ކޮވިޑް-19 އާ ގުޅިގެން ފުރަބަންދުކޮށްފައިވާ ގްރޭޓަރ މާލެ ސަރަޙައްދާއި، ރާއްޖޭގެ ބައެއް ރަށްތައް ފުރަބަންދުން ވީއްލައި، ރާއްޖެ އައު ޢާންމު ޙާލަތަށް (ނިއު ނޯމަލް) ދާއިރު، ޢަމަލު ކުރާނެ އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެކި މަރުޙަލާތަކަކަށް ބަހާލައިގެން މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެންމެފުރަތަމަ ފިޔަވަހީގައި ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ މުއައްސަސާތައް އެކަނިކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލޭގައި އިޢުލާނުކޮށްފައިވާ ފުރަބަންދު ނެގުމަށް ހަމަޖެހިފައި ވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަމަށާއި، ނަމަވެސް، އެކަން ކުރާނެ ވަކި ދުވަހެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ފުރަބަންދުން ވީއްލާއިރު، ކަންކަން ކުރިއަށް ގެންދާނީ ރައްޔިތުންނަށް ވީހާވެސް ނުރައްކާތެރިކަން ކުޑަވާނެ ގޮތަކަށް ބަލައި، ޙާލަތު ރަނގަޅަށް މޮނިޓަރ ކުރުމަށް ފަހުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.