ފައިނަލް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލަށް ދަތުރުކޮށްފައިވަނީ 20 ޓީމެވެ. ޗެމްޕިއަން ޓީމު ހޮވުމަށް ހަމަޖެހިފައިވަނީ 20 ޓީމުގެ މެދުގައި ހަތަރު ފައިނަލް ކުޅެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމު ކަމަށް މުބާރާތް އިންތިޒާމުކުރާ ތިމަރަފުށީ ޕަބްޖީ މޯބައިލް ކުރޫ ޓީމުން މައުލޫމާތު ދީފައިވެއެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރި ޓީމުތައް / ފޮޓޯ: ތިމަރަފުށީ ޕަބްޖީ މޯބައިލް ކުރޫ
މުބާރާތުގެ އެންމެ ގިނަ “ކިލްސް” ހެދި ކުޅުންތެރިޔާ އަށް ވާދަކުރަނީ “ޓީއެމްއެފް ކުރޮސްރޯޑްސް” ގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ޝާމް އާއި، “ސެއިންޓް ޓީއެމްއެފް ޓައިޓަންސް” ގެ ހުސެއިން ނާސިރު އެވެ. މިހާތަނަށް ހުސެއިން ނާސިރު ޖުމުލަ 14 “ކިލްސް” ހަދާފައިވާއިރު، މުހައްމަދު ޝާމް ވަނީ 12 “ކިލްސް” ހަދާފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 1000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 500 ރުފިޔާ އަދި ތިންވަނަ ޓީމަށް 250 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި އެންމެ ގިނަ “ކިލްސް” ހަދާ ކުޅުންތެރިޔާ އަށް ވެސް ވަނީ 250 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. މި މުބާރާތުގެ ފައިނަލް މިރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، “އެކްސް ޓީއެމްއެފް އެކްސް ޕަބްޖީއެމް” ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަގުތުން ދައްކާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފައިވެއެވެ.
އިލެކްޓްރޯނިކް ގޭމިންގެ އަކީ ދުނިޔޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެކަށް ވެފައި، ދިވެހި ރާއްޖޭގައި ވެސް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ހުނަރު ހުރި ކުޅުންތެރިން ތިބިކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ތިމަރަފުށީ ޕަބްޖީ މޯބައިލް ކުރޫ ގެ އަމާޒަކީ މިފަދަ ހުނަރުވެރި ކުޅުންތެރިންނަށް ވާދަވެރި މާހައުލަކުން ފުރުސަތު ތަނަވަސްކޮށްދީ އެކުދިންގެ ހުނަރު ކުރިއެރުވުމަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމެވެ.
