ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބަލިމަޑު ކަމާގުޅިގެން ސިނަމާތަކުގައި މިހާރު ފިލްމު އެޅުވުން ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. އެގޮތުން އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި އެންމެ ފުރަތަމަ ރިލީޒް ކުރާނެ ތާރީޚު ފާސްކުރެވުނު ފިލްމަކީ ރޯހިތު ޝެއްޓީ ޑައިރެކްޓް ކުރާ، އަދި އަކްޝޭ ކުމާރު ފުލުހެއްގެ ބައި ކުޅޭ “ކޮޕް ޑްރާމާ” ސޫރިޔަވަންޝީ އެވެ. ކުރިން މި މަހު 24 ގައި ސިނަމާތަކުގައި ފިލްމު އަޅުވާގޮތަށް އޮތްނަމަވެސް މިހާރު މިވަނީ ރިލީޒް ކުރާނެ ވަކި ތާރީޚެއް ނޭނގޭ ގޮތަށް ފަސްކުރެވިފައެވެ. ނަމަވެސް ހާލަތު ރަނގަޅިވިހާ އަވަހަކަށް ފިލްމު ރިލީޒް ކުރާނެ ދުވަހެއް ޢިއުލާނުކުރާނެއެވެ.

ބޮލީވުޑްގެ ތަރި ސަލްމާން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް “ރާދޭ : ޔުއާރ މޯސްޓް ވޯންޓެޑް ބާއީ” ރިލީޒް ކުރުމުގެ ތައްޔާރީތައް ވަމުންނެވެ. މިއީ އަނެއްކާވެސް ސަލްމާން ފުލުހެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރާނީ މިއަހަރު ފިތުރު ޢީދު ދުވަހުއެވެ.

ސޫރިޔަވަންޝީީގެ ޓްރެެއިލާ ރިލީޒް ކުރުމާއި އެކު ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރު ކުރަމުންނެވެ. އަދި މިއީ މި އަހަރުގެ އެންމެ އުންމީދީ އެއްފިލްމުވެސް މެއެވެ. އިންޑިއާގެ ވަރަށް ގިނަ ސަރަހައްދުތަކެއް ލޮކްޑައުންކޮށް، އާންމުން އެއްވާ ތަންތަން ބަންދުކުރުމާއި އެކި ސިނަމާތައްވެސް ވަނީ މި މަހު 31 ގެ ނިޔަލަށް ބަނދުކުރެވިފައެވެ.

ސޫރިޔަވަންޝީީގެ ޓީމުން އަންނަނީ ފިލްމު ރިލީޒް ކުރާނެ ރަނގަޅު ތާރީޚެއް ބަލަމުންްނެވެ. ފިތުރު ޢީދުގެ ކުރިން އިންޑިއާގެ ހާލަތު ބަދަލުވެއްޖެނަމަ އަކްޝޭ ކުމާރުގެ “ލަކްޝްމީ ބޮންބް” ގެ ބަދަލުގައި ފިތުރު ޢީދުގައި “ސޫރިޔަވަންޝީީ” ރިލީޒްކުރުން ވަރަށް ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ. ކުރިން އޮތް ގޮތުންނަމަ “ލަކްޝްމީ ބޮންބް” އާއި ސަލްމާނުގެ “ރާދޭ” ރިލީޒް ކުރާނީ އެއްދުވަހެއްގައެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ “ސޫރިޔަވަންޝީީ” އަކީ އެއްމެ ކުރިންވެސް ފިތުރު ޢީދުގައި ރިލީޒްކުރަން ނިންމި ފިލްމެއް ނަމަވެސް ފަހުން ރިލީޒްކުރާނެ ތާރީޚު އަވަސްކުރެވުނު ފިލްމެކެވެ. އޭރު ފިލްމު އަވަސް ކުރެވުނީ ސަލްމާާނާއި އެެކު ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ނުދިއުމަށެވެ.

ރޯހިތު ޝެއްޓީ ޑައިރެކްޓް ކުރި “ސޫރަޔަވަންޝީ” ގައި ލީޑް ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކެއިފް އެވެ. ރަންވީރް ސިންގ އަދި އަޖޭ ދޭވްގަންގެ ޚާއްޞަ ކުރު ފެނިލުމެއްވެސް ފިލްމުގައި ފެނިގެން ދާނެއެވެ.

ސަލްމާން ޚާންގެެ “ރާދޭ” ޑައިރެކްޓް ކުރަނީ މަޝްހޫރު ކޮރިއޮގްރާފާރ ޕުރަބޫ ދޭވާއެވެ. މި ފިލްމުގައި ހަރަކާތްތެރިވާ އިތުު ތަރިންގެ ތެރޭގައި ރަންދީޕް ހޫޑާ، ޑިޝާ ޕަޓާނީ އަދި ޖެކީ ޝްރޮފް ހިމެނެއެވެ.

ދެ ފިލްމަކީވެސް ފުލުހެއްގެ ވާހަކަ ކިޔައިދޭ ވަރުގަދަ އެކްޝަން ފިލްމަށް ވާއިރު ދެ ފިލްމު އެެއްދުވަހެއްގައި ރިލީޒް ކޮށްފިނަމަ ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށް ވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.