ގިނަ އަދަދެއްގެ ފަސެންޖަރުން ގޮވައިގެން ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިންގެ ފްލައިޓެއް ޕާކިސްތާނުގެ ކަރާޗީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.
ޕާކިސްތާނުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، ޕާކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓް ޕީކޭ-8303 ފްލައިޓް ވެއްޓުނީ 99 ފަސެންޖަރުންނާއި އަށް ކްރޫއިންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ، ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ.
ބޯޓު ވެއްޓުނު ކަރާޗީ އަކީ ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ސިޓީ އެވެ.
ސީބީއެސް ނޫހުން ރިޕޯޓުކުރި ގޮތުގައި ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށެވެ.
މި ސަރަހައްދުގައި ހުރި އިމާރާތްތަކުގެ ވަރަށް ގަދަޔަށް ދުން އަރާ މަންޒަރު ބައެއް ވީޑިއޯތަކުންަ ފެންނައިރު މި ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ސަލާމަތްވި މީހުންގެ އަދަދުވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޕާކިސްތާނުގައި ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެ އެވެ.
