ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް އިތުރު 10،000 ޓެސްޓު ކިޓް މިއަދު ހަދިޔާކޮށްފި އެވެ.
ޑަބްލިއުއެޗްއޯ އިން މިހާތަނަށް 21،000 ޓެސްޓު ކިޓް ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އަދި މީގެ އިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ވެސް މިއަދު ހާދިޔާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ހެލްތު މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ޑަބްލިއުއެޗްއޯއިން މިއަދު ރާއްޖެ އަށް ހަދިޔާކުރި ޕީޕީއީގެ ތެރޭގައި ހިމެނެނީ ގައުން އާއި، ފޭސް މާސްކާއި، އަންގި އާއި، ފޭސް ޝީލްޑް ކަމަށެވެ. އަދި، ކުރިމަގުގައި ރާއްޖެ އަަށް ކަނޑައަޅާ ޓެސްޓު ކިޓުގެ އަދަދު އިތުރުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޑަބްލިއުއެޗްއޯ ގެ މި އެހީއާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު އަށް ގުޅުއްވައި ޝުކުރު އަދާކުރައްވާފައެވެ.
