އެކްޓަރ އަޙުމަދު އަޒްމީލް (އަޒޭ)ގެ އިސްނެގުމާއި އެކު ގިނަ ފިލްމީ ފަންނާނުން ހިމަނައިގެން އުފެއްދި ލޮކްޑައުން ފިލްމު “ކުޑަ ކުޑަ ބާރު” ނުވަތަ ކޭކޭބީ މިއަދު ދިވެހި ޓީވީ ތަކުން ދައްކަން ނިންމައިފިއެވެ.

ކޮވިޑުގެ ނުރައްކާތެރިކަމާމެދު ދިވެހިން ހޭލުންތެރި ކުރުމަށް ތަފާތު ގޮތަކަށް، ވަރުގަދަ މެސެޖުތަކެއްް ދީފައިވާ މިކުރު ފިލްމު މިވަނީ ހަމަ ރަނގަޅަށް ވެސް  ދިވެހީންގެ ހިތްތަކުން ޖާގަ ހޯދަފައެވެ. މި ފިލްމު ގިނަ އަދަދެއްގެ ބަޔަކު ބަލާފައި ވުމަކީ މިކަމުގެ ވަރުގަދަ ދަލީލެކެވެ. އެގޮތުން ޔޫޓިއުބު މެދުވެރިކޮށް މި ފިލްމަށް މިހާތަނަށް 13 ހާހަަށް ވުރެ ގިނަ ވިއުސް ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. 

ރާއްޖޭގެ ފިލްމީ ދާއިރާގައި ހިމެނޭ ހުނަރުވެރި ގިނަ ފިލްމީ ތަރިން ފެނިގެންދާ މިފިލްމުގެ ޑައިރެކްޝަނަށް ހަމަ ސަތޭކަ ދޭވަރު ވެއެވެ. އެހާ ވެސް ފިލްމު ފުރިހަމަ ވެފައި ޗާލެވެ. ފިލްމުގެ ކެމެރާ ކުރިމަތިން ފެނިގެން ދިޔަ ކުޅަދާނަ ފަންނާނުންގެ ހަރާކާތްތަަކަކީ ބެލުންތެރިންގެ ހިތުގެ ހަތަރު ފާރު ގުޑިގެން ދިޔަ ކަމަކަށް ވަނީ ވެފައެވެ. އެހާވެސް ބޮޑަށް ދިވެހީން މިދަނީ މިފިލްމު ބަލައިގަންނަމުންނެވެ. 

ރާއްޖޭގެ މޮޅެތި އެކްޓަރުންގެ ތެރޭގައި ހިމެނޭ، ހަސަން މަނިކު، ޝެރާ، ޖުމާ، ރިޝްމީ، ރަވީ، އާރިފާ ފަދަ ތަރިންގެ ފަރާތުން ފެނުނީ މޮޅު އެކްޓިން އެކެވެ. އަދި މީގެ އިތުރުން ސައީދާއި އަޒޫ، އަޒޭ، އައިމިނަތު ރަޝީދާ (އައިންތު) އަދި ޒެއްލުގެ ވެސް މޮޅު ރީތި އެކްޓިންތަކެއް ވަނީ ފެނިފައެވެ. މުޅި ފިލްމުގެ ސްކްރިޕްޓް ބިނާވެފައިވަނީ ކޮރޯނާއިން ސަލާމަތް ވުމަށް ދެވޭ ވަރުގަދަ މެސެޖުތެކެއްގެ މައްޗަށެވެ. ސްކްރިޕްޓް ތައްޔާރު ކުރީ އަޒޭއެވެ.

މި ފިލްމު ޚާއްސަވާ މުހިންމު ސަބަބެއްވެސް އެބަ އޮތެވެ. އަޒޭގެ މޮޅު ޑައިރެކްޝަންގައި ޙަގީގީ ކުލަ ޖައްސައިދިނީ ތަރިންގެ މިންނެތް މަސައްކަތުންނެވެ. ލޮކްޑައުންގައި ގޭގައި ތިބެ ފޯނުން އަމިއްލަޔަށް ކެމެރާކޮށްގެންނެވެ.

ފިލްމު ބަލަމުން ދިޔައިރު ފިލްމު “ފަތިސް ހަނދުވަރު”ގެ ޖިނާ އާއި ޒޫނާ ވަނީ މިފިލްމު އިތުރަށް ޝައުޤުވެރިކޮށްދީފައެވެ. އާނއެކެވެ. ދުވަސްތަކަކަށް ފަހު އަޅުގަނޑުމެންނަށް ރީކޯ މޫސަގެ “އޮބި” ނޯވޭ ބުނެލެވޭ ފަދަ މޮޅު އެކްޓިން މިވަނީ “ފަތިސް ހަނދުވަރު”ގެ ރަހަ ތަކާއި އެކު މި ކުރު ފިލްމުން ފެނިގެން ގޮސްފައެވެ. އަދި ނިމުނީއެއް ނޫނެވެ. ނިއުމާ އާއި އަފީ އަކީ ފިލްމީ ކެމެރާގެ ކުރިމަތީގައި މިހާރު ނުފެންނަ ދެތަރިން ކަމުގައި ވިޔަސް، އެ ފަރާތްތަކުގެ ޤާބިލުކަން މި ފިލްމުން ކިތަންމެ ހާވެސް ބޮޑަށް ފެނެއެވެ. 

ދެން އޮތީ ތިބޭފުޅުންގެ ހިތްވަރެވެ. ކޭކޭބީގައި އަޅުގަނޑުމެން މި ހިމެނި ކަންތައް މި ފިލްމު ބަލާލައިގެން އަމިއްލައަށް އިޙްސާސް ކޮށްލާށެވެ. މިއަދު 1345 ޓީވީއެމް އިން މި ކުރު ފިލްމު އާންމުންނަށް ދައްކާނެއެވެ. އަދި މީގެ އިތުރުން ރާއްޖެ ޓީވީ، ސަންގު ޓީވީ، ވީޓީވީ، ދިވެހި ޗެނަލް، ޗެނަލް13 އިން ވެސް މިފިލްމު ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

މި ފިލްމަކީ ހަޤީގަތުގައިވެސް ނުބަލައި ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫނެވެ. މި ފިލްމުން ބެލުންތެރިންނަށް ދެނީ ވަރުގަދަ، ސީރިއަސް މެސެޖުތަކެވެ. ޔޫޓިއުބުން މިހާރު ވެސް ބެލޭނެއެވެ. ލަސް ކުރާނެ ކަމެއް ނެތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.