ދިވެހި ފިލްމީ ދާއިރާގައި ދެގޮތެއްނުވެ، ސާބިތުކަމާއެކު ގިނަ ދުވަސްތަކެއް ހޭދަކޮށްލެވެނީ ނިސްބަތުން މަދު ތަރިންތަކަކަށޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެކަމަށް ދެކެމެވެ. ވަކިން ޚާއްޞަކޮށް، ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާއިރު، ރަނގަޅު އަޚްލާގަކާއެކު، ދާއިރާގެ އެންމެންގެ ލޯތްބާއި އިހުތިރާމު ލިބުމުގެ އިތުރުން ބެލުންތެރިންގެ ލޯތްބާއި ތާއިދަށް ބަދަލެއް ނައިސް ހޭދަކޮށްލެވެނީވެސް ކުރިން މި ދެންނެވިހެން މަދު ތަރިންނަށެވެ.

ޢަލީ ޝަމީލް އަކީ ހަމަ ގައިމުވެސް ކުރިން އަޅުގަނޑު މި ފާހަގަކުރިފަދަ ފަންނާނެކެވެ. ދިވެހި ފިލްމު “ސާހިބާ، ފަތިސް ހަނދުވަރު، ޒަލްޒަލާ، ސަބަބު، ބާރައިގެ ފަސް، ހިތްހަލާކު، ދައުވާ، ދަންތުރަ” ފަދަ މަޝްހޫރު ފިލްމުތަކުން ޝަމީލް ވަނީ ހުނަރުވެރި އެކްޓިންއެއް ދައްކާފައެވެ. މިއީ ޝަމީލް ކުޅެފައިވާ ފިލްމުތަކުގެ ލިސްޓުން މަދު މިންވަރެކެވެ. މީގެ އިތުރުން ކުޅެފައިވާ ބައެއް ޑްރާމާތަކަށް ބަލައިލާއިރު “ވަގުތު ފާއިތުނުވަނީސް” އާއި “މަންޒިލަކީ ތީޔޭ މަގޭ” އަކީ ވެސް ފާހަގަކޮށްލެވޭ ދެ ޑްރާމާ އެވެ.

މި މަހު، ބައިސްކޯފުން ދައްކަން ފެށުމަށް ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް، އަމްޖަދު އިބްރާހިމް ޑައިރެކްޓްކޮށްފައިވާ ވެބް ސިރީޒް “ހަނާ”ގައި ޝަމީލް ފެނިގެންދާނީ ވަރަށް ވަރުގަދަ ރޯލަކުންކަމަށް މަޢުލުމާތު ލިބެއެވެ. އެހެންކަމުން “ހަނާ”ގެ ވާހަކަތައް ދައްކައިލުމަށް ޝަމީލް އާއި ބައްދަލުކޮށްލީމެވެ.

“ހަނާ” ގެ ޑައިރެކްޓަރ އަމްޖޭ އަދި ޕޯސްޓް ޕްރޮޑަކްޝަން ހަދާ އައްޔަ އާއެކު ޝަމީލް

ޝަމީލް އަކީ ފިލްމީ ދާއިރާގަ ޒަމާންތަކެއްވީ ސީނިއާ އަދި އެހާމެ ހުނަރުވެރި ފަންނާނެއް. މުނިއަވަސް އިން މިހެން ޝަމީލް އާއި ބައްދަލުވާ ފުރަތަމަ ފަހަރަށް ވުމުން، ކިޔުންތެރިންނާ ހިއްސާކޮށްލަދީފާނަންތަ މި ދާއިރާއާއި ގުޅުނީ ކޮން ދުވަސްވަރެއްގައި އަދި ކިހިނެއްކަން؟

​ދިވެހި ފިލްމީ ދާއިރާއަށް ވަދެވުނީ 1986 ގަ އޮލިމްޕަސް ސްޓޭޖްގަ ސީޑީއެސް 6ގެ ނަމުގައި ކަށިމާ ޝާކިރު، ކޮޕީ މުޙައްމަދު ރަޝީދު، ޗިޅިޔާ މޫސާމަނިކުމެން ގުޅިގެން ބޭއްވި ތަމްސީލު ޝޯތަކެއްގެ ތެރެއިން ލިބުނު ފުރުޞަތަކުން. އޭގެ ފަހުން ތަފާތު އެކި ނަންނަމުގަ ބާއްވަމުން އައި ތަމްސީލު ޝޯތަކުގަ މުހިންމު ބައިތައް ކުޅެމުން އައިސް ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ މުހިންމު ރޯލެއް ކުޅުނީ މަރުހޫމު ހާޖަރާ ޢަބްދުލް ކަރީމާއި މަރުހޫމު އަޙްމަދު ޝަރްމީލް ޓީވީއެމް އާއި ގުޅިގެން އުފެއްދި “ދޮންމަންމަ” ފިލްމުން. މި ފިލްމަކީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް އެޅިގެން ދިޔަ ހަރުދަނާ ވަރަށް ކާމިޔާބު ފިލްމެއް. އެގޮތުން ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއި އުއްމީދީ ހިތްވަރުގެ ތަޖުރިބާގެ ތެރެއިން ދެން ލިއުނީ “ނަފުރަތު” ކިޔާ އަމިއްލަ ވާހަކައެއް. އެ ވާހަކަ އަޅުގަނޑާ އާރިފާ އިބްރާހިމް ގުޅިގެން މަހުމާ ހުސައިން ރަޝީދު އަރިހަށް ގޮސް ފަރިވާ ސްޓޫޑިއޯއިން ޑައިރެކްޓަރ ސުޖާގެ ހުނަރުވެރި އިރުޝާދާއެކު ފިލްމަކަށް ހަދާ ވަރަށް ކާމިޔާބު ހައުސްފުލް ގިނަ ޝޯތަކެއް އޮލިމްޕަސް ސިނަމާގަ ދެއްކީން.

ކުރުގޮތަކަށް މި ދެންނެވީ ދިވެހި ފިލްމީ ދާއިރާގެ ދޮރާށިން އެތެރެއަށް އަޅުގަނޑަށް ވަދެވުނު ގޮތް.

ޝަމީލް އާއި “ހަނާ”ގެ ރޯލު ކުޅޭ ނޫރާ

މިއީ ޝަމީލްގެ ކިތައް ވަނަ ވެބް ސީރީޒް؟

މީ ވެބް ސީރީޒްތަކުގެ ތެރެއިން ދެވަނަ ސީރީޒް. ފުރަތަމަ ސީރީޒްއަކީ “ހާސާ” ނަމަކަށް ކިޔާ ސީރީޒެއް. އެ ސީރީޒް މިހާރުވެސް ދައްކަމުން ދަނީ.

ކިހިނެއް “ހަނާ” ކުޅެން ފުރުޞަތު ލިބުނީ؟

“ހަނާ” ޑްރާމާ ސީރީޒް ކުޅެން އަޅުގަނޑަށް ފުރުސަތު ލިބުނީ ޑައިރެކްޓަރު އަމްޖަދު، ހުސައިން މުނައްވަރު އަދި “ހަނާ”ގެ ވާހަކަ ލިޔުންތެރިޔާގެ އިއްތިފާގުންނޭ ދެންނެވޭނީ.

“ހަނާ”ގަ ޝަމީލް ކުޅެފަވާ ރޯލް ކުޑަކޮށް ކިޔައިލަދީބަލަ؟

“ހަނާ” ޑްރާމާގަ ކުޅެފަ ވާނީ ހަރުދަނާ ފިރިއެއް އަދި ދަރިއަކު ދެކެ އިންތިހާއަށް ލޯބިވާ މުއްސަނދި ބައްޕައެއްގެ ވަރަށް ޓަފް ރޯލެއް.

ޝަމީލްގެ ރޯލް އަދާކުރެވުނު ގޮތާމެދު ހިތްހަމަޖެހޭތަ؟

“ހަނާ”ގަ އަޅުގަނޑު ކުޅެފެވާ ރޯލާމެދު އަޅުގަނޑުގެ ހިތްހަމަޖެހުމަކީ ވާހަކަ ލިޔުންތެރިޔާއާއި ޑައިރެކްޓަރު އަދި ބެލުންތެރީންގެ ހިތްހަމަޖެހުން. އެކަމަށް އިންސާފުކުރައްވާނީ އެ ބޭފުޅުން.

“ހަނާ”ގެ ވާހަކައާމެދު ބުނާނީ ކީކޭ؟

“ހަނާ” ވާހަކައަކީ ޒަމާނީ ތަނަވަސް ދިރިއުޅުމެއްގެ ތެރެއިން އުފެދިގެން އަންނަ ޒުވާން ލޯބީގެ އަސަރުގަދަ ޖަޒުބާތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވަރަށް ޢިބްރަތްތެރި ފިލާވަޅެކޭ އަޅުގަނޑު ދަންނަވާނީ.

އަމްޖޭގެ ޑައިރެކްޝަން ކިހިނެއް؟

“ހަނާ”ގެ ޑައިރެކްޓަރ އަމްޖަދު އާމެދު ދަންނަވަން އޮތީ އަމްޖޭ އަކީ ދިވެހި ފިލްމީ ދާއިރާގަ ބެލުންތެރީންގެ އިތުބާރާއި ލޯބި ހޯދާފައިވާ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރޭ.

“ހަނާ” ބަލަންވީ ކީއްވެގެންކަމަށް ޝަމީލް ދެކެނީ؟

ދިވެހި ފިލްމާއި ޑްރާމާ ސީރީޒްތަކަށް ލޯބިކުރައްވާ ބޭފުޅުން “ހަނާ” ޑްރާމާ ސީރީޒް ޝައުގުވެރިކަމާ އެކުގަ ބައްލަވަން ޖެހޭ އެތައް ސަބަބުތަކެއް އެބަހުރި. އޭގެ ތަފްޞީލަކަށް ދިއުމަށްވުރެ އަޅުގަނޑުގެ ނަޒަރުގައި ބެލުންތެރީންނަށް އެބައި ދޫކޮށްލުން ރަނގަޅު.

ފިލްމީ ދާއިރާގަ މިހާރު ކޮން މަސައްކަތްތަކެއް ކުރަމުންދަނީ؟

މިހާރު ދިވެހި ފިލްމީ ދާއިރާގަ އަޅުގަނޑު ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތީ އަލީ ސީޒަންގެ ދިވެހި ފިލްމު “ލޯބިވެވިއްޖެ” ގެ ޝޫޓިން.  އިންޝާﷲ، ކައިރި މުސަތަގުބަލެއްގަ މި ފިލްމުވެސް ބެލުންތެރީންނާ ބައްދަލުކުރާނެ.

ނިންމާލަމުން ފާހަގަކޮށްލަން ބޭނުންވާ އިތުރު ކަމަކީ ކޮބާ؟

އަދި މި ފުރުޞަތުގަ “ހަނާ” ޑްރާމާ މުޅި ސީރީޒް ކުޅެން ދިޔަ ރަށް ކަމުގައިވާ އދ. މާމިގިލީގެ ލޮބުވެތި ހުރިހައި ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމާ އެހީތެރިކަމަކީ “ހަނާ” ޑްރާމާ ސީރީޒްއަށް  ލިބިގެން ދިޔަ އިތުރު ފުރިހަމަ ކަމެއްކަން ފާހަގަކުރަމުން މާމިގިލީގެ އެކުވެެރި ލޮބުވެތި ރައްޔިތުންނަށް “ހަނާ” ޑްރާމާ ސީރީޒްގެ މުޅި ޓީމުގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން.

​“ހަނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.