ފިލްމު “83” ގައި އެކްޓުކޮށްލުމަކީ އިންޑިޔާގެ ޤައުމީ ކްރިކެޓް ޓީމަށް ކުޅުމަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށްވުން ކަމުގައި އިހުސާސްކުރެވޭ ކަމަށް އެކްޓަރ ސާޤިބް ސަލީމް ބުނެފިއެވެ.
“ކްރިކެޓް ކުޅުމަކީ އަހަރެން އަބަދުވެސް ބޭނުންވާ ކަމެއް. ސްޓޭޓް ލެވެލްގައި ކްރިކެޓް ކުޅެންވެސްމެ. އެކަމަކު އަދި ޕްރޮފެޝަނަލް ކްރިކެޓް ކުޅުންތެރިއަކަށް ނުވެވޭ. އުމުރުން 20 އަހަރު ވަންދެން އަހަރެން ކްރިކެޓް ކުޅުނިން. އެހެންވެ ކޮންމެވެސް ދުވަހަކުން ޤައުމީ ޓީމަށް ކުޅެލުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް. ޙަޤީޤީ ދިރިއުޅުމުގައި އެކަން ފުރިހަމަ ނުވިޔަސް ފިލްމެއްގައި އެކަން ތަޖުރިބާކޮށްލަން ލިބިއްޖެ.”
ސާޤިބް ބުނެފައިވެއެވެ.
ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ “83” ގައި ކިޔައިދެނީ 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިޔާއިން ޗެމްޕިއަން ހޯދި ގޮތުގެ ވާހަކައެވެ. އެފަހަރު ޓީމުގެ ކެޕްޓަންކަން ކުރި ކަޕިލް ދޭވްގެ ރޯލު ކުޅެނީ ރަންވީރް ސިންގއެވެ. އޭނަގެ އަންހެނުންގެ ރޯލު ކުޅެނީ ދީޕިކާ ޕަޑުކޯންއެވެ.
ކުރިން މި ފިލްމު، މިދިޔަ އޭޕްރިލް މަހުގެ 10 ގައި ރިލީޒްކުރަން ހަމަޖެހިފައި އޮތްނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން މި ފިލްމު ރިލީޒްކުރުން ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.
