ސަންދޯކު އެޅުން
ދިވެހިރާއްޖޭގައި މައްޔިތާ ވަޅުލާއިރުގައި ވަޅުލަނީ ސަންދޯކު އަޅާފައެވެ. އެއީ ރާއްޖޭގެ ބިމުގެ ފަސްގަނޑު މަޑުވެފައި ލަހުދުވަޅު ނުހެދޭތީއެވެ. ގުންޑޮޅި ނުބިނދޭވަރުގެ ހަރުބިމެއްނަމަ އިތުރުވެގެންވަނީ ލަހުދުވަޅުގައި ވަޅުލުމެވެ. ލަހުދުވަޅަކީ މައްޔިތާ ވަޅުލުމަށް ކޮންނަ ވަޅުގެ އަރިމަތިން މައްޔިތާ ބޭއްވޭ މިންވަރަށް ވަޅުހެދުމެވެ. ނަމަވެސް ފަސްގަނޑު މަޑު ދިވެހިރާއްޖެ ފަދަ ޤައުމެއްގައި ލަހުދުވަޅު ހެދުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ ގުންޑޮޅި ފަސޭހައިން ބިންދައިގެން ދިއުމެވެ. ގުނޑޮޅި ބިންދައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތްނަމަ ޝައްޤުވަޅުގައި ވަޅުލުން އިތުރުވެގެން ވެއެވެ. ޝައްޤުވަޅަކީ މައްޔިތާ ވަޅުލުމަށް ކޮންނަ ވަޅުގެ މެދުން އަދި މައްޔިތާ ބޭއްވޭވަރަށް ކުޑަވަޅެއް ކޮނެގެން ތައްޔާރުކުރާ ވަޅަށް ކިޔައި އުޅޭނަމެވެ. ރާއްޖޭގައި ވަޅުލައި އުޅެނީ މި ބާވަތުގެ ވަޅުގައެވެ. ސަބަބަކީ ފެންތިލަވެ ފަސްގަނޑު ދޫވުމެވެ. ސަންދޯއް ބޭނުން ކުރަން ޖެހެނީ މިސަބަބަށްޓަކައެވެ. އެއްވެސް ސަބަބަކާއި ނުލައި ސަންދޯކޭ މިކިޔައިއުޅޭ ފޮށި ބޭނުން ކުރުމަކީ މަކުރުރޫހަ ކަމެކެވެ.

ސަންދޯކުގައި މައްޔިތާ ބާއްވާނީ ކަށްވަޅުގައި މައްޔިތާ ބާއްވަން ސުންނަތްވެގެންވާ ގޮތަށެވެ. މައްޔިތާ ސަންދޯކުގައި ބާއްވާނީ މައްޔިތާގެ މޫނު ޤިބުލައަށް ކުރިމަތިވާ ގޮތަށެވެ. އެއީ މައްޔިތާގެ ކަނާއަތު އަރިކަށި ތިރިއަށް ވާނޭހެންނެވެ. މައްޔިތާ ސަންދޯކުގެ ތެރޭގައި ބާއްވާއިރު ބަންޑުން ނުވަތަ އުއްޑުންވިޔަ ނުދިނުމަށްޓަކައި ސަންދޯކުތެރޭގައި ބޭއްވުމުގައި ވެލިކޮތަޅު ފަދަ ތަކެތި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އަދި މައްޔިތާގެ ކަނާއަތު ކޯތާފަތުގެ ދަށަށް ވެލިކޮތަޅުލައި ބޯ އުފުލާލައި ސީދާކޮށްލަން ވާނެއެވެ.

މައްޔިތާގެ ޢައިބުތައް ސިއްރުކުރުން
މައްޔިތާގެ ގައިގައި ހުރި އައިބުތަކާއި ސިއްރުތައް ފޮރުވުމަކީ މައްޔިތާ ހިނަވައި ކަފުންކުރާ މީހުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއިންކަމެއް ފާޅުކުރުމަކީ ޙަރާމްވެގެންވާ ނުބައިކަން ބޮޑުކަމެކެވެ. ނަމަވެސް ހިނަވައި ކަފުންކުރުމުގެ ތެރޭގައި މައްޔިތާގެ ކިބައިން ފެނިގެންދާ ރިވެތިކަމަކާއި އުފާވެރި ކަމެއްގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫނެވެ.
އިބުނު އުމަރުގެ އަރިހުން ރިވާވެގެން އައިސްފައިވާ ހަދީޘް ބަސްފުޅެއްގައި ވެއެވެ. لا يغسل موتاكم إلا المأمونون (رواه ابن ماجه) މާނައީ: ތިޔަބައި މީހުންގެ މައްޔިތުން ހިނަވަން ވާނީ އަމާނާތްތެރިން ކަމުގައިވާ މީހުންނެވެ.
އަދިވެސް މާތްﷲ ރުއްސުންލެއްވި އަބޫ ރާފިޢުގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلي الله عليه وسلم ހަދީޘްކުރެއްވިއެވެ. اومن غسل ميتا فكتم عليه غفرالله له اربعين مرة (رواه الحاكم في المستدرك قال هو صحيح علي شرط مسلم)
މާނައީ: މައްޔިތާ ހިނަވައިފި މީހާ އެ މައްޔިތާގެ ކިބައިގައި ހުރި ޢައިބުތައް ސިއްރުކޮށްފިނަމަ މާތްﷲ އޭނާގެ ފާފަތައް ސާޅީސް ފަހަރުމަތިން ފުއްސަވައި ދެއްވާނެތެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.