ހަނިމާދޫ ސްކޫލުގެ 2020 ވަނަ އަހަރުގެ އިފްތިތާހީ ޖަލްސާބާއްވާފިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް އިސްމާޢީލް ނަޝީދު ޝަރަފުވެރި ކޮށްދެއްވި މި ޖަލަސާ ބާއްވާފައިވަނީ 20 ފެބްރުއަރީ 2020 ވީ ބުރާސްފަތި ދުވަހުގެ ރޭ ހަނިމާދޫ ސްކޫލުގެ ގޯތިތެރޭގައެވެ.

މި ޖަލްސާ ތަޢާރަފްކުރައްވައި ވާހަކަ ދައްކަވަމުން ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަބްދުލް މުޙްސިން އަބްދުލް ލަޠީފް، ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުން ސްކޫލުގެ ކުރިއެރުމަށް ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި ދަރިވަރުންނަށް ކިޔެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި ކޮންމެ ކުއްޖަކީވެސް މުޖްތަމަޢަށް ބޭނުންތެރި ކުއްޖަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރު ދެއްވާފައި ވެއެވެ.

މި ޖަލްސާގައި 2020 ވަނަ އަހަރު އަލަށް ޕްރިފެކްޓުގެ މަޤާމާއި ހަވާލުވި ދަރިވަރުންނަށާއި އަދި ޕްރިފެކްޓު މަޤާމުގެ ކުރިއެރުން ލިބުނު ދަރިވަރުންނަށް ހުވާ ލައިދިނުމުގެ އިތުރުން މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވެއެވެ. 

ސްޓޫޑެންޓް ކައުންސިލުގައި ހިމެނިވަޑައި ގަންނަވާ ޓީޗަރުންނަށް މަސްއޫލިއްޔަތު ހަވާލުކޮދެއްވީ ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް އަބްދުލް މުޙްސިން އަބްދުލް ލަޠީފެވެ. މީގެ އިތުރުން ސްޓޫޑެންޓް ކައުންސިލުގެ އިސް މަޤާމުތަކަށް ހޮވުނު ދަރިވަރުންނަށް މަޤާމުގެ މަސްއޫލިއްޔަތު ހަވާލުކޮށްދެއްވީ ސްކޫލު ބޯޑަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ މެމްބަރު އަބްދުﷲ އާދަމާއި އަދި މާފުށީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ނާޞިރުގެ އިތުރުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޑެޕިއުޓީ ޕުރިންސިޕަލް އަލްފާޟިލް އިސްމާޢީލް ނަޝީދެވެ.

މި ޖަލްސާގައި 2020 ވަނަ އަހަރުގެ ޕީޓީއޭއަށް ހޮވިފައިވާ މެމްބަރުންނަށް އެ މެމްބަރުންގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައި ވެއެވެ. އެ މެމްބަރުންނަށް މަޤާމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްދެއްވާފައިވަނީ ހަނިމާދޫ ސްކޫލުގެ 2019 ވަނަ އަހަރުގެ ޕީ.ޓީ.އޭގެ ނައިބް ރައީސް އަލްފާޟިލް އިބްރާހީމް ޤާސިމްގެ އިތުރުން ހަނިމާދޫ ކައުންސިލުގެ ރައީސް އަލްފާޟިލް އަބްދުލް ސަލާމް އަލީއެވެ.

މި ޖަލްސާގައި 2019 ވަނަ އަހަރު ޕީޓީއޭގެ މެމްބަރުން ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ. އެ މެމްބަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ 2020 ވަނަ އަހަރުގެ ޕީޓީއޭގެ ނައިބް ރައީސް އަލްފާޟިލް މައްސޫދު އާދަމުގެ އިތުރުން ސްކޫލް ބޯޑުގެ މެމްބަރު އަލްފާޟިލް އަހުމަދު ސަމީމުއެވެ.

މި ޖަލްސާގެ ޝަރަފްވެރި މެހެމާނު ޖަލްސާގެ ހާޟިރީންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ދަރިވަރުންނަކީ ނުވަތަ ދަރިންނަކީ ބެލެނިވެރިންނާއި ހަވާލުކުރެވިފައިވާ ވަރަށް ބޮޑު އަމާނާތެއްކަން ހަނދާންކޮށްދިނުމުގެ އިތުރުން އެ އަމާނާތަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެފައި ވެއެވެ. އަދި އެކިއެކި މަޤާމުތަކަށް ހޮވުނު ދަރިވަރުންނަށް ހިތްވަރު ދިނުމުގެ އިތުރުން ކޮންމެ ކުއްޖަކީ ވެސް އުނގެނެން މަސައްކަތްކުރާ އުނގެނެން ދަންނަ ދަރިވަރަކަށް ވުމަށް ނަސޭހަތްތެރިވެފައިވއެވެ.

ފުރިހަމަ ތައްޔާރީ ތަކަކާއި އެކު ކުރިއަށް ގެންދެވުނު މިޖަލްސާގައި ހަނިމާދޫގެ ހުރިހައި މުއައްސަސާތަކުގެ ވެރިންނާއި ކުލަބު ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންވަނީ ބައިވެރި ވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.