ފަރުދާ 1 (ހެނދުނުގެ ވަގުތު – ކާގެ)

ފުރަތަމަ ފަރުދާގައި ފެނިގެންދާނީ ގެއެއްގެ ސުފުރާމައްޗަށް ހެނދުނުގެ ނާސްތާ ތައްޔާރުކުރަމުންދާ މަންޒަރެވެ.

ގޭގައި މަސައްކަތްކުރަން ގެންގުޅޭ އިންޑިޔާ އަންހެނެއް ކަމުގައިވާ ޝިންޓޭ، ފަހަރަކު އެއްޗެއް މޭޒުމައްޗަށް ޖަމާކުރަމުން ގެންދެއެވެ. ޝީންޓޭ ކާމޭޒުމަތި ތައްޔާރުކޮށްނިމިގެން ކާމޭޒުގެ އެއްފަރާތުގައި ހުއްޓި ފުރަގަހަށް ދެއަތްލާ ހިފަހައްޓާލަމުން:

ޝިންޓޭ: ޝަލީ…. އާއްކޯ! … ސައިބޯން އަންނީ! (ބޭރުމީހުން ވާހަކަ ދައްކާގޮތަށް)

އެހެންބުނިތާ ކުޑައިރުކޮޅެއްފަހުން ޔުނިފޯމު އަޅައިގެންތިބި ދެ ފިރިހެންކުދިން އައިސް މޭޒުގެ އެއްފަރާތުގައިހުރި ދެ ގޮނޑީގައި އިށީނުމަށް ގޮނޑި ދަމައިގަނެ އިށީނުމަށް ތައްޔާރުވެއެވެ. އެވަގުތު ކަންބޮޑުވެ، ތެޅިގަންނަމުން ކަހަލަގޮތަކަށް:

ޝިންޓޭ: ނެއީ ނެއީ (ނެހީނެހީ) … މީ ޝާލީމެންނަށް ތިބޭ…

(އޭރު އެދެކުދިން އިށީންދެއްޖެއެވެ.)

ޝިންޓޭ: (ދައްކަމުން ގެންދިޔަވާހަކަ ކުރިއަށް) މީ އަލީ މެންނަށް ނުތިބޭ….. މީ އާއްކޮމެންނަށް މި ވައްތަރު ހުންނަނީ.

(ދެކުދިން އިށީންދެގެން ތިބިއިރު ކުރިމަތީގައި ހުރީ ދެކިރުސައި ތައްޓާއި ރޮއްޓާއި ރިހައެވެ. ދެކުދިންގެ މޫނުމައްޗަށް މާޔޫސްކަމާއި ހިތާމަވެރިކަން އިހްސާސްވެ ކަރުއެލުވާލަމުން އެތަނުން ތެދުވިއެވެ)

އަލީ: (ޝަކުވާގެ ރާގަކަށް) އަހަރުމެންވެސް ބޯނީ ކިރުސައި…. ކާނީވެސް ރޮއްޓާ ރިހަޔާ….

ޝިންޓޭ ގޮތްހުސްވެ ކަންބޮޑުވެފައި ހުރީއެވެ.

(އަލީ މިހެންބުނެފައި އަނެއްކާވެސް އެގޮނޑީގައި އިށީނިއެވެ. ނަމަވެސް މުޙައްމަދު ގޮސް އިށީނީ ދެ ކަޅުސައިތަށި ބަހައްޓާފައިހުރި ދިމާގައެވެ. އެތާގައި އިށީންދެ ހަމަޖެހިލަމުން:

މުޙައްމަދު: ރޭގަވެސް ކާންހުރި އެތިކޮޅު ހުސްވެގެން އަހަރަމެން ދެބެން ތިބެންޖެހުނީ ނުކައި ހުސްބަނޑާ…. ދެން މިއަދުވެސް މިވީ ފާރޮއްޓަކާ ކަޅުސައިތައްޓެއް ބޯން…

އޭރު އެބުނާ ޝާލީއަކާ އާއްކޮއެއް (ދެ އަންހެންކުދިން) ވެސް އެތަނަށް އައިސް ހުއްޓުނެވެ. ދެކުދިންވެސް ތިބީ ޔުނިފޯމު ލައިގެންނެވެ.

ދެކުދިންގެ ތެރެއިން ބޮޑަށް ހުރި ކުއްޖާ (އާއްކޮ) އޭނާގެ މަންމައަށް ގޮވަންފަށައެވެ.

އާއްކޮ: މަންމާ.. މަންމާ… ބަލާލަބަލަ މީދަ އަލީއެއް! އަޅުގަނޑު ސައިތަށި އޭނދަ ބޯލަނީ!

މަންމަ އެތަނަށް ދުމެއް ޖަހާފައި އައެވެ. އޭނާހުރީ ރުޅިއައިސް ރަތްވެފައެވެ.

މަންމަ: ކީކޭ ދަރިފުޅާ! ސައިތަށި ބޯލަނީއޭ؟ …… ބަލަ ކަލޭމެންނަށް ކާންދޭން މަމީ ކަލޭމެންގެ މަންމަތަ؟ ކާން ދާންވީނު ކަލޭމެންގެ މަންމަ ކައިރިއަށް! …… މަށަށް ކާންދެވޭނީ މަގޭ ދަރިންނަށް….. މިއަދު ޝިންޓޭއަށް ހޭލެވުނުލެއް ލަސްކަމުން ރޮށި ނުފިހެވުނީ ….. ތިޔައީ މިދެކުދިންނަށް ހޮޓަލުންގަތް ރޮށި….. ތިހިރީ ކަލޭމެންނަށް ހުރި ސައި…. ނުބޮންޏާ ދިޔައިމަވީނު!

މިހެން ބުނެފައި މަންމަގެ ތުން އަނބުރާލަމުން އެތަނުން ނުކުމެގެން ދެއެވެ. އަލީ އާއި މުޙައްމަދު ވަރަށް ދެރަވެފައިތިބެ ފާރޮއްޓާއި ސައި ބޮމުންދިޔައިރު އާއްކޮއާއި ޝާލީ ކިރުސަޔާއި ރޮއްޓާ ކަމުންދެއެވެ.

ސައިބޮއެ ހަމަ ނިމުމާއިއެކު ބޭބީ ތެދުވިއެވެ. އެއާއިއެކު އާއްކޮވެސް ތެދުވިއެވެ.

ބޭބީ: މަންމާ…. އިންޓަވަލް ކޮބާ؟

ޝީންޓޭ: (ހުޝިޔާރުކަމާއި އެކު) މިގެންނަނީ!

މިހެންބުނެފައި އެފަރާތަށް ޖެހިލިއެވެ. ހަމައެއާއިއެކު ދެކުދިންގެ ދަބަހާއި އިންޓަވަލް ހިފައިގެން އޭނާ އާދެއެވެ. ފަހަތުން އައިސް މަންމަވެސް ހުއްޓެއެވެ. އެވަގުތު:

ޢަލީ: ކޮބާ އަހަރަމެންނަށް؟

މަންމަ: މީހަކު އަޖައިބެއް ނުވާނެތަ! ކަލޭމެން މިހާރު ތިތިބީ ބޮޑަތިވެފަ….. އެހެންނޫނަސް ފިރިހެންކުދިން އިންޓަވަލެއް ނުގެންދާނެ!

މުޙައްމަދު: އެހެންނުވާނެ…. އަހަރުން ކުލާސްކުދިންވެސް އިންޓަވަލް ގެންދޭ…. ދޯ އައްޔަބޭ!

މަންމަ: އެކުން މާ އަނގަ ގަދަކުރާނެ ކަމެއްނެތް…. ސްކޫލަށް ދަންޏާދޭ… ނުދަންޏާ ނުގޮސްތިބީމަ ވީނު… މަށަށް ޖެހިފަ މިއޮތީ ބޮޑުކަމެއް!

ޢަލީއާއި މުޙައްމަދު އިސްދަށަށް ޖަހާލަމުން އެތަނުން ނުކުމެގެން ދިޔައެވެ. އެ ދެކުދިންގޮސް އެމީހުންގެ ދަބަސް ހިފައިގެން އައެެވެ. އޭރު ޝީންޓޭ ބޭބީ އާއި އާއްކޮ ގޮވައިގެން ސްކޫލަށްދާން ނުކުންނަށް ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ޢަލީއާއި މުޙައްމަދު ވެސް ހިނގައިގަތެވެ.

ފަރުދާ 2 (ކުލާސް)

މުދައްރިސް ބޯޑުގައި ޅެންބައިތެއް ލިޔެދެއްވަމުން ގެންދަނީއެވެ. ދަރިވަރުން ސަމާލުކަންދީގެން ތިބީ މުދައްރިސް ލިޔުއްވަމުން ގެންދަވާ ބައިތަށެވެ. ނަމަވެސް އަލީއާއި މުޙައްމަދު ކުދިންނަށް ޖެއްސުން ކުރަމުންގެންދެއެވެ.

[އެދިގެން މިޤައުމު ގޮވަނީ އަގުހުރި ކެރޭ ދަރިންނަށް

މެރިގެން ދެލޯ ސިހުންނުވެ ހިތްމަތްކުރާ ދަރިންނަށް]

މުދައްރިސް ބައިތުލިޔެ ނިމުނުތަނުން ހަމްލާޔު ކޮޅަށް ތެދުވެއެވެ.

ޢަލީ: [އެދިގެން މިރާއްޖެ ގޮވަނީ މަކަހަލަ ކެރޭ ދަރިންނަށް

މެރިގެން ދެލޯ ސިހުންނުވެ އަނިޔާކުރާ ދަރިންނަށް]

(ބައިތުކިޔާ ނިމިގެން ކައިރީގައި އިންކުއްޖާގެ ބުރަކަށީގައި އަޅާ ކޮއްޕާލިއެވެ. އޭނާ އިށީނުމާއި އެކު ކައިރީގައި ތިބި ލާނެއް ދެކުދިން:

ދެކުދިން: (އެއްފަހަރާ) ވާހް ވާހް ވާހް

އެއްކުއްޖަކު: އައްޔަށް އެނގޭތަ ޅެންބައިތުވެސް ހަދަން

މުދައްރިސް ފަހަތަށް އެނބުރެމުން:

މުދައްރިސް: ޢަލީ! ކޮޅަށް ތެދުވޭ! ޢަލީ ކައިރީ ބައިތު ހަދައިގެން ކިޔާށޭ ބުނީ ކާކުތަ؟ މުދައްރިސް ބުނީ މި ބައިތުގެ މާނަލިޔާށޭ. ވިސްނިއްޖެތަ؟

އަލީ އަރިއަކަށް ބޯވައްޓާލަމުން އިށީނިއެވެ. ހަމައެއާއި އެކު ޖެހިގެން ހުރި ގްރޫޕްގައި އިން ކުއްޖެއްގެ އިންޓަވަލް ހަން ނަގާ ބޯންފެށިއެވެ.

ކުއްޖާ: (ކޮޅަށް ތެދުވަމުން) ބައްލަވާ މުދައްރިސް…. ޢަލީ އަޅުގަނޑުގެ އިންޓަވަލް ހަން ނަގައިގެން އެއޮއް ބޮނީ.

އެހެން ކުއްޖަކު:ކޮންމެ ދުވަހަކުވެސް ޢަލީއާއި މުޙައްމަދު އެހެން ކުދިންގެ އިންޓަވަލް ނަގައިގެން ބޮއެހަދާ…. އަދި ކުދިންގެ އެއްޗެހިވެސް ފޮރުވާ

ދަރިވަރު އިށީނިއެވެ. ދަރިވަރުން ދެއްކި ވާހަކަތައް ކަނުލާ އަޑުއެހުމަށް ހުރުމަށްފަހު މުދައްރިސް:

މުދައްރިސް: ޢަލީއާއި މުޙައްމަދަށް ތިއުޅެވެނީ އަދި ރަނަގަޅަކަށް ނޫން…. ތިހެން އުޅުނީމާ ހަމަ ދެރަވާނީ ތިކުދިންނަށް… ކެފޭތަކަށް ދިޔުމާ، މަގުމަތީ ވިޔާނުދާކުދިންނާއި އެކީ އުޅުމާ ކުލާހުގައި ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ކުދިންނަށް ޖެއްސުންކޮށް އުޅުމާ، މިހިރީ ހައްތާވެސް ކެނޑިނޭޅި މުދައްރިސަށް އަންނަ ޝަކުވާތައް. ތީ ވަރަށް ދެރަކަމެއް…. (ބޯޑުގައި ލިޔެފައިވާ ޅެމަށް އިޝާރާތް ކުރަމުން) މިޅެމުގައި ބުނާފަދައިން ޤައުމު އެދޭފަދަ ދަރިންތަކެއް އުފެއްދޭނީ ހަރުދަނާ ތަރުބިއްޔަތެއް ލިބިގެން.

މުދައްރިސްގެ ވާހަކަތައް ފޫހިކަމާއެކު އަޑުއަހަން ޢަލީ ހުއްޓެވެ. ގަޑި ނިމޭ މުދައްރިސް ގޮނޑީގައި އިށީނިއެވެ.

މުދައްރިސް: ހުރިހާކުދިންވެސް އަވަހަށް މި ބައިތުގެ މާނަ ލިޔެލާ.

ހުރިހާކުދިން މަސައްކަތް ފެށިއެވެ. ޢަލީ ބޯކަހާލަ ކަހާލާ އިނީއެވެ. އެހެން އިނދެފާ ކުއްލިއަކަށް އޭނާގެ ދަބަހުން އެއްޗެއް ނަގައި ޖެހިގެން ހުރި ގްރޫޕްގެ ތެރެއަށް އެއްލިއެވެ. ކުދިންތައް ބިރުން ސިއްސައިގެންގޮސް ހަޅޭއްލަވައިގަންނަމުން ކޮޅުކޮޅު މައްޗަށް ދުއްވައިގަތެވެ. މުދައްރިސް ވެގެން އުޅޭގޮތެއް އޮޅުންފިލުވުމަށް:

މުދައްރިސް: ހުރިހާކުދިން ހަމަޖެހިބަލަ. ކިހިނެއްވީ؟

ކުއްޖަކު: މުދައްރިސް… ޢަލީ އަޅުގަޑުމެން ގްރޫޕް ތެރެއަށް ކުރަތްޕެއް އެއްލީ!

މުދައްރިސް: (ވަރަށް ރުޅިގަދަ ވެފައި) ޢަލީ! ހަމަ މިހާރު ކޮޅަށް ދެތުވޭ! ނުކުމޭ ބޭރަށް! ހިނގާ މަށާއެކު އޮފީހަށް

ފަރުދާ 3 (ގޭގެ ސިޓިންރޫމް)

ސިޓިންގ ރޫމްގައި ބަހައްޓާފައިހުރި މޭޒުދޮށުގައި ޢަލީގެ ދޮންމަންމަ އާއި އޭނޭގެ ތިން އެކުވެރިން ފޯރިނަގާފައި ތާސްކުޅެން ތިއްބެވެ. ޝިންޓޭ ގޭތެރެ ފޮޅުމާއި ކުނިކެހުންފަދަ މަސައްކަތް ކުރުމުގައި އަވަދިނެތި އުޅެމުންދެއެވެ. އަންހެންވެރިންތައް ޕަކަޕަކަ ޖަހާފައި ހިނިގަނޑު ޖަހަމުން ދެއެވެ.

ގޭތެރެއަށް ކުޑަވަރެއްގެ އަންހެންކުއްޖަކުވަދެ ސަލާން ގޮވާލައެވެ.

ކުއްޖާ: އައްސަލާމު ޢަލައިކުމް…. މަންމަ އެބައުޅޭތަ؟

ގޭތެރެއިން ސަލާމް ބަލައިގަންނަމުން:

މަންމަ: ވަޢަލައިކުމުއްސަލާމް…. އާން އެބައުޅޭ.

ކުއްޖާ ވަދެގެންގޮސް އޭނާގެ މަންމަގެ ކޮނޑުގައި އަތްއަޅާލަމުން:

ކުއްޖާ: މަންމާ…. މަންމާ….. މިހާރު ބައްޕަ ގެއަށް ދުރުވިތާވެސް ކިތަންމެ އިރެއްވެއްޖެ…. އަދިވެސް ގެއަށް ދާކަށް ނުވޭތޯ

އެކުއްޖާގެ މަންމަ: އިހަށް މަޑުކޮށްލަބަލަ… މިގަނޑު ނިންމާލާފަ ދާނަމޭ.

މަންމަ މިހެން ބުނުމުން އެކުއްޖާ މަންމަ އިށިންދެއިން ގޮނޑިގެ އެއްފަރާތުގައި އިށީނިއެވެ. އެވަގުތު އަނެއްކާވެސް މީހަކު ބޭރުން ސަލާންގޮވާލިއެވެ،

މީހާ: އައްސަލާމު ޢަލައިކުމް….. އައްސްލާމު ޢަލައިކުމް.

މަންމަ: ޝީންޓޭ … ޝިންޓޭ…

ޝިންޓޭ: (އެދިމާއަށް އަންނަމުން) އޯތް

މަންމަ: ބަލާލަބަލަ އެއީ ކީއްކުރަން އައި މީހެއްތޯ!

ޝިންޓޭ: ބަލަނީ ބަލަނީ

ގޭތެރެއަށް ވަދެގެން އައީ ސްކޫލްގެ ޕިޔޯނެވެ.

ޝީންޓޭ: މެޑަމް… ޢަލީގެ ސްކޫލް މީހާ އަންނަނީ.

އެމީހާ އައިސް ހުއްޓުނުއިރު އަތުގައި ފޮތެއް އޮތެވެ. މަންމަ ތެދުވަމުން:

މަންމަ: މިޖެހުނީ އަނެއްކަންތަކާ…. އަނެއްކާވެސް ޢަލީއާއި މުޙައްމަދަށް ކޮންމެވެސް އެއްޗެހިތަކެއް ހޯދައިނުދީގެންދޯ…. ކުރިންވެސް އެއްދުވަހަކު އެމީހުންގެ ބޫޓްހަލާކުވެގެން އެރޭވަރެއް ނުވެޔޭ ކިޔާފަވެސް އަންގައިފި…. މަށަށް ޖެހިފަ މިއޮތީ ބޮޑުކަމެއް…

އަންހެނަކު: ދެން ހޯދައިދިނިންތަ؟

މަންމަ: އެމީހުންނަކަށް ހޯދައެއް ނުދެވޭނެ.

އަންހެނަކު: ދޮންމަނިކު އެއްޗެކޭ ނުބުނުއްވާތަ؟

މަންމަ: އާނ ނުބުނޭ… ނުވެސް ކެރޭނެ ބުނާކަށް … އެހެން ނޫނަސް ގޭތެރޭގަ ވާނުވާއެއް އޭނައަކަށް ނޭނގޭނެ…. ގެނޭ ފޮތް

ފޮތް އަތުލުމަށްފަހު ލިޔެފައިވާ އެއްޗެއް ކިޔާލާ ސޮއިކޮށްލަން ތައްޔާރުވިއެވެ.

ކުރިން އެގެއަށް ވަތްކުއްޖާ ތެދުވަމުން

ކުއްޖާ: މަންމާ ދެން ހިނގާބަލަ ގެއަށްދާން… މިހާރު ބަންޑުހައިވެސް ވެއްޖެ.

އެކުއްޖާގެ މަންމަ: ދަރިފުޅާ.. އިހަށް މަޑުކޮށްލަބަލަ. މިއޮއް ނިމެނީއޭ މިގަނޑު.

އެކުއްޖާ އަނެއްކާވެސް އިށީނދެއެވެ.

މަންމަ: ފޮތުގައި ސޮއިކޮށް ނިމިގެން ޕިޔޯނުގެ އަތަށް ފޮތް ދިއްކޮށްލައެވެ. އެވަގުތު އެތަނުން އަންހެނަކު:

އަންހެންމިހާ: ކިހިނެއް ވިއްޔޯ؟

މަންމަ: އަލީ އާ މުޙައްމަދު ސްކޫލަށް ނުދާތީ އައި އިންޒާރެއް. ސްކޫލަށް ނުދާ ކަމަށް ވަންޏާ ކަމާބެހޭފަރާތްތަކަށް އަންގަން ޖެހިދާނެޔޯ. އަދި ބެލެނިވެރިޔާއާއި ބައްދަލުކުރަންވެސް ބޭނުންވާ ވާހަކަވެސް އޮތް.

ތިން އަންހެނުން ތާސްބައިގެ ގަނޑުތައް ބޮނޑިކޮށްލަމުން ތެދުވަމުން އެތަނުން އެއް އަންހެނަކު:

އަންހެންމީހާ: ދެން އަހަރެމެން ގޮސްލަނީ…. އަދި މިއުޅެނީ ނުވެސް ކައްކާ..

މަންމަ: އަދި އަންނައްޗޭ

އަންހެންވެރިން: އާނ….

ގެއަށް މަންމަ ހޯދަން އައިކުއްޖާގެ މަންމަ ހިނގައިގަންނަމުން އޭނާގެ ދަރިފުޅުގެ އަތުގައި ހިފާލަމުން:

އެކުއްޖާ މަންމަ: މިކުދިންނަކާހެދި ކަމެއް ނުވާނެ

އަންހެންވެރިން ދިއުމުން މޭޒުމަތި ސާފުކުރަން ލަތާފާއަށް ގޮވާލިއެވެ.

މަންމަ: ލަތާފާ…. ތި އޮތްތާކުން ނުކުމެގެން އައިސް ނިކަން މި މޭޒުމަތި ސާފުކޮށްބަލަ

ޝީންޓޭ ދުމެއްޖަހާފައި އެތަނަށް އާދެއެވެ. ލަތާފާ މޭޒުމަތި ސާފުކުރަމުން

ޝިންޓޭ: މެޑަމް އަލީ އާއި މުހައްމަދާ ސްކޫލުން ކަނޑަލާ ވައްތަރު ހުންނަނީތަ؟

މަންމަ: ސްކޫލުން ކަނޑާލިއްޔާ މަށަށް މާރަނގަޅު…. މަ އެބައުޅޭތަ ބެލެނިވެރިއކަށް ދާހިތުން…

އެވަގުތު އެތަނަށް ކުދިންގެ ބައްޕަ ދޮންމަނިކު އައިސް ވަދެއެވެ.

ދޮންމަނިކު: ޝަރީފާ ކީކޭތަ ތިކިޔަނީ… ކިހިނެއްވީތަ؟ އަނެއްކާ މާ ރުޅިއައިސްގެން އުޅޭދުވަހަކީތަ؟

މަންމަ: މިކިޔަނީ ދޮންމަނިކުގެ ލަފާދާރު ދެދަރިންގެ ވާހަކަ…. އެނގިއްޖެތަ؟ ……… މިހާރު ތަންގަނޑުގޭގެއިންވެސް ވައްކަންކުރަނީ……. ބެލޭނީވެސް ވަކިވަރެއް ވަންދެން…. މިހާރު އެއުޅެނީ މަދަރުސާގަވެސް ނުގެންގުޅެވިގެން….. ބޭކާރު ލާރިތަކެއް ޚަރަދުނުކޮށް ކަނޑާލަންވީއެއްނު؟

ބައްޕަ: ބަލަ …. އޭރުން އެކުދިންގެ މުސްތަޤުބަލޯ؟

މަންމަ: ކޮންމުސްތަޤުބަލެއް… ފުސްތަގުބަލެއް….. މިހާރު އެތިބީ ނުބެލެހެއްޓޭވަރުވެފަ. އެހެން ނޫނަސް އެއީ ފިރިހެން ކުދިން… ކޮންމެފަދަ މަސައްކަތެއް ކޮށްގެންވެސް އުޅެވިދާނެ. އަހަރެންބުނާގޮތެއް ހަދައިގެން ނުވޭވިއްޔާ. އެކަމަކު ހުރިހައި އުނދަހުލެއްޖެހެނީ މަށަށް…

ބައްޕަ ޒީލަގަދަ މަންމަގެ ބަހަށް [ފުކަކަށް] ވެގެން ދިޔަ ކަހަލަ އެވެ.

ބައްޕަ: ތިޔަކަމާ އެބަ ވިސްނަން…. ނިކަން ސައިތައްޓެއް ހަދާދީބަލަ…

ފަރުދާ 4 (މަގުމަތި)

އަލީއާއި މުޙައްމަދާ ސޯޓުބުރިއެއްލައިގެން މަގުމަތީގައި ބޯޅަކުޅެން ތިއްބެވެ. މަގުމަތިން ދުއްވާ ވެހިކަލްތަކަށް (ބައިކަލް) ބަލާލުމެއް ބިރެއް ނެތިޮއެވެ. އެމީހުންނާއިއެކު އިތުރު ދެ ކުއްޖަކުވެސް އުޅެއެވެ. ބޯޅަކުޅެއް އުޅެނިކޮށް ވަރުގެ ކޮޅަށް ނަލަހެދިގެން ދާ ދެ ކުދިން ފެނިގެން އަލީ އެމީހުންނާއި ފޮށެން ފެށިއެވެ.

އެމީހުންގެ ފަހަތުން ހިނގަން ފަށާފައި:

އަލީ: ވާށެކިޔާ ލެފްޓްކިޔާ ރައިޓް ކިޔާ ލެފްޓް ކިޔާ ރައިޓް (ރާގުގައި)

އެވަގުތު އެތަނުން އެހެން ކުއްޖަކުވެސް އަލީއާއި ބައިވެރިވަމުން:

ކުއްޖާ: ވާހް ވާހް…. ފަރިއޭދޯ ހިނގުންވެސް….

އެވަގުތު އެހިސާބުން ލިބާހެއް ލައިގެންހުރި މުސްކުޅިފުރާގެ އަންހެނަކު އަރާހަމަކުރަނީއެވެ. އޭނާގެ އަތުގައި ބާޒާރުކޮތަޅެއްވެސް އޮތެވެ. ދެކުދިންނާއި ފޮށެމުން ދިޔަ މަންޒަރުފެނިފާ ދައިތަ ހުއްޓެއެވެ. ދެ އަންހެންކުދިން އެހިސާބު އޮބާލާ ދަންދެން އަލީމެން ފޮށެމުން ދިޔައެވެ. އަލީ މެން އެނބުރި އައުމުން:

ދައިތަ: އެކަމަކުވާ ކަލޭމެންކުދިންނަށް ހަމަ ސާބަސް….. ތިޔަވަރު ތަންފުކެއް ބޮޑު…. މަގުމަތިން ދާހާބަޔަކާ ބެހޭކަށް ނުވާނެއްނު… އެކުދިންވެސް ކަލޭމެން ކުދިންނަކާ ނުބެހެއެއްނު… ކަލޭމެން ކުދިންގެ ދައްތައެއް ނުވަތަ ކޮށްކޮއަކާ އެހެންބަޔަކު އެގޮތަށް ބެހިއުޅުމަށް އެދޭނެތަ.. ގައިމުވެސް ނޭދޭނެ…. ރަނގަޅަށްވިއްޔާ ތިޔައީ މަދަރުސާކުދިން ނޫންކަމެއްވެސް ނޭގެ. މަދަރުސާކުދިން ތިޔަހެން އުޅުމަކީ މަދަރުސާއާއި ރަށަށްވެސް ހުތުރުނަން ލިބޭނެކަމެއް….

އަލީ ކުރިއަށް ޖެހިލިއެވެ. އަދި ދައިތައާއި ދިމާކުރަން ފަށައެވެ.

އަލީ: އޭއޭ ދައިތާ…. މުސްކުޅިވީތަ؟ އަނގަތަޅަނ ގޭގައިއޮވޭ! …. އަހަރުން މިތިބީ ސްކޫލުން އިސްތިއުފާ ދީފަ…..

އެވަގުތު މުހައްމަދުވެސް ކުރިއަށް ޖެހިލަމުން

މުހައްމަދު: އާން އާން ދައިތާ…. މުސްކުޅިވީދޯ!

އެތާހުރި އަނެއްކުއްޖާ ދައިތައާއި ދިމާއަށް ކުރިއަށް ޖެހިލިއެވެ. އަދި ދައިތަގެ އަތުގައި އޮތް ކޮތަޅު އަތުލުމަށް ކޮތަޅުގައި ހިފަމުން:

ކުއްޖާ: ދައިތާ މީ ހެދިކާ ކޮތަޅެއްތަ؟ (ކޮތަޅަށް ބަލާލަމުން) ހެއްހޭ…. އައްޗި ކުނިކޮތަޅެއް ދޯ….

އަލީ: އެހެންވެއްޖެއް އަހަރުންވެސް ކޮތަޅު އެއްލާލަދީފާނަން…. ދައިތައާއި އެކީވެސް އެއްލާލަ ދީފާނަން….

އެވަގުތު އެހިސާބަށް ރަށުގެ މުދިންބެ އަރާ ހަމަވެއެވެ. މުދިންބެއަށް މިމަންޒަރުތައް ފެނުމުން ދައިތަގެ ކައިރީގައި މަޑުކޮށްލައެވެ. ތަންކޮޅެއް ދުރުގައި އަލީމެން ބޯޅަކުޅެން އުޅެއެވެ.

މުދިންބެ: މިހާރުގެ ކުދިން ހާދަ އަދަބެއް ސަދަބެއް ނުހެރޭދޯ! ދުރޫސުލް އަޚްލާޤްގެ ކަންފުޅެއްވެސް ނެތް….

ދައިތަ: ތީވެސް ތެދެއް…. ނަމަވެސް އެކުދިންގެ އޮތޯ ކޮންކުށެއް…… ކުދިން ރަނަގަޅަށް ނުބެލެހެއްޓޭތީ މިހެން ވާންޖެހެނީ…. މައިންބަފައިން ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ ކުދިން ރަނަގަޅަށް ބަލަހައްޓާނަމަ މިހެން ވާކަށް ނުޖެހޭނެ…

މުދިންބެ: އާނ… އެކަމަކު މައިންބަފައިންނަށް ރަގަޅު ތަރުބިއްޔަތެއް ދެވޭނީ އެދެމީހުން އެކުގައި ރަނގަޅަށް މަސައްކަތްކޮށްގެންނެއްނު….. ޢާއިލާތައް ރޫޅި ވަކިވަކިވެގެން ދިޔުމުން ކުޑަކުދިންގެ ދަތުބިއްޔަތުވެސް ގެއްލިދަނީ…. ތިހިރަ (އަލީއަށް އިޝާރާތް ކުރަމުން) ދޮންމަނިކުގެ އައްޔަ ހަލާކުވެ އެދަނީވެސް ހަމަ މިހެންވެގެން…މަންމަ އުޅެނީ ގޮސް އެހެންރަށަކު މީހަކާއިދެގެން….. ދޮންމަންމަ އަޅާނުލާތާ މިހާރު ބައްޕަވެސް އަޅާނުލާ…. ސްކޫލަށްވެސް އޮބިނޯވެގެން އިހަށްދުވަހު އެދެބޭން ސްކޫލުން ވަކިކޮށްފި…. ބޮޑުވަމުން އެދަނީ އެގޮތުގައި…. ވާނީވެސް އެހެންތާ….

މިހިސާބުން ދެމީހުން ދެކޮޅަށް ހިގައިގަނެއެވެ.

ފަރުދާ 5 (ހޮޅުއަށި) [ފަސް އަހަރު ފަސް]

ދޮންމަނިކު ހޮޅުއަށީގައި އިސްދަށަށް ޖަހާލައިގެން އިނދެއެވެ. އެހިސާބުގައި ދެމަފިރިއަކު އެމީހުންގެ ދަރިދުޅު ގޮވައިގެން ހަވީރު ފިންނަށް ހިނގާލަން ނުކުމެ އުޅެއެވެ. ހޮޅުއަށީގެ އަނެއް ކޮޅުގައި އެހެން ފިރިހެނަކުވެސް އިނެވެ.

އިރުކޮޅެއް ފަހުން ޑޮކްޓަރަކު އޭނާގެ ކުލިނިކުން ގެއަށް އަންނަމުން އެހިސާބަށް މަޑުކޮށްލައެވެ.

ޑޮކްޓަރ: ބަލަ ދޮންމަނިކުބޭ … މިތާ ތިޔަހެން އިންނަތާ ހާދަ އިރެއްވެއްޖޭ… އަހަރެން ބްރޭކްގަޑީ ގެއަށް އައި އިރުވެސް އިނީ ހަމަ ތިޔަތާ…. މިހާރުވެސް ތިޔައިނީ ހަމަ އެގޮތަށް…. އަނެއްކާ ކަމެއް ދަމެއް ގޯސްވީތަ؟ މަށަށްވެސް އަންގާލައިގެން އުޅެބަލަ…

ދޮންމަނިކުބެ: (އިސް އުފުލާލަމުން) އިތުރަށް އަންގާނީ ކޮންވާހަކައެއް؟ …… މީ އެންމެންނަށް އެނގޭ ބާ ވާހަކައެއް…. އަހަރެން މުސްކުޅިވިދުވަހު އަބަދާއި އަބަދު ހިތާމަކޮށް ފިކުރުކުރުން ނޫންގޮތެއްނެތް…. އާން ޑޮކްޓަރ… މަގޭ އައްޔަ އެބުނާ ރެހެނބެލިއިސްްޓޭޝަނުގައި އުޅޭލެއް ވެސް ގޯސްކަމުން ޖަލަށް ބަދަލުކުރަން އުޅޭވާހަކަ އަންގައިފި… ކީކޭ ދެން ބުނާނީ…. ނަސީބަކުން އެ މުހައްމަދު އިސްލާހިއްޔާގަ އެބައުޅޭ ފާޑަކަށް… އެކަމަކު އައްޔަގެވެސް މިހާރު ދެތިން ބަނޑަށް ދަރިން އެބަތިބިވިއްޔަ….. އެކުދިންވެސް ބޮޑަތިވަމުންދަނީ ހަމަ އެގޮތުގައި…. އަޅާލާނެ މީހަކުވެސް ނެތް…. އައްޔަގެ އަންހެނުން އަބާދަ އަބަދު ރޮއެލަރޮެލާ އެ އިންނަނީ…

ޑޮކްޓަރ: ދޮންމަނިކުބޭ … ދެން އަބަދާ އަބަދު ތިޔަހެން ހިތާމަ ނުކުރޭ…. ތި އުމުރަކީ އާރާކުރަންވީ އުމުރު…. އަހަރެން ކުރިންވެސްބުނީމެއްނު އަލީއާއި މުހައްމަދުގެ މަންމައާއިއެކު އުޅެވޭތޯ ބަލާށޭ…. މައިން ބަފައިން ވަކިވުމުން ކުދިންނަށް ހާދަ ގެއްލުމެއްވޭ….. އަލީއާއި މުހައްމަދުގެ ހަޔާތް ބަރުބާދުވެގެން ދިޔައީ ހަމަ ދޮންމަނިކުބޭގެ އިހްމާލުން…

ދޮންމަނިކު: އަހަންނަށް މިހާރު ވިސްނިއްޖެ….. އެކަމަކު ދެންކުރާނީ ކީއް…

ޑޮކްޓަރ: ދެން އަބަދާ އަބަދު ހިތާމަ ކުރުމުގެ ބޭނުމެއް ނެތް…. ހިނގާ ގެއާދިމާއަށް ދަމާ….

ދޮންމަނިކުބެއާއި ޑޮކްޓަރ އެތަނުން ތެދުވި ވަގުތު އަށީގެ އަނެއްކޮޅުގައި އިން މީހާވެސް ތެދުވިއެވެ. އެވަގުތު އެތަނަށް ހިނގާލަން އަިއސް އުޅުނު ދެމަފިރިން އެމީހުންގެ ދަރިފަުޅުގެ އަތުގައި ހިފައިގެން އައިސް އެހިސާބާއި އަރާ ހަމަކުރަނީއެވެ.

މީހާ: (ދެމަފިރިންނާއި ރަދިފުޅަށް އިޝާރާތް ކުރަމުން)

“ތިޔައީ ތޯހިރު ދަރިފުޅެކޭ ހުރިހައި ކުށަކުންވެސް މައުސޫމޭ

އެފަހުންދެން ދިން ތަރުބިއްޔަތު ދެރަވުން އެދެނީ މައިންބަފައިން]

ކުއްޖާގެ މަންމަ އާއި ބައްޕަ:

[ދަރިންނީ މި އަމާނަތެކޭ މައިންބަފައިންނާއި ހަވާލުވެވޭ

ﷲގެ ޙައްޤޭމީ އަޅުތަކުނޭ މިކަމާމެދު ބިރުވެތި ވާންވާނޭ]

މިހިސާބުން ޅެން ކިޔާ ނިމުމާއި އެކު އެންމެން [ފްރީޒް] ވެފައި ތިބެން ޖެހެއެވެ. އެވަގުތު ޑްރާމާގެ ބައިވެރިން ސްޓޭޖަށް އަރާ:

މިއީ އިޙްމާލުވުން…. ވިސްނާލަމާތޯ؟

މިހެން ބުނެފައި ގުދުވެލައެވެ.

ނިމުނީ

1- ފުނަ ހައުސް އިން ހުށައަޅާދޭ ތަމްސީލް [އިހުމާލުން] ފެނިގެންދާނީ މައިންބަފައިން ވަކިވުމުގެ ސަބަބުން ތަރުބިއްޔަތުގެއްލި ހަޔާތުގެ ފަންސިގަޑު އޮޔާދަމުންދިޔަ ދަރިވަރެއްގެ ޙަޔާތް. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި މަންމައާއި ބައްޕަގެ ބައިވެރިވުން ފުރިހަމައަށް ނުލިބުމުން ކަންތައްތައް ވެގެން ހިނގައިދާނެ ގޮތެއް.
ދޮންމަންމައެއްގެ ޒީލަގަދަ ކަމާއި ބައްޕަގެ އަޅާލުން ނުލިބި އުޅެންޖެހުމުން ޢަލީގެ ޙަޔާތަށް ކުރިމަތިވި ކަންކަމުގައި އިޙްމާލު ވާންޖެހެނީ ކޮންފަރާތެއްބާ؟

2- ފުރަތަމަ ފަރުދާގައި ފެނިގެންދާނީ ގޭތެރޭގައި ޢަލީ އާއި މުޙައްމަދާ ދެބެއިން ތަޙައްމަލު ކުރަމުން ގެންދާ ހިތްދަތި ދިރިއުޅުން….. ބައްލަވާލައްވާ!

3- ދެވަނަ ފަރުދާގައި ފެނިގެންދާނީ އަލީ އާއި މުޙައްމަދު ކުލާސްތެރޭގައި ކުދިންނަށް ޖެއްސުން ކުރުމާއި އުނދަގޫކޮށް މުދައްރިސަށް އުނދަގޫ ކުރާ މަންޒަރާއި އަދި މުދައްރިސް ޢަލީ އިސްލާޙްވޭތޯ ކުރައްވާ މަސައްކަތް

4- ތިންވަނަ ފަރުދާގައި ފެނިގެންދާނީ ދޮންމަންމަގެ ކަންނެތް ދިރިއުޅުމުން ދުވަހެއް. އަދި ޢަލީ އާއި މުޙައްމަދުގެ ސްކޫލުންލިބޭ ޚާއްސަ ނޯޓިސްއަކަށް ފަހު ކަންތައްތައް ވެގެންދާގޮތް

5- ހަތަރުވަނަ ފަރުދާގައި ފެނިގެންދާނީ ޢަލީ އާއި މުޙައްމަދު މަގުމަތިން ހިނގާބިގާވާ މީހުންނަށް ޖެއްސުންކުރާ މަންޒަރާއި އެކަންކަން ޙައްލުކުރެވޭތޯ ޢުމުރުން ދުވަސްވީ މީހަކު ކުރާ މަސައްކަތް
6- ފަސްވަނަ ފަރުދާއިން ފެނިގެންދާނީ [ފަސްއަހަރު ފަހުން ޢަލީ އާއި މުޙައްމަދަށް ޖެހިފައިވާ ޙާލާއި އެމީހުންގެ ބައްޕަ ދޮންމަނިކުބެ ކުރަމުން ގެންދާ ހިތާމަ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި މަންމައާއި ބައްޕަގެ އަޅާލުން ފުރިހަމައަށް ބޭނުންވާނެކަން ފެނިގެންދާނެ…. ބައްލަވާލައްވާ
7- މިއީ [ އިހްމާލުވުން ] ވިސްނާލަމާތޯ؟
ސަމީހާ (ޕްރެސެންޓަރ)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.