ކޮވިޑް 19 އާ ގުޅިގެން މި މަހުގެ 19 އިން 26 ހަމަޔަށް ސަރުކާރު ބަންދުކުރަން ނިންމައިފައި ވާއިރު މި ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ހިންގާ ޓެލިކިލާސް ތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސުކޫލު ތަކުން ނިންމައިފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް މި މުއްދަތު ގެ ތެރޭގައި މެދުކަނޑާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވެއެވެ.

އެޑިއުކޭޝަނުން މިފަދަ ނިންމުމެއް ނިންމައިފައި ވާއިރު މި މުއްދަތުގައި ބެލެނިވެރިންނަށް ދަރިވަރުން ގޭގައި ތިބެގެން ކުރެވިދާނެ މުހިއްމު ކަންކަން ވަނީ ފާހަގަކޮށްދެއްވާފައެވެ. އެގޮތުން ދަރިވަރުން ވީހާވެސް ބޮޑަށް ދީނީ ކަންކަމަށް އަހުލުވެރިކުރުމާއި ދަރިވަރުންގެ ޢުމުރާ ގުޅޭ މިންވަރުން ކޮވިޑް 19 ގެ މަޢުލޫމާތުތައް ހިއްސާކުރުމަށާއި ގޭބިސީއަށް އެއްކޮށްގެން ކުރެވޭނެ ކަންކަން ރާވައި އެކަކު އަނެކަކަށް އަޅާލައި ގުޅުން ބަދަހި ކުރުމަށް އެޑިއުކޭޝަނުން ވަނީ ހާމަކުރައްވާފައެވެ. އަދި ދަރިވަރުން ޓީވީ އާއި ގޭމުފަދަ ސްކްރީން ތަކުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް ގޮވާލައިފައިވާއިރު ގޭގެ މަސައްކަތްތަކުގައި ދަރިވަރުން ޝާމިލްކޮށް ޒިންމާދާރު ކުރުވުމަށް ވެސް ވަނީ ބެލެނިވެރިންގެ ކިބައިން އެދި ވަޑައިގެންފައެވެ.

މިއަދުގެ ވަގުތެއްގައި އެޑިއުކޭޝަނުން ނެރުނު ބަޔާނުގައިވާގޮތުން ދަރިވަރުން ވީހާ ވެސް ގިނައިން ފޮތް ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ތަރައްޤީ ކުރުމަށް ކުރެވޭނެ މަސައްކަތް ތަކުގައި ދަރިވަރުން މަޝްޢޫލުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުވުމަށް ވެސް ބެލެނިވެރިންނަށް ވަނީ އެ މިނިސްޓްރީއިން އިލްތިމާސްކުރައްވައެވެ.

މިފަދަ ނިންމުމެއް ނިންމާފައި ވާއިރު އެންމެ ބޭފުޅުން ވެސް ޢާންމު ސާފުތާހިރުކަމަށް އިސްކަންދީ އިޖްތިމާޢީ ގައިދުރުކަމަށް ސަމާލުވުމަށާއި ގޭގައި ތިއްބެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.