ބައިސްކޯފުން ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކުރާ ކްރައިމް ތުރިލާ “ގަމިނި” އާއެކު 1980ގެ އަހަރުތަކަށް ޖެހިލަން ތައްޔާރުވަމާ ހިނގާށެވެ. ބައިސްކޯފަށް އަންނަން ހުރި ސީރީޒް ތަކުގެ ތެރެއިން “ގަމިނި” ގެ ކުރު ޓީޒާއެއް ވެސް މިހާރު ވަނީ ބައިސްކޯފުން އާއްމުކޮށްފައެވެ.

ބައިސްކޯފުން އާއްމުކޮށްފައިވާ ޓްރެއިލަރ ބަލައިލުމުންވެސް ފެނިގެންދަނީ މީގެ 40 ވަރަކަށް އަހަރު ކުރިން، ދިވެހިން ހެދުން އަޅައި އުޅުނު ގޮތާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ.

“އެހެން ބަޔަކު، އެހެން ތަނެއްގައި، އެހެން ޒަމާނެއްގައި ކުރާ ކަމެއްގެ ސަބަބުން، އޭގެ ނަތީޖާ މިހާ ހިސާބަށް އަންނައިރު، އެ ފޯރާފައި ހުންނަވަރު ދައްކައިދޭނީ،” ޖުމްލަ 13 އެޕިސޯޑް ހިމެނޭ މި ވެބް ސީރީޒްގެ ކުރު ޚުލާސާއެއް ‘ދޯ އެމްވީ” އަށް ދެމުން މޫމިން ބުނެފައިވެއެވެ.

“ގަމިނި” ވެބް ސީރީޒްގެ މަސައްކަތް ފެށީ މީގެ ހަ މަސް ދުވަސް ކުރިންނެވެ. އޭގެ އިތުރުން ޑްރާމާގެ ޕްރީ ޕްރޮޑަކްޝަން އަށް ވެސް ގިނަދުވަސްތަކެއް ހޭދަކޮށްފައިވާކަމަށް މަޢުލުމާތު ލިބެއެވެ. އެހައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނީ މި ސީރީޒްގައި ފެނިގެންދާނީ 80 ގެ އަހަރުތަކުގައި ކަންކަންހުރި ގޮތެވެ. އޭރު އަޅައިއުޅުނު ހެދުމެވެ. އޭރުގެ ގެދޮރާއި ގެދޮރުގައި ގެންގުޅޭ ތަކެތިވެސް އޭރުގެ ގޮތަށެވެ.

މޫމިން ބުނީ މި ސީރީޒްގެ މަންޒަރުތައް ބަލާފައިވާ ‘ބައިސްކޯފު’ގެ ބޭފުޅުންވެސް، ސީރީޒްގައި އެ ޒަމާން ވަރަށް ރަނގަޅަށް ގެނެސްދީފައިވާކަމަށް ބުނާކަމަށެވެ.

ވެބް ސީރީޒް “ގަމިނި” ގެ ބައެއް ކާސްޓުން – ފޮޓޯ: ޓީޒަރ ސްކްރީންޝޮޓް

“ގަމިނި” ޝޫޓްކުރީ އެންމެ ރަށެއްގައެއް ނޫނެވެ. އެގޮތުން ތ. ވޭމަންޑޫ އާއި ހަމަ އެ އަތޮޅު ކިނބިދޫ، އއ. މަތިވެރި އާއި ހަމަ އެ މަޑޫގަލި، މަތިވެރި އަދި ފެރިދޫގެ އިތުރުން ފ. ނިލަންދޫގައި ޝޫޓްކޮށްފައިވެއެވެ.

މި ސީރީޒްގައި ބޮޑު ކާސްޓެއް ވެސް ހިމެނެއެވެ. އެގޮތުން މުހިންމު ރޯލުތަކުން ފެންނާނީ މަޝްހޫރު ކޮމޭޑިއަން ޔޫސުފު ރަފީޢު (ޔޫސޭ)، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހްމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހްމަދު ޝާކިރު، ނިޝާ (ނިޝްކޮ)، ފަދަ އެކްޓަރުންނެވެ. މީގެ އިތުރުން އާ ތަރިންތަކެއްވެސް ފެނިގެންދާނެއެވެ.

މި ސީރީޒް ސްޓްރީމްކުރަން ފަށާނެ ތާރީޚެއް އަދި ބައިސްކޯފުން އިއުލާނެއް ނުކުރެ އެެވެ.

ގަމިނި

ނ

  • ބދ. އަނދާ އެނދުން.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.