“އައިމް ސޯ އިން ލަވް ވިތު ޔޫ. ކާންޓް ލިވް ވިތައުޓް ޔޫ. މައި ބެޓާ ހާފް، މައި ސަން ޝައިން، މައި ހެޕިނެސް!” ފޭސްބުކް ހުޅުވި އިރަށް ފުރަތަމަ ފެނުނު ސްޓޭޓަސް އެވެ.

“ފޭސްބުކް ރައްޓެއްސަކު” އޭނާގެ ލޯބިވެރިޔާއަށް ޓެގްކޮށްފައި ދެމީހުން އެކީގައި ނަގާފައި އިން ފޮޓޯއަކާއެކު ޖަހާފައި އޮތް ސްޓޭޓަސް އެކެވެ. އަހަރެން ހަމަ އަޖިބުވެ އަންތަރީސްވެއްޖެ އެވެ. މީގެ ތިން ދުވަސް ކުރިންވެސް ހަމަ އެކަހަލަ ސްޓޭޓަސްއެއް އެހެން މީހަކަށް ޓެގްކޮށްފައި ޖަހާފައި އޮތެވެ.

ހަމަ އޭގެ ހަތަރު މަހެއްހާ ދުވަސް ކުރިންވެސް އެކަހަލަ ސްޓޭޓަސްއެއް އެހެން މީހަކަށް ޓެގްކޮށްފައި ޖަހާފައި އޮތެވެ. އިންތިހާއަށް ލޯބިވާ ވާހަކަ އެވެ. ވަކިން ނޫޅެވޭނެ ވާހަކަ އެވެ. ހަމަ ހުވަ އެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގި ތަލިން ކުޅު ހިކޭ ވަރުވެފަ އެވެ.

ހުރިހާ މީހުންދެކެ ހަގީގީ ލޯބިވަނީ ހެއްޔެވެ؟ ނޫނީ އެއީ މިކިޔާ “ޕްލާސްޓިކް ނޫނީ އާޓިފިޝަލް” ލޯބި ހެއްޔެވެ؟ ނޫނީ ވަގުތީ އުފަލަކަށްޓަކައި ދައްކާލާ ދަޅައެއް ހެއްޔެވެ؟ މިއަދުގެ މުޖުތަމައުން ވަރަށް އާއްމުކޮށް ފެންނަމުންދާ މަންޒަރެކެވެ. ހެދުން ބަދަލުކުރާހެން ލޯބިވެރިން ބަދަލުކުރާ މަންޒަރެވެ. ހުރިހާ ލޯބިވެރިން ދެކެވެސް އިންތިހާއަށް ލޯބިވުމެވެ.

ފޭސްބުކް ފުރެންޑަކަށް އިނަސް އެއީ ކާކު ކަމެއް ނޭނގެއެވެ. އެހެންކަމުން އެއީ ކާކުތޯ ބެލުމުގެ މަސައްކަތްކުރަން ފަށައިފީމެވެ. ވަރަށް ގިނަ ރައްޓެހިން ކައިރީ އަހައިގެން އެއީ ކޮންރަށަކު ކާކު ކަން އެނގޭ ވަރު ވެއްޖެއެވެ.

ދެކުނުގެ ރަށަކަށް ނިސްބަތްވާ ޒުވާނެެކެވެ. މުސްކުޅި މަންމަ ބަލިހާލަށް އެކަނި ރަށުގައި އުޅޭކަމުވެއެވެ. އެހެންނަމަވެސް މީނަގެ ފަރާތުން އެ މަންމަ އަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް މައުލޫމާތުލިބުނެވެ. މަންމަގެ ހުރި ހަމަ އެކަނި ދަރިއަކީވެސް އެއީކަމަށާއި މުސްކުޅި މަންމަ ރަށަށް ދޫކޮށްލާފައި މީނަ އުޅެނީ މާލޭގައި ކަމަށްވެސް މައުލޫމާތު ލިބުނެވެ. މި ހިސާބުން ހަމަ ރަގަޅަށް ވެސް އަހަރެން ހައިރާން ވެއްޖެއެވެ.

ތިބާދެކެ އެންމެ ލޯބިވީ ކާކު ހެއްޔެވެ؟ ރޭގަނޑުގެ ނިންޖާއި އަރާމު ތިބާޔަށްޓަކައި ގުރުބާންކުރީ ކާކުހެއްޔެވެ؟ ތިބާޔަށް އެންމެ ހެޔޮ ގޮތްތައް މެދުވެރިވުމަށް އެދޭ ހާލު ދުޢާކުރުމުގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރީ ކާކުހެއްޔެވެ؟ ނުވަމަސް ދުވަހުގެ ގަދަ ވޭނަށް ފަހު ތިބާ މި ދުނިޔެއަށް އުފަންކުރީ ކާކުހެއްޔެވެ؟ ތަންދޮރު ނޭނގޭ ހާލުގައި ތިބާ ވަނިކޮށް ތިބާ މީހަކަށް ހަދާ، ކަންކަން އުގަންނައިދިނީ ކާކުހެއްޔެވެ؟ އެ މަންމަ ދެކެ ނުވެވުނު ލޯތްބެއް މަހަކު ދެފަހަރު އެހެން މީހެއްދެކެ ވެވިދާނެ ހެއްޔެވެ؟

އަހަރެންގެ ހިތް ހަލާކުވެއްޖެއެވެ. ލޯބީގައި ނާކާމިޔާބު ވެގެނެއް ނޫނެވެ. މި ވާހަކަތައް އެނގުމުންނެވެ. ތިޔަ ބުނާހެން ލޯބީގެ އިބާރާތުން އެއްޗެކޭ ބުނެވޭތޯ ބަލާނަމަވެ. މަހަކު ދެފަހަރު ތިވާ ލޯބީގެ ވާހަކަތައް ފޭސްބުކަށް ތިލަނީ ކުޅޭނެ ކުޅިވަރެއް ނެތިގެން އަހަރެންގެ ހިތާ ކުޅެންތޯއެވެ؟ މި ވާހަކަތައް އެނގި “ޒަޚަމްވެ ހިތް މަގޭ ފިހިއްޖެ” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.