“ފެނަށް ވުރެން ލޭގެ ތެތްކަން ގަދައޭ މީހުން ބުނެ އުޅޭ. އެހެން ނަމަވެސް އޮއިވަރު ނުދެމޭ ފެންގަނޑެއް ފުންވާނެ. ބައެއް އާއިލާތައް ސަލާމަތް ވާއިރު، އަނެއްބައި އާއިލާތައް ނެތި ދޭ. ގިނަ ފަހަރަށް ޤައްދާރުން ވަނީ ލެއިން ތަތްތެޅިފަ.” މިއީ ފާތުމަތު ނަހުލާގެ ކާމިޔާބު، އަދި އެހާމެ ޝައުޤުވެރި ވެބް ސީރީޒް “ހުވާ 02” ގެ ޓްރެއިލަރ ޕޯސްޓްކުރަމުން “ހުވާ” ފޭސްބްކް ޕޭޖްގައި ލިޔެލާފައިވާ ޢިބާރާތްކޮޅެކެވެ. އެ ޢިބާރާތްކޮޅާއެކު ހިމަނާފައިވާ ޓްރެއިލަރ ވީޑިއޯއަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ ބައިލައްކަ އަށްވުރެން ގިނަ ވިއުޒް ލިބިފައެވެ.

ފުރަތަމަ ސީޒަންގެ ބޮޑު ކާމިޔާބީ އަށް ފަހު “ހުވާ 02” ގެ ފުރަތަމަ އެޕިސޯޑް ޖެނުއަރީ 30ގައި ބައިސްކޯފުން ގެނެސްދީފައި ވާއިރު، މި ސީޒަންް އަށް ލިބެމުން އަންނަ ތަރުހީބު، ޓްރެއިލަރ އިން އެކަނިވެސް ހާމަވެއެވެ.

ދެވަނަ ސީޒަން ފެށިފައި ވާއިރު، މި ސީޒަނުން ފެންނަ އެންމެ ބޮޑު ތަފާތަކީ ކުރިން ރަވީ ފާރޫޤް ފެނިގެން ދިޔަ ކެރެކްޓާ އިން ޢަބްދުﷲ މުއާޒް (މުއާ) ފެނިގެން ދިއުމެވެ. މިއީ ހަމަ ގައިމުވެސް ރަވީ ކުޅުނު ކެރެކްޓަރ މި ސީޒަންގައި ދައްކަން ޖެހޭ ގޮތުން ގެނައި ބަދަލަކަށް ވުމުން، މި ބަދަލުގެ ފުރިހަމަކަން ކުރިއަށް ހުރި އެޕިސޯޑުތަކުން ފެނިގެންދާނެއެވެ.

މުއާ ގެ އިތުރުން “ހުވާ 02” ގެ ކާސްޓާ ގުޅުނު ތަރިންގެ ތެރޭގައި އަޙްމަދު އަޒްމީލް (އަޒޭ)ގެ އިތުރުން ޓިކް ޓޮކް ގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް) ވެސް ފެނިގެންދާނެއެވެ. ޝާއިފްގެ ޓިކްޓޮކް ތަކުން ފެނިފައިވާ ގޮތުން އޭނާއަކީ އެކްޓިިންގެ ރޮނގުން މިހާރުގެ އެކްޓަރުންނާ ވާދަކޮށްލެވޭ ވަރުގެ މޮޅު އެކްޓަރަކަށް ވާނެކަމަށް ޤަބޫލުކުރެވޭ ފަންނާނެކެވެ. އަލަށް ފެނިގެންދާނެ އަނެއް މޫނަކީ ފިލްމީ ދާއިރާގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ އައިންތުއެވެ. އައްޒަގެ އަސްލު މަންމަ، މި ސީރީޒްގައި ފެނިގެންދާނީ ވަރުގަދަ ރޯލަކުންކަން، އާއްމުކޮށްފައިވާ ޓްރެއިލަރއިން ފެންނަ މަންޒަރުން ސިފަވެއެވެ.

“ހުވާ 02” ގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، މުޙައްމަދު ފައިސަލް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ، ޢަލީ އާޒިމް (ދޮން އައްޔަ)، އިރުފާނާ އިބްރާހީމް (އެރޫ)، އިބްރާހީމް ޖިހާދު (ޖިމީ)، ޢަބްދުﷲ ޝާފިޢު (ފުބޫ) އަދި އަޙްމަދު އީސަ (އާނަންދު) ހިމެނެ އެވެ.

“ހުވާ 02″ގެ ފުރަތަމަ އެޕިސޯޑުތައް ޑައިރެކްޓްކޮށްފައިވަނީ ފުރަތަމަ ސީޒަނުގައި މުހިއްމު ރޯލެއް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. މި ސީޒަންގެ ޑައިރެކްޝަންގައި ނަހޫ ވެސް ބައިވެރިވެއެވެ.

“ހުވާ 02” ގައި 70 ވަރަކަށް އެޕިސޯޑް ހިމެނޭ އިރު، ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނިޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.