‘މީ ޕްރޮޑަކްޝަން’ އިން އުފައްދައި ބައިސްކޯފުން ގެނެސްދިން ވެބް ސީރީޒް “އަހަރެންވެސް ލޯބިވޭ”ގެ ދެވަނަ ސީޒަންގެ ޝޫޓިން ނިންމައި އެޑިޓިން ފަށައިފިއެވެ.

‘މީ ޕްރޮޑަކްޝަން’ގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) މުނިއަވަސްއަށް ބުނީ ސީރީޒްގެ އެޑިޓިން މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. “އަހަރެންވެސް ލޯބިވޭ” އަކީ ދެ އާއިލާއެއްގެ ދެމެދުގައި ހިނގާ ހަތަރެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒެކެވެ.

ފުރަތަމަ ސީޒަންގެ ކާމިޔާބީއަށްފަހު ދެވަނަ ސީޒަން ގެނެސްދޭ އިރު ސީރީޒްގައި ހަރަކާތްތެރިވާ ތަރިންނަކީ މާއެނބޫ، އާއިޝަތު ޔާސިރާ، ކުޑަ ސޮބާ އަދި ނެށުންތެރިޔާ ފާތިމަތު ސަމާ، މަރިޔަމް ހަލީމް، އަލީ ފާރޫގް އަދި ޒުލައިޚާ މަނިކެއެވެ.

މާއެނބޫ ބުނީ ފުރަތަ ސީޒަންގައި އުޅުނު ތަރިންގެ އިތުރުން ދެވަނަ ސީޒަންގައި އިތުރު ތަރިންތަކެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން މަޝްހޫރު އެކްޓަރ ޙާމިދު ޢަލީ، ފިލްމު “ކާކު؟” ގައި ހަރަކާތްތެރިވި ޝާފިއު މުޙައްމަދު، ޒޫފާ، ސީޒަންގެ “އެރެއަށްފަހު” ގައި އުޅުނު ސުޖީތާ، މުހުސިނާ، ރިފްޝާން (ރިއްޕެ)، ފަދަ އިތުރު ތަރިން ފެނިގެންދާނެއެވެ.

“އަހަރެންވެސް ލޯބިވޭ 02” ގެ ވާހަކަ ލިޔެ ސްކްރީންޕްލޭ ލިޔުނީވެސް މާއެނބޫއެވެ. ސީޒަން އެކެއް ހެދީ ޒާފިރާ މޫސާ ލިޔެފައިވާ ވާހަކައަކަށް މާއެނބޫ ތައްޔާރުކުރި ސްކްރީންޕްލޭއަކަށެވެ.

“އަހަރެންވެސް ލޯބިވޭ 02” ޑައިރެކްޓްކުރަނީ މާއެނބޫއެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަނީ ސޮބާއެވެ.

“ސީޒަން ދޭއްގަ ވަރަށް ގިނަ ޓްވިސްޓްތަކެއް ހުންނާނެ. ހާމިދުގެ ރޯލުވެސް ވަރަށް ތަފާތުވާނެ. ނޭވާ ހިފަހައްޓާލަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް މިފަހަރު ހުންނާނެ.” ސީޒަން އެކަކަށް ބެލުންތެރިންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނުކަން ފާހަގަކުރަމުން މާއެނބޫ ބުންޏެވެ. މާއެނބޫ ބުނީ ދެވަނަ ސީޒަނެއް ހަދަން ނިންމީވެސް ފުރަތަމަ ސީޒަންނަށް އަށް ލިބުނު ތާއިދުގެ ސަބަބުންކަމަށެވެ.

“ބެލުންތެރިންނަށް ވަރަށް ސަޅި، ވަރަށް ރީތި ޑްރާމާއެއްގެ ގޮތުގައި މީތި ވެގެންދާނެ.” ޖުމްލަ 08 އެޕިސޯޑް ހިމެނޭ މި ސީރީޒްއާމެދު މާއެނބޫ ބުންޏެވެ.

މާއެނބޫ ބުނީ ސީރީޒްގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ފެބްރުއަރީ މަހު ބައިސްކޯފާއި ހަވާލުކުރާނެ ކަމަށެވެ. ސީރީޒް ދައްކަން ފަށާނެ ތާރީޚެއް ފައިނަލްކުރާނީ ބައިސްކޯފުންނެވެ.

މީ ޕްރޮޑަކްޝަނުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމަކީ ބިރުވެރި ފިލްމި “ކާކު؟” އެވެ. އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށް އުފައްދާފައިވާ ފިލްމެކެވެ.

‘މީ ޕްރޮޑަކްޝަން’ގެ އުފެއްދުންތަކުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.