“އިންޓަނެޓު އަގު ހެޔޮ ކުރޭ!” “ނެޓު ހާދަ ސްލޯއޭ!” މިއީ މި ދިވެހިރާއްޖޭގައި ފަނޑުވުމެއް ނެތި އަބަދުވެސް އިވެމުންދާ ހަރު އަޑެކެވެ. އެކި ދުވަސްވަރުގައި އަޑު ބާރުވެގެންދާއިރު އަނެއްބައި ދުވަސް ތަކުގައި މި އަޑު ކޮންމެވެސް ވަރަކަށް ވައިގެ ތެރޭގައި ހުރެއެވެ. މިހާރު މުޅި ދުނިޔެއަށް ދައްކަމުން ދާ ދަތި ކުލަވަރުތަކުން މި ކަމާ ކަންބޮޑުވެ ޖޯލިފަތިތަކުގައްޔާއި މީސް މީޑިއާތަކުގައި އެކި ސިފަސިފައިގައި މި ވާހަކަތަކަށް ބަހުސްކުރާ މީހުންގެ އަދަދުވަނީ އިތުރު ވެފައެވެ.

މުޅި ދުނިޔޭގެ މިހާރުގެ ޙާލަތަށް ލޯ ހިންގާލާށެވެ. ޤައުމުތައް ނިކަމެތިވެ ބަލިކަށި ވެފައިވާއިރު މި ޤައުމުގެ އިގްތިސާދު ވެސް މި އޮތީ ބޮޑު ހީނަރުކަމެއްގެ ތެރޭގައި ދާނޭ މިސްރާބެއް ހޯދާލަހޯދާލައެވެ. ފަތުރުވެރިކަން މުޅިން ހުއްޓި ރިސޯޓްތަކުގެ މައި ދޮރާށިީގައި ބޮޑު ތަންޑުއެޅުވާ ހިސާބަށް ވެސް ހިގައްޖެއެވެ. މުސާރަތައް ވެސް ކުޑަވީއެވެ. ގޭގެ ކުލިތައް ކުޑަވީއެވެ. ފެންބިލާއި ކަރަންޓު ބިލު ގެ ބޮޑު އިންސައްތައެއް ވެސް އުނިވީއެވެ. ނަމަވެސް ފޯނުގެ ބިލް ހަމަ އެ ހައި ބޮޑެވެ. ސުވާލަކީ ކަންތައްތައް ބޮއްސުންލައިގެން ދާއިރު ވެސް އިންޓަނެޓުގެ އަގުތަކަށް ކުޑަވެސް އާރޯކަމެއް ނާންނަނީ ކީއްވެ ހެއްޔެވެ؟ އިންޓަނެޓުގެ ޚިދުމަތް ހޯދާ އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ މަތީ ފަންތީގެ މީހާއަށް ވެސް މި ޝަކުވާ، ބޭއިޚްތިޔާރުގައި ވިޔަސް ކުރެވޭކަމީ މި ކަމާމެދު ކޮންމެހެން ދިރާސާތަކެއް ހިނގަން މެދުވެރިވާ ސަބަބެވެ.

މިހައި ތަހުޒީބު ޒަމާނެއްގައި އިންޓަނެޓު މި ވަނީ އަޅުގަނޑުމެން އިންސާނުން ދިރިހުރުމަށް ބޭނުންވާ ކާނާއާއި ހަމައިން ޖާގަ ހޯދާފައެވެ. މީސް މީޑިއާގެ ޒަމާނީ އެޕްލިކޭޝަން ތަކުން އަޅުގަނޑުމެން ނިކަން ގަދަޔަށް ބަނދެވިފައި ވާއިރު ކޮންމެ އަގެއް ދީފައި ވިޔަސް ޑޭޓާ ޕެކޭޖެއް ހޯދައިލުން މި ވަނީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެފައެވެ. ނޫނީ ގާތުގައި ހުންނަ ރަހުމަތްތެރިޔާއަށް އޭގެ އުނދަގޫ ޖެހޭނެ ކަމާމެދު ސުވާލެއް ނެތެވެ.

ބޭނުންވަނީ ހިތްހަމަ ޖެހިލާ އުފާ ހާސިލް ކުރުމެވެ. މީސް މީޑިއާގެ ތެރޭގައި މިވެނި މީހަކު ބުނީ ކޮން ވާހަކައެއްތޯ ބަލާލައި ތިމާ ވެސް އެއާ ވިދިގެން ބަހެއް ބުނުމެވެ. ކުދި ކުދި ރާގުރާގަށް ފައިހަމަ ކޮށްފައިހުރީ ކިހިނެއްތޯ ދިރާސާކޮށް ތިމާ ވެސް އެގޮތަށް އެނބުރެން ފެށުމެވެ. ރިސޯޓުގައި ހުރި އެކުވެރިޔާއަށް ވީޑިއޯއެއް ކޮށްލާ ހާލުއަހުވާލު އޮޅުންފިލުވައިލުމެވެ. ފަހުގެ ޚަބަރުތައް ކިޔާލާއި މަޢުލޫމާތު މުއްސަނދިކޮށްލުމެވެ. ފުރާވަރަށް އަރާވަރުގެ ކުދިންގެ ނަޒަރުން ބުނާނަމަ ގޭމެއް ކުޅެލައި ޗިކަން ޑިނާއެއް ނަގާލުމެވެ.

ގޭތެރޭގެ ހާލު ވެސް ހަމަ މިފަދައެވެ. އެންމެ ކުޑަކުއްޖާ ވެސް ދުލެއް ކުރުމެއް ނެތެވެ. ޔޫޓިއުބުން ވީޑިއޯއެއް ބަލައިނުލެވިއެއް އެ ވެރިންނެއް ހިތެއް ނުފުރެއެވެ. ކަންކަން މިހާ ހިސާބަށް ފޯރައިފައިވާއިރު ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި އިންޓަނެޓުގެ ބިލަށް ހުސްނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

ދިވެހިރާއްޖޭގެ އިންޓަނެޓުގެ ޚިދުމަތް ދެމުން ގެންދާ ދެ އިދާރާ ކަމުގައިވާ ދިރާގާއި އުރީދޫއަށް އެކަށީގެންވާ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެވޭ ހެއްޔެވެ؟ ނޫނީ އެ ބޭފުޅުންނަށް މި ޕެކޭޖުތަކަށް މާ ފަސޭހައިން އަތްފޯރަނީ ހެއްޔެވެ؟ ނެޓުގެ ބާރުމިން އެހާ ހާލު ވީ ހެއްޔެވެ؟ އާދޭހެވެ. އިންޓަނެޓުގެ ސްޕީޑް ހަލުވީއެއްނޫނެވެ. ނަމަވެސް ޑޭޓާ ހުސް ވާލެއް މާ އަވަސް ވެފައި ނަގަނީ މަދު ވަގުތުކޮޅެކެވެ. ޖީބީ އިން ނަގާ ޑޭޓާ ކޮޅު މާ ގިނައިރެއް ނުވެ އެމްބީ ކޮޅަކަށް އޮންނަނީ ވެފައެވެ. ދެން އިވެނީ ފޯނުގެ ބެލެންސް ހުސްވާ މެސެޖު އަންނަ ޓޯންގެ އަޑެވެ.

މި ކަމުގައި މި ދެ އިދާރާ އޮންނަނީ ވާދަޖަހާލާފައެވެ. އެންމެ އަގު ބޮޑު ޕެކޭޖެއް ހެދޭ ބަޔަކު މޮޅުވާ ގޮތަށެވެ. ބަރިބަރިން ޑޭޓާ ޕެކޭޖުތައް އެކި ސިފަ ސިފައިގައި އަތުރައިފައި ހުންނަ އިރު ބަލާލަން ހިތަށް ނުކުޅަދާނައެވެ. އަގުތައް ހުންނަނީ އެހައިވެސް އާސްމާނުގައެވެ. ނަމަވެސް ނެޓު ސްލޯ ވެގެން ހަޅޭލަވާ އަޑު ދުވަހެއް ދުވަހަކަށް ބާރުވަނީއެވެ. ނަމުން ރީތި ޕްރޮމޯޝަންތައް ހަދައިގެން ރައްޔިތުންނަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟ ނަމަވެސް ޤައުމުތުގެ މެދުގައި އިންޓަނެޓުގެ މުބާރާތެއް ބޭއްވިޔަސް ދިވެހިރާއްޖޭ އެއްވަނަ ހޯދާނެކަން މިހާރު ވެސް ކަށަވަރެވެ. އެ ފަޚުރު މި ޤައުމަށް ލިބޭނެއެވެ.

ދިރާގާއި އުރީދޫ އެވެ. މި އަގުތަކަށް ރަނގަޅު ބަދަލެއް އަންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟ މިއީ ކޮންމެ ދިވެއްސަކު މެ އާދޭހާއެކު އެދޭ އެދުމެކެވެ. އާންމު ރައްޔިތުންނަށް ތިޔަ ފޯރުކޮށްދެނީ ޚިދުމަތެއް ހެއްޔެވެ؟ މި އިންތިޒާރަށް ނިމުމެއް އަންނާނެ ހެއްޔެވެ؟ މި ހައްސާސީ ދަނޑިވަޅުގައި ވެސް ހިތަށް އެއްޗެއް ހީވެގެން މި ކަން ކުރާ ކަހަލަ ޚިޔާލެއް ތިޔަ ބޭފުޅުން ނުގެންގުޅުއްވަމުތޯއެވެ؟

އޮންލައިންކޮށް އެސައިންމެންޓް ހަދާ ކުދިން ވެސް މި ރާއްޖޭގައި މަދެއް ނޫނެވެ. މި އާދޭސްތައް ކޮށްކޮށް މިހާރު މާޔޫސް ވާ ހިސާބަށް ކަންތައްތައް ހިނގައްޖެއެވެ. ނަމަވެސް ބޮޑު ޕެކޭޖެއް ނަގައިގެން މި އުޅެނީ އެއާ ނުލައި ނޫޅެވިގެންނެވެ. އާދޭހެވެ. އެއްފަހަރަށް ނަމަވެސް މި ޕެކޭޖު ތަކުގެ އަގު ހެޔޮކޮށްލާނުތޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.