ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫނިއަން ބާލިން ބަލިކޮށް އެއްވަނައިގައި ބަޔާން މިއުނިކަށް ހަތަރު ޕޮއިންޓުގެ ލީޑެއް

ބުންޑަސްލީގާ ގައި މިރޭ ތާވަލުގެ 12 ވަނައިގައި އޮތް ޔޫނިއަން ބާލިން އާއި، އެއްވަނައިގައި އޮތް ބަޔާން މިއުނިކް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ.

ޔޫނިއަން ބާލިން ގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ބަޔާން މިއުނިކުން ކަން ފާހަގަކޮށްލެވެއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ތޯމަސް މުލާ ޖެހި ގޯލު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީ.އޭ.އާރު) ބޭނުންކޮށްގެން ބެލުމަށް ފަހު، އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ރެފްރީ ވަނީ އެ ގޯލު ކެންސަލް ކޮށްލާފައެވެ.  ބަޔާން މިއުނިކް ގެ ފުރަތަަމަ ގޯލު ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 40 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

ގޯލުޖެހުމަށް ފަހު ލެވަންޑޮވްސްކީ އުފާފާޅުކުރަނީ

ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައި ވާއިރު، ޔޫނިއަން ބާލިން ގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. ގޯލެއް ޖަހާ މެޗުން ޕޮއިންޓެއް ހޯދުމަށް ޔޫނިއަން ބާލިން ކުރަމުން އައި މަސައްކަތް ފެނަށް ދިޔައީ ބެންޖަމިން ޕަވާޑް ގޯލެއް ޖަހާ ބަޔާންގެ ލީޑު ފުޅާކޮށްދިން ހިސާބުންނެވެ. 81 ވަނަ މިނެޓުގައި ޕަވާޑް މި ގޯލު ކާމިޔާބުކުރީ ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މިއާއި އެކު، މިހާތަނަށް ކުޅުނު 26 މެޗުން 58 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނައިގައި ބަޔާން މިއުނިކުން ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. 54 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ބޮރޫސިއާ ޑޯޓްމަންޑް އޮތްއިރު، 51 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އާރުބީ ލިޕްޒިގް އެވެ.

ބުންޑަސްލީގާ ގައި މިރޭ ދެން ކުޅުނު މެޗަށް ބަލާއިރު، ކޮލޯން އާއި، މެއިންޒް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top