އެމެރިކާގެ ލޮސް އެންޖަލިސް ލޭކާސް ގެ ބާސްކެޓްބޯޅަ ލެޖެންޑް ކޯބް ބްރަޔަންޓް މަރުވެއްޖެއެވެ.
ކޯބް ބްރަޔަންޓް މަރުވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކެލިފޯނިޔާގެ ކަލަބަސަސް ގައި އޭނާ ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓިގެންނެވެ. މި ހާދިސާގައި އޭނާ އާއި އެކު ދަތުރުކުރި އިތުރު ހަތަރު މީހަކު ވެސް މަރުވެފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެމީހުންގެ ތެރޭގައި އޭނާގެ 13 އަހަރުގެ އަންހެން ދަރި ވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ.
އުމުރުން 41 އަހަރުގެ މަޝްހޫރު ބާސްކެޓްބޯޅަ ލެޖެންޑް ދަތުރުކުރި އޭނާގެ އަމިއްލަ ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބެއް އަދި ދެނެގަނެވިފައި ނުވާއިރު، ކަމާއިބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ޚަބަރުތައް ބުނާގޮތުން ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ކޯޓްނީ ކާޑޭޝިއަން ގެ ގޭގެ ކައިރި ހިސާބަކަށެވެ.
